ޚަބަރު

ލިވަޕޫލާއި ނިއުކާސަލް މެޗު އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ފަންސާސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ދެ ޓީމު ނިކުތްއިރު ދެ ޓީމުގައިވެސް ތިބީ މި ސީޒަނަށް އަލަށް ކޯޗު ކަމާއި ހަވާލުވެތިބި ދެ މީހުންނެވެ. ލިވަޕޫލްގެ ކޯޗު ކަމާއި އިރައޯލާ މިދިޔަ ޖޫން މަހު ހަވާލުވިއިރު ނިއުކާސަލްގެ ކޯޗު ކަމާއި މެތިއަސް ޖެއިސަލް ހަވާލުވެފައިވަނީ އޮގަސްޓް މަހުގެ ކުރީކޮޅުގައެވެ.

ލިވަޕޫލް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ނުރައްކާތެރި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާ މި މެޗުގެ ފަސްވަނަ މިނިޓުގައި ނިއުކާސަލްއިން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑަކީ އޮސޫލާ ދިން ޕާހަކުން އެންތޮނީ އެލަންގާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގައި ކޯޑީ ގެކްޕޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ނަމަވެސް އޭގެ ދެ މިނިޓު ފަހުން ނިއުކާސަލްއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޔޯން ވިއްސާ ދިން ޕާޙަކުން ޖޯ ވިލޮކް އެވެ.

ނިއުކާސަލްގެ ދެވަނަ ލަނޑަށްފަހު ލިވަޕޫލް އިން ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސް އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ލިވަޕޫލް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ކުޅުމުގެ ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނިޓުގެ ތެރެއިން ފަހު މިނިޓުގައި ލެވިސް ހޯލް އޭރިޔާ ތެރެއިން ވިކްޓަރ މުނޯޒް އަށް ކުރި ފައުލަކާއި ގުޅިގެން ލިވަޕޫލް އަށް ލިބުނު ޕެނަލްޓީއެކެވެ.

މެޗުގެ ނަތީޖާ ލިވަޕޫލް އަށް އެއްވަރުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑޮމިނިކް ސޮބޮޒްލާއީ އެވެ.