ޔޫރަޕުގެ ޓްރާންސްފާ މާކެޓް ބަންދުވާން ބާކީ އޮތީ އެންމެ ހަ ދުވަހެވެ. އެންމެ ބޮޑު ނުތަނަވަސް ކަމެއްގައި އުޅެނީ ސްޕޭނުގެ އެތުލެޓިކޯ މެޑްރިޑްގައެވެ.
އެ ކުލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ބޭނުންވަނީ ވާދަވެރި ބާސެލޯނާ އަށް ބަދަލުވާށެވެ. ދެކުނު އެމެރިކާގެ ގިނަ ކުޅުންތެރިން ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ކުޅެން ދެކޭ ހުވެފެން ފަދައިން 25 އަހަރުގެ ފޯވަޑްގެ އުއްމީދަކީ ބާސެލޯނާގެ ޖާޒީލުމެވެ. ނަމަވެސް މެންޗެސްޓާ ސިޓީން މީގެ ދެ އަހަރު ކުރިން އެތުލެޓިކޯ އަށް ބަދަލުވި ކުޅުންތެރިޔާގެ 2030އާ ހަމައަށް ހަދާފައިވާ ކޮންޓްރެކްޓާހުރެ އޭނާ ދޫކޮށްލުމުގެ ބާރު ބޮޑަށް އޮތީ ކުލަބަށެވެ. އެހެން ނޫނީ ޖެހޭނީ އަމިއްލަ އަށް މުޅި ކޮންޓްރެކްޓް ގަންނާށެވެ.
އެތުލެޓިކޯގެ ނިންމުން ވަރަށް ސާފެވެ. ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ކުޅުންތެރިއަކު ނުވިއްކަން އެމީހުން އެތިބީ ނިންމައިގެންނެވެ. ވާދަވެރި ކުލަބަކަށް ވާތީ އެވެ. މީގެ އިތުރުން ބާސެލޯނާ އާއި އެތުލެޓިކޯގެ ވެރިންނާ ދެމެދު އޮތް ނުތަނަވަސް ކަމަކީ އަލްވަރޭޒް ހުވަފެން ހަގީގަތަށްވިޔަ ނުދީ އޭނާ ބަނދެލުމުގެ ސަބަބެކެވެ.
އެތުލެޓިކޯގެ ސީއީއޯ މިގުއެލް އެންޖެލް މަރިން އައި ރައީސް އެންރީކޭ ސެރޭޒޯ ބާސެލޯނާ އަށް ކުޅުންތެރިއަކު ވިއްކައިފިނަމަ ސަޕޯޓަރުންގެ ނުރުހުމާ ކުރިމަތިލާން ޖެހޭނެ އެވެ. އެންޓޮއިން ގްރިއެޒްމަން ވިއްކާލުމަކީ އެންމެ ފަހުން ހިނގި މިފަދަ ކަމެކެވެ. ދެން ހުރީ ސްޕޯޓިން ޑައިރެކްޓަރު މަތިލު އަލެމަނީ އެވެ. ބާސެލޯނާގައި އޭނާ އެ މަގާމުގައި ހުއްޓައި ވަކިކުރީ މިހާރުގެ ރައީސް ޖޯން ލަޕޯޓާ އެވެ. މި ނުތަނަވަސްކަން އެތްލެޓިކޯގެ ވެރިންގެ ތެރޭގައި ބޮޑެވެ.
މީގެ ފައިދާ ނަގަން އިނގިރޭސިވިލާތުގެ އާސެނަލް މަސައްކަތް ކޮށްފި އެވެ. އެ ކުލަބުން 100 މިލިއަން ޔޫރޯ އަލްވަރޭޒް ގަންގަން ހުށަހެޅި ނަމަވެސް މި ޑީލަށް ހުރަސް އަޅަނީ ކުޅުންތެރިޔާ އެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ފޯނު ކޯލުތައް ފުލުފުލުގައި ލިބެމުންދިޔަ ނަމަވެސް އަލްވަރޭޒް ދާން ބޭނުންވާ ހަމައެކަނި ކުލަބަކީ ބާސެލޯނާ އެވެ. އާސެނަލް އިހްތިޔާރު ކުރަން އެތްލެޓިކޯގެ ވެރިން ވަނީ އަލްވަރޭޒަށް އަންގައިފަ އެވެ.
އެހެންވިއްޔާ ކުޅުންތެރިޔާ މިކަމާ ދެކޮޅު ހަދާ ސަބަބެއް ނުވަތަ ސަބަބުތަކެއް ވޭ ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ. އެންމެ ބޮޑު ސަބަބަކީ ބާސެލޯނާ އަށް ބަދަލުވާން ބޭނުންކަމަށް އާއްމުކޮށް ބުނެފިނަމަ އޭނާ ދޫކޮށްލަން އެތްލެޓިކޯގެ ވެރިން ކުރިން އެއްބަސްވެފައި އޮތުމެވެ. އަދި އެތްލެޓިކޯ އަށް ސޮއިކުރިއިރު އޭނާ ދާން ބޭނުންވާ ކުލަބަކުން ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ދޫކޮށްދޭން ވައުދުވެފައިވެ އެވެ.
މިއިން އެއްވެސް ކަމަކަށް މިހާރު އެތްލެޓިކޯގެ ވެރިން އިހްތިރާމް ނުކުރުމަކީ ވެސް އަލްވަރޭޒް ހިތްހަމަނުޖެހުން އިންތިހާ އަށް އޮތް ސަބަބެކެވެ. ދޮގު ހަދާ ބައެއްގެ ގާތުގައި ކަމަކަށް ދެން ނުވާނެ ކަމަށާއި ދެން ވެސް ހަދާނީ ދޮގު ކަމަށް އަލްވަރޭޒްގެ އެޖެންޓް ސޯޝަލް މީޑިއާގައި ބުނީ ވެސް މިހެންވެ އެވެ.
ކުޅުންތެރިޔާގެ ނުގަބޫލުގައި އޭނާ ބަހައްޓަން ކޯޗު ޑިއެގޯ ސިމިއޯނޭ ބޭނުމެއްނުވެ އެވެ. އެފަދަ ހަރުކަށި ކޯޗެއްގެ ގޮތުގައި ލޭބަލް ވާކަށް އޭނާ ވެސް ބޭނުމެއްނުވެ އެވެ. މިހާރު ކުލަބުގެ ސަޕޯޓަރުން ވެސް ގޮވަމުންދަނީ އަލްވަރޭޒް ކުލަބުން ފޮނުވާލުމަށެވެ. މިހެންވެ އެތްލެޓިކޯގެ ވެރިންނާއި ކޯޗު ވެސް ވަނީ ރޭ ކުއްލި މަޝްވަރާއެއް ކޮށްފަ އެވެ.
މި ބައްދަލުވުމުގައި ނިންމީ ދެ ކަމެކެވެ. އަލްވަރޭޒް ދޫކޮށްލާނީ އޭނާގެ ކޮންޓްރެކްޓްގައިވާ ރިލީޒް ކްލޯޒަށްވާ 500 މިލިއަން ޔޫރޯ ދޭ ބަޔަކަށެވެ. ނަމަވެސް 150 މިލިއަން ޔޫރޯ ހުށަހަޅާ ބަޔަކަށް ކުޅުންތެރިޔާ ވިއްކާލުމާމެދު މަޝްވަރާތައް ފަށާނެ އެވެ. މިކަމަށް އިޝާރާތްކޮށް ސެރޭޒޯ ވިދާޅުވީ އާސެނަލް އާއި ބާސެލޯނާއިން ވެސް އަލްވަރޭޒް ގަތުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ނުދާ ކަމަށެވެ.
ނަމަވެސް ސްޕޭނުގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އެތްލެޓިކޯ ވަނީ ފައިސާ އަށް ބޭނުންވެފަ އެވެ. ޓީމު ވަރުގަދަ ކުރުމަށް ބޭނުންވާ ކުޅުންތެރިން ހޯދަން އެ ކުލަބަށް މިހާރު 20 މިލިއަން ޔޫރޯ ވެސް ހަރަދު ކުރަން ބަޖެޓް ތަންނުދެ އެވެ. މިހެންވެ އަލްވަރޭޒަކީ ކުލަބުގައި ހުރި އެންމެ ވަރުގަދަ ރައުސޫމާލް ކަމަށް ދެކެނީ އެވެ.
އާސެނަލް އޮތީ މިހާރު ވެސް އަލަވްރޭޒަށް 105 މިލިއަން ހަރަދު ކުރަން ތައްޔާރަށެވެ. ބާސެލޯނާ އިން ކިޔަނީ 100 މިލިއަން ޔޫރޯ އެވެ. ނަމަވެސް އެތްލެޓިކޯ މަދުވެގެން ބޭނުންވަނީ 150 މިލިއަން ޔޫރޯ އެވެ. އެހެންވިއްޔާ މި ވާދަވެރިކަމުގައި ކުރި ލިބޭނީ ކާކަށް ހެއްޔެވެ؟