ޚަބަރު

"އެމް.ޕީ.އެލްގެ އާ އުޅަނދުތައް ދޮޅުމަސްދުވަސްތެރޭ ގެނެވޭނެ"


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމް.ޕީ.އެލްއިން ގެންނަން ނިންމާފައިވާ އައު ސާމާނާއި އުޅަނދުތަކަށް މިހާރު ފައިސާ ދައްކާފައިވާ ކަމަށާއި ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ބައެއް އުޅަނދުތައް ގެނެވޭނެ ކަމަށް އެކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު ވިދާޅުވެއްޖެއެވެ. 

ޖުނައިދު މިހެން ވިދާޅުވީ އެކުންފުންޏަށް ތިރީސް އަހަރު ފުރުމާއި ގުޅިގެން ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމް.ޕީ.އެލްގެ ތިރީސް ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު ވިދާޅުވީ އެކުންފުންޏަށް ގެންނަން ނިންމި ސާމާނާއި އާލަތްތައް ގެނައުން ލަސްވީ އިދާރީ ގޮތުންނާއި އެހެނިހެން މުއައްސަސާތަކުން ނިންމަންޖެހޭ ނިންމުންތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް މިހާރު އެތަކެއްޗާއި އުޅަނދުތައް ގަންނަން ފައިސާ ދައްކާ ނިމިފައިވާކަމަށާއި ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި އޭގެ ތެރެއިން ބައެއް އުޅަނދުތައް މާލެ ގެނެވޭނެ ކަމަށެވެ.

ރޭގެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ޖުނައިދު ވިދާޅުވީ ބަނދަރަށް ތިރީސް އަހަރުވެގެން ދިޔައިރު ބަނދަރުގެ ޚިދުމަތް އޮތީ ވަރަށް ދަށުގައިކަމަށެވެ. އެގޮތުން ބަނދަރުގައި ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތައް ބާވެ، ހަލާކުވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.  

ވިޔަފާރި ބަނދަރަކީ ރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ މުހިއްމު ތަނެއްކަން ފާހަގަކުރައްވާ ޖުނައިދު ވިދާޅުވީ އަންނަ އަހަރު ނިމެންވާއިރަށް އިތުރު ފަސްސަތޭކައެއްހައި ވަޒީފާ އުފައްދާނެ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ އެމްޕީއެލްގެ މުއައްޒަފުންގެ އަގުވަޒަންކޮށް ފަންސާސް ނުވަ މުވައްޒަފަކަށް ހަނދާނީ ފިލާ ދީފައެވެ. 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ނަމުގައި މާލޭ ވިޔަފާރި ބަނދަރު އުފައްދަވާފައިވަނީ ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަނަރަ ވަނަ ދުވަހުއެވެ.