ޚަބަރު

ސާފް އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ


  • މި ބައްދަލުވުމުގައި 14 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ތައްޔާރީތަކުގެ އަދާހަމަތައް ހިއްސާކޮށްފައި

  • 14 ވަނަ ސައުތު އޭޝިއަން ގޭމްސް 2027 އޮންނާނީ މާޗްމަހުގެ 23 އިން 31 އަށް ޕާކިސްތާނުގައި

ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ އެކްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 23 އިން 24 ގެ ނިޔަލަށް ޕާކިސްތާނުގެ އިސްލާމު އާބާދުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޢަބްދުއްސައްތާރާއި އެމްއޯސީގެ ޖެނެރަލް ސެކްރެޓެރީ ތަމޫހް އަހްމަދު ސަޢީދުއެވެ.

ޕާކިސްތާނުގެ ޤައުމީ އޮލިމްޕިކް ކޮމިޓީއިން އިންތިޒާމުކޮށްގެން ބޭއްވި މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ 2027 ވަނަ އަހަރު ފެށުމަށް ތާވަލުކޮށްފައިވާ 14 ވަނަ ސައުތު އޭޝިއަން ގޭމްސްއަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭ އެންމެފަހުގެ އަދާހަމަތައް ހިއްސާކޮށް މުބާރާތުގެ ކަންކަމާމެދު ޚިޔާލާއި މަޝްވަރާ ހޯދުމެވެ. މި ބައްދަލުވުމުގެ ތެރެއިންވަނީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްތަކަށް ބައްދަލުވުމުގެ ބައިވެރިންވަނީ ޒިޔާރަތްވެސްކޮށްފައެވެ.

14 ވަނަ ސައުތް އޭޝިއަން ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ މާޗްމަހުގެ 23 އިން 31 އަށް ޕާކިސްތާނުގެ ލާހޫރް، އިސްލާމްއާބާދު އަދި ފައިސަލްއާބާދުގައެވެ. ސައުތް އޭޝިއާގެ 8 ޤައުމަކުން މިމުބާރާތުގައި ވާދަކުރާނެއެވެ.