ޚަބަރު

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ފާސްކޮށްފި


  • ރައީސް ފޮނުއްވާފައިވަނީ އައިޝަތު އަރީފާ އާއި މުޙައްމަދު އާރިފްގެ ނަން

  • މުޙައްމަދު އާރިފަށް ރުހުން ދޭން ފާސްވީ މެމްބަރުންގެ އިއްތިފާގުން

  • އަރީފާއަށް ރުހުން ދޭން ފެންނަކަމަށް ވޯޓު ދިނީ 48 މެންބަރުން

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ 2 ބޭފުޅުންނަށް ރުހުން ދޭން މަޖިލީހުން ފާސްކޮށްފިއެވެ.

އެލްޖީއޭގެ ބޯޑަށް މަޖިލީހުން ޢައްޔަންކުރައްވާ މެންބަރުންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، މަޖިލީހުން ކަނޑައަޅުއްވާ މެމްބަރުންގެ ގޮތުގައި އައްޔަންކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވާފައި ވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.

އެމަނިކުފާނު ފޮނުއްވާފައިވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަން ކުރައްވާ މެންބަރުންގެ ނަންތަކެވެ.

މިންތީގެ ހަމަހަމަކަން ނުވަތަ ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި އެލްޖީއޭގެ ބޯޑަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އަރީފާގެ ނަމެވެ. ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފްގެ ނަމެވެ.

މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ވަޙީދު ހުށަހަޅުއްވާފައިވަނީ، އެ ދެ ބޭފުޅުންނާއި އިންޓަރވިއުކުރުމަށްފަހު، އެ ދެބޭފުޅުންނަށް ވެސް އެވްރެޖްކޮށް %75 އިން މަތިން މާކްސް ލިބިފައިވާތީ، އެ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްކުރުމަށެވެ.

ކޮމިޓީން ރުހުން ދީފައިވާގޮތަށް އައިޝަތު އަރީފާ އާއި މުޙައްމަދު އާރިފްގެ ނަން ފާސްކުރުމަށް މަޖިލީހުން ފާސްކުރުމަށް ވަކި ވަކިން ވަނީ ވޯޓަށް އަހާފައެވެ. އެގޮތުން، މުޙައްމަދު އާރިފް އައްޔަން ކުރުމަށް ފެންނަކަމަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްވެފައިވާއިރު އައިޝަތު އަރީފާ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 48 މެންބަރުންނެވެ.

9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުގެ އިތުރުން، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްޢިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.