ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަންގެ ތެރެއިން ފޮނުވާ ނޯޓިސްއަށް ޖަވާބުދާރީވުމަށްދޭ މުއްދަތު އިތުރުކޮށްފިއެވެ.
ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢަށް 58،585 ފޯމު ހުށަހަޅާފައިވެއެވެ. މިހާރު ކުރިއަށްގެންދަނީ ފޯމުތައް ވެރިފައި ކުރުމުގެ މަރުޙަލާއެވެ.
ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ، ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކާއި ގުޅޭ މަޢުލޫމާތު އެދި އިދާރާތަކުން ސާފުކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކައުންސިލުތައް، ސިޓީކައުންސިލުތައް އަދި އެހެނިހެން އިދާރާތަކުގައިވެސް ހުރި ގޯތިގެދޮރުގެ ރަޖިސްޓްރީއާ ގުޅޭ މަޢުލޫމާތުތައް އެއްކޮށްފައިވެއެވެ. މި މަޢުލޫމާތު ބަލާނީ މުޅިން އޮޓަމޭޓެޑް ޕްލެޓްފޯމަކުންނެވެ.
އެ މަޢުލޫމާތުތައް ޗެކްކުރުމަށް، ރަޖިސްޓްރީއާ ގުޅިގެން ފުށުއަރާ މީހުންނަށް އެކަން އަންގާ، އެކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު އެ ވުޒަރާއިން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން، ފްލެޓާއި ގޯއްޗަށް އެދި ޢާއްމުން ހުށަހަޅާފައިވާ މަޢުލޫމާތުގެ ފުށުއެރުމެއް ހުރިނަމަ، އެކަމާ ގުޅޭ ސައްޙަ މަޢުލޫމާތު ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ސާފުކޮށްދިނުމަށް ކުރިން ދީފައިވަނީ 7 ދުވަހުގެ މުއްދަތެވެ. އެހެންނަމަވެސް ބޯހިޔާވަހިކަމަށް އެދުނު ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް އެ މުއްދަތު މިހާރު 21 ދުވަހަށް ނިންމަވާފައިވާކަމަށް، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވާފައިވެއެވެ.
އެހެންކަމުން އެ 21 ދުވަހުގެ ތެރޭގައި، ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ސާފުކޮށްދިނުމަށް އެ ވުޒާރާއިން އެދިވަޑއިގަންނަވައެވެ. އަދި މަޢުލޫމާތުގެ ފުށުއެރުންތައް ހުރިނަމަ، އެކަން އިސްލާޙުކުރުމަށް ބޭނުންވާ ލިޔުންތައް ހުށަހަޅަން ފުރުސަތު ލިބޭނެކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ބޯހިޔާވަހިކަން އެންމެންނަށް މަޝްރޫޢުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކާއި މުޢާމަލާތްކުރާނީ އެކަމަށް ޚާއްސަކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ. ޖަވާބުދާރީވުމަށް ދޭ މުއްދަތުގެ ތެރޭގައި އެއްވެސް ޖަވާބެއް ނުދީފިނަމަ އެ މަޢުލޫމާތު ރަނގަޅުކުރުމަށް އިތުރު ފުރުސަތެއް ނުލިބޭނެކަމަށް ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ޑިސެންބަރު މަހަށް ވެރިފިކޭޝަން މަސައްކަތްތައް ނިންމާ، ޑިސެންބަރު މަހުގެ ތެރޭގައި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓް އާއްމުކުރުމަށެވެ.