ޚަބަރު

"މުދާ ނެގުމުގެ ބިލަކީ ކޮރަޕްޝަނާ ދެކޮޅަށް އެޅޭ މުހިއްމު ފިޔަވަޅެއް"


  • ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި

  • ބިލުގެ ސަބަބުން ނުޙައްގުން ހޯދާ މުދާ ނެގުމާއި އެ މުދަލުން އިތުރު މަންފާ ހޯދުން ހުއްޓުވޭނެ

ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވުމަކީ، ކޮރަޕްޝަނާ ދެކޮޅަށް ދިވެހިރާއްޖޭގައި ކުރެވޭ މަސައްކަތުގައި ފާހަގަކޮށްލެވޭ އަދި ތާރީޚީ މުހިންމު ފިޔަވަޅެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ރައީސްގެ ނިންމެވުމަށް މަރުޚަބާ ވިދާޅުވެފައިވެއެވެ.

އޭސީސީން ވިދާޅުވީ މި ބިލުގެ ސަބަބުން، ކޮރަޕްޝަންގެ ކުށްތައް ހުއްޓުވުމަށާއި، ބޮޑެތި ކުށްތަކުން ހޯދާ ނުޙައްޤުން މަންފާ އަނބުރައި ދައުލަތަށް ނަގަން ޤާނޫނީ ގޮތުން ބާރު ލިބޭނެކަމަށެވެ. އަދި ޤާނޫނާ ޚިލާފަށް ހޯދާ މުއްސަނދިކަން ކުށްވެރިންނަށް ލިބެމުންދިއުން ހުއްޓުވުމަށް ބޭނުންވާ ވަރުގަދަ ޤާނޫނީ އޮނިގަނޑެއް ޤާއިމުވެގެންދާނެކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މިއީ މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި ދައުލަތުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް މުހިންމު ފިޔަވަޅެއްކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެއް." އޭސީސީގެ ބަޔާނުގައިވެއެވެ.

ކޮމިޝަނުގެ އުންމީދަކީ، މި ބިލު، ވީ އެންމެ އަވަހަށް އަދި ފަންނީގޮތުން އެންމެ ފުރިހަމައަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވަވައި، ޢަމަލީ ސިފައެއްގައި ތަންފީޒުކުރަން ފެށިގެން ދިއުންކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

އެ ބަޔާނުގައި، ​ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި، އެންމެ މަތީ ދަރަޖައިގެ އިންސާފު ޤާއިމުކުރުމަށްޓަކައި، މި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ގުޅިގެން ގާތުން މަސައްކަތް ކުރުމުގައި ކޮމިޝަން ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ކުށްކޮށްގެން ހޯދާ މުދާ، ދައުލަތަށް ނެގުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ޖިނާޢީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުޙައްގުން ހޯދާ މުދާ ނެގުމާއި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ.