ސުކޫލް މަދަރުސާތަކުގައި ދަރިވަރުންނަށް ކިޔަވައިދިނުމަކީ ހަމައެކަނި އެކުދިންނަށް ފޮތުގެ ދެލިގަނޑު ދަސްކޮށް ދިނުމެއް ނޫނެވެ. ޢިލްމީ ޤާބިލު ދަރިވަރުންތަކެއް އުފެއްދުމަށް ކުރާ މަސައްކަތަކީ މާދަމާ ޤައުމު ހިންގާނެ ދަރިން ތަމްރީނުކޮށް ތަރުބިއްޔަތުކުރުމެވެ.
އެކުދިންނަކީ ފޮތުން ކިޔަވާ ކިޔެވުމުގެ އިތުރުން ދިރިއުޅުމުގެ ހުނަރުތައް ލިބިފައިވާ އަދި ދިމާވާ ކަންކަމާ ކެރިގެން ކުރިމަތިލާން ކެރޭ ކުޅަދާނަ ކުދިބަޔަކަށް ހެދުމަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ އެންމެ މުހިންމު އަމާޒެވެ. ސްކޫލް ދައުރު ނިންމުމަށްފަހު، ދަރިވަރުން ކުރިމަތިލާ މަރުހަލާތަކަށްދާއިރު މިފަދަ ކަންތައްތައް ދަސްވެފައި ހުރުމަކީ އެކަމުން އެކުދިންނަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމެކެވެ.
މި މަޤްސަދު ޙާސިލްވާނެ މަގަށް ސްކޫލްތަކުގައި ދަރިވަރުން ބިނާކުރާ އެންމެ މުހިންމު ޙަރަކާތްތަކީ ސްކައުޓު ހަރަކާތާއި ގާލްގައިޑް އަދި ކެޑޭޓު ހަރަކާތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.
ސްކޫލުގެ އިމުގެ ތެރޭގައި ހިންގާ ޙަރަކާތްތަކުގެ އިތުރުން މި ދެހަރަކާތުގައި އުޅޭ ދަރިވަރުންނަކީ ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގައިވެސް ކުރީ ސަފުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ބައެކެވެ. އެކުދިންގެ ސްކޫލް ދައުރު ނިމުމަށްފަހު ދައުލަތުގެ އެކި އިދާރާތަކާއެކު މަސައްކަތް ކުރުމުގައިވެސް ނަމޫނާ ދައްކައެވެ.
އެހެންކަމުން މިހަރަކާތަކުންވެސް ކުދިން ތަރުބީއްޔަތާއި އަޚްލާޤަށް ނުހަނު ހެޔޮ ބަދަލުތައް އަންނަކަމީ ފެންނަން އޮތް ހަގީގަތެކެވެ. ސްކައުޓާއި ގާލްގައިޑުން އަދި ކެޑޭޓުންގެ ގޮތުގައި ހަރަކާތެރިވާ ކުދިންނަކީ އެކުދިންގެ ހުވާގައި ބުނާހެން ޤައުމުދެކެ ލޯބިވާ ޤައުމަށް ޖެހޭ ކޮންމެ ކަމެއްގައި ކެރިގެން ކުރިމަތިލާ ހިތްވަރުގަދަ ބައެކެވެ.
މިހާރު ރާއްޖޭގައި 160 އަށްވުރެ ގިނަ ސްކައުޓް ގްރޫޕު ހަރަކާތްތެރިވެއެވެ. އަދި މި ހަރަކާތުގައި 18,000 އަށްވުރެ ގިނަ ސްކައުޓުން އަންނަނީ، ހަރަކާތްތެރި ވަމުންނެވެ. އަދި ގައިޑް ހަރަކާތްތަކުގައިވެސް 11000އަށް ވުރެ ގިނަ ގައިޑުން ބައިވެރިވެއެވެ. މި ޔުނިފޯމް ހަރަކާތްތަކަށް 70 އަހަރުވެފައިވާއިރު، މި ދިގު ދަތުރުގައި ބައިނަލްއަޤުވާމީ ގިނަ ޖަމްބޮރީތަކުގައި ބައިވެރިވެ، ރާއްޖޭގައިވެސް ކާމިޔާބު ޖަމްބޮރީތަކެއް ވަނީ ބާއްވާފައިވެއެވެ. ހަމަ އެގޮތަށް ކެޑޭޓް ހަރަކާތަކީ 50 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ހަރަކާތަކަށްވާއިރު، މިހާރު މިހާރު މި ހަރަކާތުގައި 50އަށް ވުރެ ގިނަ ސްކޫލުގައި ކުރިއަށް ގެންދެއެވެ. އަދި މިހަރަކާތުގައި 5000އަށް ވުރެ ގިނަ ކުދިން ބައިވެރިވެއެވެ.
މީގެ އެތައް އަހަރުތަކެއް ފަހަށް ޖެހިލާއިރު އެކަޑަމިކް ކަލަންޑަރުގައި ހިމަނައިގެން ސްކޫލް ދަރިވަރުންގެ ޔުނިފޯމް ހަރަކާތްތައް ކުރިއަށްގެންދިޔަނަމަވެސް ވަރަށް ފަހަކާ ޖެހެންދެން އެކަން ކުރިއަށްގެންދިޔާ އެހެނެއް ނޫނެވެ. ނަމަވެސް މިއަހަރުގެ އެކަޑަމިކް ކަލަންޑަރުގައި މިހަރަކާތްތައް ކުރިއަށްގެންދާނެ ވަކި ދުވަސްތަކެއް ކަނޑައެޅިއެވެ. މިގޮތުން މިމަހުގެ 22 އިން 25އަށް އޮތީ މިފަދަ ހަރަކާތްތައް ކުރިއަށްގެންދާނެ ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެދުވަސްތަކުގައި މިހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ގޮތުން މި ހަރަކާތްތަކުގައި ބައިވެރިނުވާ ދަރިވަރުންނަށްވެސް އެއީ ސްކޫލް ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސިއެވެ.
މިގޮތުން ސްކައުޓާއި ގާލްގައިޑްއިންނާއި ކެޑޭޓުން ކުރިއަށްގެންދިޔަ ކޭޕްތަކަށް ބަލާއިރު ސްކައުޓް އޮތް ހުރިހާ ސްކޫލްތައް ހިމެނޭހެން މިހަރަކާތްތައް ކުރިއަށްގެންދިޔައެވެ. މާލެ ސަރަޙައްދުގައި ސްކައުޓުން ކޭމްޕެއް ކުރިއަށް ކ.ގުރައިދޫގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ކޭމްޕްގައި މާލެއާއި އަތޮޅުތެރޭގެ ސްކޫލްތައް ހިމެނޭހެން 6 ސްކޫލްގެ 200އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. ގައިޑުންނާއި، ސްކައުޓުންގެ އިތުރުން ކެޑޭޓުންގެ ތަމްރީނު ކޭމްޕްތައް މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިއަހަރު މުޅިން އަލަށް ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކެޑޭޓް ހަރަކާތް ވަނީ ފަށާފައެވެ.
ޔުނިފޯމް ބޮޑީގެ ހަރަކާތްތަަކަކީ ދަރިވަރުންނަށް ކްލާސްރޫމްގައި އުނގަންނައިދޭ ފިލާވަޅުތަކުގެ އިތުރަށް އެހެނިހެން ކަންކަމުގައިވެސް ޤާބިލު އަދި ހަރުދަނާ މީހެއް ބިނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. މި ހަރަކާތްތަކުގައުި އެކަކު އަނެކަކަށް އިޙްތިރާމް ކުރަން ދަސްކޮށްދިނުމާއި ކަންކަމުގައި އަމިއްލައަށް އިސްނަގަން ދަސްކޮށްދިނުމުގެ އިތުރުން ދިރިއުޅުމުގެ އެކި ކަންކަން ދަސްކޮށްދިނުން ހިމެނެއެވެ.