ޚަބަރު

ކަރަބާއޯ ކަޕްގެ ތިންވަނަ ބުރަށް ޗެލްސީ


އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ތިންވަނަ ބުރުގެ ޖާގައެއް ޗެލްސީން ހޯދައިފިއެވެ.

ޗެލްސީން މި މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ލީގު ވަންގެ ކްލަބެއް ކަމުގައިވާ ލުޓޮން ޓައުން އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗަށް ޗެލްސީ ނިކުތްއިރު އެ ޓީމުގެ މިޑްފީލްޑަރ އެންޒޯ ފެނާންޑޭޒް މި މެޗުގެ ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. ފާއިތުވެދިޔަ ގިނަ ދުވަސްތަކެއްގައި އެންޒޯ ފެނާންޑޭޒް ހޯދުމަށް މެންޗެސްޓަރ ސިޓީން ބިޑު ކުރި ނަމަވެސް ޗެލްސީން ވަނީ އޭނާ ވިއްކާލާނީ 120 މިލިއަން ޕައުންޑަށްވުރެ ކުޑަނޫން އަގަކަށް ކަމަށް ބުނެފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އެންޒޯ ފެނާންޑޭޒް މި މެޗުގެ ސްކޮޑުން އުނިކޮށްފައިވަނީ އޭނާ ބޭނުން ވެގެންނެވެ. އަދި އޭނާ މެންޗެސްޓަރ ސިޓީއަށް ދިއުމަށް ބޭނުންވާކަމަށް ކްލަބުގައި ބުނެފައިވާކަމަށްވެސް ވަނީ ރިޕޯޓްތައް ބުނެފައެވެ.

ޗެލްސީން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބުކުރެވިފައިނުވި ނަމަވެސް ޗެލްސީއަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އެ ޓީމުގެ މިޑްފީލްޑަރ ކޯލް ޕާމާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ނަމަވެސް މި މެޗުގައި ލުޓޮން ޓައުންގެ ގޯލުކީޕަރު ޖޯޝް ކީލޭ ވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލަތަކެއް މަތަކޮށްފައެވެ.

ޗެލްސީއަށް މި މެޗުގައި ލީޑު ނަގައިދީފައިވަނީ މާލޯ ގަސްޓު ދިން ޕާހަކުން ދާދި ފަހުން އެ ކްލަބާއި އަލަށް ގުޅުނު އުމުރުން 35 އަހަރުގެ ޑެނީ ވެލްބެކް އެވެ.

މި މެޗުގައި ޗެލްސީން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 79 ވަނަ މިނިޓުގައި ލުޓޮން ޓައުންގެ އޮޑޮފިން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.