ޚަބަރު

ޑެންގީ ފެތުރުން މަދުކުރުމަށް މަދިރިން ރައްކާތެރިވުމަށް ސަމާލުކަންދެމާ!


  • ޖޫންމަހު 673 މީހުންނަށް، ޖުލައިގައި 443 މީހުންނަށް ޑެންގީ ޖެހުނު

  • މަދިރި ކޮންޓްރޯލް ކުރުމަށް ދަނީ ޚާއްސަ ހަރަކާތްތައް ހިންގަމުން

ރާއްޖޭގައި މަދިރީގެ ސަބަބުން ތަފާތު ބަލިތައް ފެތުރުން އިތުރުވަމުންދާތީ، މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. ޚާއްޞަކޮށް ވިއްސާރަ ދުވަސްވަރު މިކަމަށް ޚާއްޞަ ސަމާލުކަމެއްދީ ފިޔަވަޅުތައް އެޅުމަށްވެސް ދަނީ އިރުޝާދު ދެމުންނެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީހުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ފެތުރެމުންނެވެ. ޚާއްޞަކޮށް ވިއްސާރަ ދުވަސްވަރު މަދިރި އާލާވާ މިންވަރު އިތުރުވަމުންދާތީ، ޑެންގީހުން ފެތުރޭ މިންވަރު އިތުރުވެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖޫން މަހު ޑެންގީހުން ޖެހިގެން 673 މީހުން ރިޕޯޓު ކޮށްފައިވާއިރު، ޖުލައި މަހު އެ އަދަދު ވަނީ 443 އަށް ދަށްކުރެވިފައެވެ. އެހެންނަމަވެސް ބަލި ފެތުރުން ހުއްޓުވުމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

އެޗްޕީއޭއިން ފާހަގަކުރާ ގޮތުގައި ވިއްސާރަވެ ފެން ހަރުލުމުގެ ސަބަބުން މަދިރި އާލާވާ މިންވަރު އިތުރުވެއެވެ. އެގޮތުން އެންމެ ގިނައިން މަދިރި އާލާވާކަމަށް ފާހަގަކުރެވެނީ ފެން އަޅާފައި ހުންނަ ފީފާއާއި ތާނގީގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި، ޓަޔަރާއި، ޕްލާސްޓިކް ހުސްފުޅި އަދި ދަޅު ފަދަ ތަކެތީގައެވެ. އެހެންކަމުން ގޭތެރެއާއި ގޯތިތެރޭގެ އިތުރުން ރަށުތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އާންމުންނާއި ކައުންސިލުތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

މަދިރި ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޚާއްޞަކޮށް މާލެ ސަރަހައްދުގައި ދަނީ، ޚާއްޞަ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން މިމަހު ހުޅުމާލޭގައި ވަނީ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންގޮސްފައެެވެ. މިޕްރޮގްރާމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ "އަމާން އުދަރެސް" ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިޔަށް ގެންގޮސްފައިވެއެވެ. މިއީ އެޗްޑީސީ، އެފްޑީސީ، ދިވެހި ފުލުހުންގެ ޚިދުމަތް، ވެމްކޯ އަދި މޯޕާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުނި ނަގައި، މަދިރި އާލާވާ ތަންތަން ނައްތާލައި ފޮގު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ޑެންގީހުން ފެތުރޭ މިންވަރު މަދުކުރުމަށް އެކި އިދާރާތަކާއި ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކުރަމުންދާއިރު، ފަރުދީ ގޮތުންވެސް މިކަމަށް ޚާއްސަކޮށް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

ޑެންގީހުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

ހަށިގަނޑު ރަނގަޅަށް ނިވާވާނެހެން ހެދުން އެޅުން.
މަދިރި ލޯޝަން، ސްޕްރޭ ނުވަތަ ރެޕެލެންޓް ބޭނުންކުރުން.
ޑެންގީ ޖައްސާ "އީޑިސް" މަދިރި އާންމުކޮށް ހަފަނީ ދުވާލު ކަމަށްވުމާއެކު، ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.
ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ޤަވާއިދުން ސާފުކުރުން.

މީގެއިތުރުން ޑެންގީ ހުން ޖެހިއްޖެނަމަ ގޭގައި އަރާމުކުރުމަށާއި، ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމުގެ އިތުރުން ޑޮކްޓަރެއްގެ ލަފާގެ މަތިން ޕެރެސެޓަމޯލް ފިޔަވައި ތަދުކަނޑުވާ އެހެން ބޭހެއް ބޭނުން ނުކުރުމަށް ޞިއްޙީ މާހިރުން އިރުޝާދު ދެއެވެ. އަދި ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޞިއްޙީ ޚިދުމަތްތެރިއެއްގެ އެހީތެރިކަން ހޯދުމަކީވެސް މުހިންމު ކަމެކެވެ.