ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް ބާކީ 3 ދުވަސް


  • 500އަށްވުރެ ގިނަ މީހުން ތަކެތި ބައިވެރިކުރަން ހުށަހަޅާފައިވޭ

  • މުއްދަތު ހަމަވާނީ މިމަހުގެ 31ގެ ނިޔަލަށް

  • މައުރަޒު އޮންނާނީ އޮކްޓޯބަރު މަހުގެ ފަހު ހަފުތާގައި

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަށް ވާދަކުރުމުގެ ބައިގައި ބައިވެރިވުމަށް މިހާތަނަށް 500އަށްވުރެ ގިނަ މީހުން ފޯމު ހުށަޙަޅައިފިއެވެ. މިއީ، ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

ތަކެތި ބައިވެރިކުރުމަށް ހުށަހެޅުމުގެ މުއްދަތު ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރާއި އުފެއްދުންތައް އެއްތަނަކުން ދައްކާލާ، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އިންތިޒާމުކުރާ އެންމެ ބޮޑު މައުރަޒެވެ.

މިއަހަރުގެ މައުރަޒު އޮކްޓޯބަރު މަހުގެ ފަހު ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކަމާ ގުޅޭ މުހިންމު މަރުޙަލާތައް ފުރިހަމަކޮށް ތައްޔާރީތައް އަންނަނީ ވަމުންނެވެ.

އުފެއްދުންތައް އުފައްދާ މައުރަޒަށް ތައްޔާރުވުމަށް ވަގުތު ދިނުމުގެ ގޮތުން ވާދަކުރުމުގެ ބަޔަށް ހުޅުވާލީ، މިއަހަރުގެ އޭޕްރިލް މަހުގެ 9ވަނަ ދުވަހުއެވެ. ބޮޑެތި އެވޯޑުތަކެއް ލިބޭ މި ބައިގައި ވާދަކުރުމަށް ތަކެތި ހުށަހެޅުމަށް ކުރިމަތިލުމުގެ މުއްދަތު ހުޅުވާލާފައިވަނީ، އޮގަސްޓު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތު ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ބީސީސީގެ އެސިސްޓެންޓް ޑިރެކްޓަރ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް އެންޑް ރީޖަނަލް ސަރވިސަސް އަރީސާ މޫސާ ވިދާޅުވީ، މިވަގުތު ހުޅުވާލާފައިވަނީ ވާދަކުރުމުގެ ބަޔަށް ރަޖިސްޓްރީވުމަށް ކަމަށެވެ. ހުށަހަޅާ ތަކެތީގެ ތަފްސީލުތައް ހުށަހެޅުމާއި، އެވޯޑަށް ހުށަހަޅާ ތަކެތި ރަޖިސްޓްރީ ކުރުމަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުއްދަތު ދޭނެ ކަމަށް ވިދާޅުވިއެވެ.

"އެވޯޑުގައި އެންމެ ބޮޑު ބެލުމެއް ބަލާނީ، ދިވެހި އުފެއްދުމެއްތޯ. އަމިއްލަ މިލްކުވެރިކަން އޮތް މިންވަރު." އަރީސާ ވިދާޅުވިއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރުމުގެ ބަޔަށް މިހާތަނަށް 520 އަށްވުރެ ގިނަ މީހުން ތަކެތި ހުށައެޅުމަށް ވަނީ ފޯމު ހުށަހަޅާފައެވެ. މިދިޔަ އަހަރު ހުށަހެޅީ، 270އެއްހާ މީހުންނެވެ. މިއީ، މިދިޔަ އަހަރާ ބަލާއިރު ދެގުނައާ ގާތްކުރާ އަދަދެކެވެ. އެންމެ ގިނަ މީހުން ބައިވެރިކުރަނީ، އަތްތެރި މަސައްކަތްތަކާ ގުޅޭ ކެޓަގަރީތަކުންނެވެ.

މިއަހަރު ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ކުރިމަތިލެވޭ އުމުރުފުރާއެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި މިއަހަރު 13 އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

"މިއީ ކުރިއަރަމުން އަންނަ ޒުވާނުންނަން ފުރުޞަތު ފަހިކޮށްދިނުމަށް ގެނައި ބަދަލެއް. ކޮންމެ މީހަކަށްވެސް ބޭނުންވަރަކަށް އުފެއްދުން ހުށައެޅޭނެ. އެކަމަކު އެވޯޑަށް ލެވޭނީ، އެއް ދާއިރާ ނުވަތަ ގިންތިއަކުން." އަރީސާ ވިދާޅުވިއެވެ.

އުފެއްދުންތައް ދައްކާލުމުގެ އިތުރުން މި ހަރަކާތުގައި ވިޔަފާރިތައް މާކެޓު ކުރުމާއި، ތަކެތި ވިއްކުމަށް އެކި ޑިސްޓްރިކްޓުތައް ހިމެނެއެވެ. މި މައުރަޒުގައި ބައިވެރިވުމަށް ވަރަށް އަވަހަށް ހުޅުވާލާނެއެވެ.

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޯބަރު މަހުގެ 23އިން 31ވަނަ ދުވަހުގެ ނިޔަލަށެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ވާދަކުރުމުގެ ބައިން ތަކެތި ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް "expo.mv" މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ. އަދި މިކަމާއި ގުޅޭ ހުރިހާ މަޢުލޫމާތުތަކެއްވެސް ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ.

ރާއްޖޭގައި ދިވެހި އުފެއްދުންތެރިންގެ ވިޔަފާރިތައް މާކެޓުކޮށް ކުރިއަރުވާ އާމްދަނީ އިތުރު ކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަކީ، ސަރުކާރުން ވިޔަފާރީގެ ދާއިރާއިން ގެންގުޅޭ އެންމެ ބޮޑު އެއް ޢަމާޒެވެ.