ރައްޔިތުންގެ މަޖިލީހުން މި ނިމުނު ހަފުތާގައި ފާސްކުރި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލާއެކު ސޯޝަލް މީޑިއާގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ އެއީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ކައުންސިލްތަކަށް ގެއްލުންވާގޮތަށް ގެނެސްފައިވާ އިސްލާހުތަކެއް ކަމަށް ބުނަމުންނެވެ. ބައެއް ކައުންސިލްތަކުންވެސް ބިލާ ދެކޮޅު ހަދާފައިވާއިރު މި އިސްލާހުތަކާއެކު ކައުންސިލްތަކަށް ގެއްލުންވާނެ ގޮތާމެދުވެސް އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ލާމަރުކަޒީ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުތަކަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުން ކުރުމަށް ހުށަހެޅުއްވި އިސްލާހުތަކެއް ކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތުތައް ހަރުދަނާކުރުމަކީވެސް މި އިސްލާހު ހުށަހެޅި ސަބަބެއް ކަމަށް ބިލުގައި ޢަބްދުލްހަންނާން ވަނީ ފާހަގަކުރައްވާފައެވެ.
މި އިސްލާހުގައި ޢަބްދުލްޙަންނާން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. އަދި މިގޮތަށް ބޭނުންވާ ބިމާއި ތަންތަން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، އަމަލުކުރުމަށް ފެށުމުގެ ކުރިންވެސް ސަރުކާރަށް ނެގޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައި ކައުންސިލެއް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި ރައްޔިތުންގެ ޖަމާޢީ މަންފާއަށްޓަކައި ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނަމަ އެކަމަކަށް ފުރިހަމަ އެއްބާރުލުން ދޭންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢަކަށް ހުރަސް އެޅޭފަދަ ގޮތަކަށް އަމަލުކުރުމާއި އެފަދަ މަޝްރޫޢުތައް ހުއްޓުމަށް މެދުވެރިވާފަދަ ނިންމުމެއް ނިންމުމަކީ ކައުންސިލުން ކޮށްގެން ނުވާނެ ކަމެއްކަމަށް ކަނޑައެޅުމަށްވެސް ބިލުގައި ހިމެނުއްވިއެވެ.
މި އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކަށް ގެއްލުންވާނެ ކަމަށްބުނެ ބައެއް ކައުންސިލްތަކުން ބިލާމެދު ނުރުހުން ފާޅުކުރިއެވެ. އެއީ ކައުންސިލުން ކުރިއަށްގެންދަން ބޭނުންވާ ކަންކަން ކުރުމުގައި ހުރަސްއެޅޭނެ ކަމަށްބުނެއެވެ. ނަމަވެސް ރާއްޖޭގެ ރަށްތަކުގައި އަދިވެސް ތަރައްގީގެ ގޮތުން ރައްޔިތުން ބޭނުންވާ އެތައް ކަމެއް އެބަހުއްޓެވެ. ދައުލަތުގެ އިސް ބޭފުޅަކު ރަށަކަށް ޒިޔާރަތްކުރައްވައިފިނަމަ ރައްޔިތުންގެ ފަރާތުން ހުށަހަޅަނީ އެ ރަށްތައް ތަރައްގީގެ ރޭހުގައި ކުރިއެރުވުމަށް މަސައްކަތްކޮށްދިނުމަށެވެ.
ރަށްތަކާއި ސިޓީތަކުގެ ތަރައްގީގައި ބޮޑެތި މަޝްރޫއުތައް ހިންގަނީ ސަރުކާރުންނެވެ. ބައެއް ރަށްރަށުގައި މިފަދަ މަޝްރޫއުތައް ހިންގުމަށް، ކޮންޓްރެކްޓަރުން ހޯދައި، ބަޖެޓު ހަމަޖައްސާފައި ހުރި ނަމަވެސް އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށްގެންދިޔުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބި މަސައްކަތް މަޑުޖެހެއެވެ. މިގޮތަށް މަޑުޖެހޭ ކޮންމެ މަޝްރޫއަކުން ގެއްލުންވާނީ ރައްޔިތުންނާއި ޤައުމަށެވެ.
މިކަން ވެރިކަން ކުރާ މާލެއިންވެސް ދާދިފަހުން ވަނީ ފެނިގެންގޮސްފައެވެ. ސަރުކާރުގެ އެތައް ސިޓީއަކަށް ޖަވާބުނުދީ، ބިން ހަމަނުޖައްސައިގެން ސަރުކާރުން ހިންގަން ބޭނުންވި މުހިންމު މަޝްރޫއެއް އެތައް ދުވަހެއްވަންދެން މަޑުޖެހުނެވެ. އެއީ މާރުކޭޓުގެ މަޝްރޫއެވެ.
މިފަދަ އެކި މައްސަލަތައް އެކި ރަށްރަށުގައި މީގެ ކުރީގެ ސަރުކާރުތަކުގައިވެސް ވަނީ ދިމާވެފައެވެ. އެ ރަށެއްގައި އެއިރެއްގައި އޮންނަ ސަރުކާރަކާ ދެކޮޅު ކައުންސިލެއް އޮތްނަމަ ސަރުކާރު "ފެއިލް"ކޮށްލުމުގެ ބޭނުމުގައި ރަށުގެ ތަރައްގީގައި ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ދޭން ދެކޮޅު ހަދައެވެ.
ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ މިކަންކަން ހައްލުކުރުމަށް ގެނެސްފައިވާ އިސްލާހުތަކެކެވެ. މި އިސްލާހުތައް ގެނައުމުގެ ތެރޭގައި ބިލު ދިރާސާކޮށް އެކަމުގައި ކައުންސިލަށް ގެއްްލުން ނުވާނެ ގޮތްތައްވެސް ވަނީ ހޯދައިދީފައެވެ. އެގޮތުން، ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގާއިރު، އެ ބިމަކަށް ކައުންސިލުން ކޮށްފައިވާ އިންވެސްޓްމަންޓަށް ބަދަލު ދޭންޖެހޭގޮތަށް އިސްލާހުތައް ވަނީ ގެނެސްފައެވެ. އެ ބަދަލު ދޭންވާނީ ކަމާއި ގުޅުންހުރި ވުޒާރާއަކުންކަމަށްވެސް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން، ލާމަރުކަޒީ ޤާނޫނަށް ގެނައި މި އިސްލާހުތަކަކީ ކައުންސިލްތަކަށް ހުރަސް އެޅުމުގެ ގޮތުން ގެނައި އިސްލާހުތަކެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ. މިއީ ރައްޔިތުންނާއި ރަށުގެ ކުރިމަގަށް ގެނެސްފައިވާ އިސްލާހުތަކެކެވެ. މި އިސްލާހުތަކުގެ ސަބަބުން ދެން އަންނަ ސަރުކާރުތަކަށްވެސް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް އެއްވެސް ގޮންޖެހުމެއް ނެތި ހިންގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.