ސިނަމާލެ ބުރިޖު މަޝްރޫޢަކީ، އެމަޝްރޫޢުގައި މަސައްކަތްކުރެއްވި އިންޖިނިއަރުންގެ ނުގުޑާ އަޒުމާއި ޕްރޮފެޝަނަލިޒަމްގެ ހެއްކެއްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ސިނަމާލޭ ބުރިޖު މަޝްރޫޢުގައި އެންމެ ފުރަތަމަ މަރުޙަލާއިން ފެށިގެންވެސް އެމަޝްރޫޢުގެ މަސައްކަތުގައި ޢަމަލީގޮތުން އުޅުއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވިކަމަށެވެ.
ސިނަމާލޭ ބުރިޖު މަޝްރޫޢަށް 8 އަހަރުފުރޭ މުނާސަބާއާ ގުޅިގެން ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ބުރިޖު މަޝްރޫޢުގެ ފީސިބިލިޓީ ނުވަތަ އެކަން ކުރެވިދާނެތޯ ބެލުމަށް ކުރިއަށްގެންދިޔަ މަސައްކަތާއި، ސަރވޭތަކާއި ޑިޒައިން ރިވުކުރުމާއި ޢުމްރާނީގޮތުން ޢަމަލީ މަސައްކަތް ހިނގި ދުވަސްވަރު މަސައްކަތުގައި ބައިވެރިވެ އުޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަތްކަމަށެވެ.
Eight years ago today, the China-Maldives Friendship Bridge opened.
— Abdulla Muththalib (@muththo) August 30, 2026
I had the privilege of serving on that project from its earliest days — the feasibility studies, the surveys, the design reviews, and construction. I remember the doubts, and the mockery of those who said it… pic.twitter.com/usrrJjEmu6
ވަޒީރު ވިދާޅުވީ، ބުރިޖު މަޝްރޫޢުގެ މަސައްކަތް ކުރެވިދާނެތޯ ސުވާލު އުފެއްދިގޮތާއި އެކަމުގައި ރައްދުވި މަލާމާތާއި ނުކުރެވޭނެކަމަށް ބުނި ބުނުންތައް އަދިވެސް ހަނދާނުގައި ހުރިކަމަށެވެ. އެހެންނަމަވެސް ބުރިޖުގެ މަޝްރޫޢުގެ މަސައްކަތް ކަނޑައެޅި ބަޖެޓުގެ ތެރެއިން ތާވަލުކުރި ތާރީޚަށްވުރެ ކުރިން ނިންމާލި ނިންމާލުން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. އަދި އެއީ އެމަސައްކަތުގައި ހަރަކާތްތެރިވި އިންޖިނިއަރުންގެ ނުގުޑާ އަޒުމާއި ޕްރޮފެޝަނަލިޒަމްގެ ހެއްކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އިންޖިނިއަރިންގއަކީ ކަމެއްވުމާއި ނުވުމާއި ދެމެދުގެ ފަރަގުކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޤައުމީ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް މިދުވަސް ކަނޑައެޅި މައިގަނޑު ސަބަބަކީވެސް ސިނަމާލޭ ބުރިޖާއި ގުޅިފައިވާ މިއަސްލުކަމަށް ވިދާޅުވިއެވެ.
މިދުވަހުގެ އަމާޒަކީ ހަމައެކަނި އެންމެ ބިނާރެއް ފާހަގަކުރުން ނޫންކަމަށާއި ރާއްޖޭގެ މުސްތަޤުބަލު އެ ދާއިރާއަކަށް ބިނާވެފައިވާ މުޅި އިންޖިނިއަރިންގ ދާއިރާ އެއްކޮށް ފާހަގަކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ. ދުވަހުގެ މުނާސަބަތާ ގުޅިގެން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ރާއްޖޭގައި މަސައްކަތްކުރައްވާ ހުރިހާ އިންޖިނިއަރުންނަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.
ރާއްޖޭގައި އިންޖެނޭރުންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ އޮގަސްޓްމަހުގެ 30 ވަނަ ދުވަހެވެ. އެއީ 2018 ވަނަ އަހަރު ސިނަމާލޭ ބުރިޖު ހުޅުވި ދުވަހެވެ. ސިނަމާލޭ ބުރިޖަކީ ރާއްޖޭގައި އުމްރާނީ ތަރައްޤީގެ ދާއިރާއިން ކުރެވުނު އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ.