ދަރިންގެ މުސްތަގުބަލު ނުވަތަ ކުރިއަށްދާ ދާއިރާތަކަށް މައިންބަފައިންގެ ވަޒީފާތަކުގެ ނުފޫޒު އޮވެއެވެ. މައިންބަފައިން އަދާކުރާ ވަޒީފާއަށް ޝައުގުވެރިކަން އުފެދި އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނާއި މައިންބަފައިން އަދާކުރާ ވަޒީފާއާ ގުޅުންހުރި ވަޒީފާތަކުން ކުރިއަށްދާން ޝައުގުވެރިވާ ކުދިންގެ އަދަދުވެސް މަދެއް ނޫނެވެ. ފެނަކަ ކޯޕަރޭޝަންގައި ސިވިލް އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުޙައްމަދު ޒަޔާންއަކީވެސް އޭނާގެ ބައްޕަ އަދާކުރަމުން އައި ވަޒީފާގެ ސަބަބުން އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކަން އުފެދުނު މީހެކެވެ.
އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޚާއްސަ ޕޮޑްކާސްޓުގައި ޒަޔާން ބުނިގޮތުގައި އޭނާ އިންޖިނިއަރިންގެ ދާއިރާއަށް ކުޑައިރުން ފެށިގެންވެސް ޝައުގުވެރިކަން ހުއްޓެވެ. ބައްޕަ މަސައްކަތް ކުރަމުންއައީ ވެލްޑަރެއްގެ ގޮތުގައި ކަމަށްވުމުން ބައްޕައާއެކު އެކި ސައިޓުތަކަށްގޮސް އެ ތަންތަނުގައި މަސައްކަތް ކުރިއަށްދާގޮތް ޒަޔާނަށް އައީ ފެންނަމުންނެވެ.
ޒަޔާން ބުނިގޮތުގައި ބައްޕައާއެކު ސައިޓުތަކަށް ދިއުމުގެ ތެރެއިން އެ ތަންތަނުގައި މަސައްކަތް ކުރާގޮތްތައް ފެނި އެ މަސައްކަތަށް ޝައުގުވެރިކަން އުފެދުނީއެވެ. އޭނާއަށް މަސައްކަތުގެ އަޚުލާގާއި އަޑުތައްވެސް އެހާމެ ހިތްގައިމުކަމަށް ބުންޏެވެ. އެހެންވެ، ކިޔަވައި ނިންމާލުމަށްފަހު ހައުސިންގ މިނިސްޓްރީއާ ގުޅި، އިންޖިނޭރެއްގެ ކެރިއަރ ފެށިކަމަަށް ބުންޏެވެ.
ހައުސިންގ މިނިސްޓްރީގައި ޒަޔާން މަސައްކަތް ކުރަމުން އައީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްްޒާއި އިންޖިނިއަރިންގެ ދާއިރާގައި ތަޖުރިބާކާރު އެހެން ގިނަ ބޭފުޅުންނާއެކުގައެވެ. އެ މިނިސްޓްރީގައި ހޭދަކުރި ދުވަސްތަކުގައި ތިނަދޫގައި އޭރު ހިންގި ގިނަ އަދަދެއްގެ މަޝްރޫޢުތައް ބެލެހެއްޓުމާއި މާލޭގެ ރިންގް ރޯޑުގެ މަސައްކަތާއި ސިނަމާލެ ބުރިޖުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ޒަޔާނަށް ލިބުނެވެ.
"ތިނަދޫގެ މަސައްކަތް ނިންމާފައި މާލެ އައިސް އަޅުގަނޑަށް ލިބުނު ރިންގް ރޯޑުގެ މަސައްކަތް ކުރަން. އެއީ މާލޭގައި އެންމެ ފުރަތަމަ އެސްފޯލްޓްގެ މަސައްކަތް ބޭރު މަގުގައި ކުރުމާއެކުގައި ޗައިނާ މޯލްޑިވްސް ބްރިޖުގެ މަސައްކަތް. އެއީ އޭރު ރާއްޖޭގެ އެންމެ ބޮޑު ޕްރޮޖެކްޓް. އޭގައި އެކްޓިވްކޮށް މަސައްކަތް ކޮށްލަންލިބި، ސައިޓް ތެރޭގައި އިންސްޕެކްޝަންތަކުގައި ބައިވެރިވެލަން ލިބުން އެއީ އަސްލު އަޅުގަނޑުގެ ކެރިއަރގެ ވަރަށް ބޮޑު މައިލްސްޓޯނެއް،" ޒަޔާން ކިޔައިދިނެވެ.
ޒަޔާން ގަބޫލުކުރާ ގޮތުގައި އިންޖިނޭރަކަށްވެވޭނީ ކެރުންތެރިކަން ހުރެގެންނެވެ. އަދި އަމިއްލައަށް ނިންމާ ނިންމުމެއްގައި ހުރުމުގެ ގާބިލުކަމާއި ބުރަ މަސައްކަތް ކުރަންޖެހުނު ނަމަވެސް މަސައްކަތްތައް ކަނޑައަޅާފައިވާ ތާރީޚަށް އެ މަސައްކަތް ނިންމުމުގެ ގާބިލުކަން ހުންނަންވާނެ ކަމަށްވެސް ބުންޏެވެ.
"އިންޖިނޭރެއްވެއްޖެއްޔާ އަބަދުވެސް އެ މީހާ ވަރަށް ޑިސައިސިވް ވާންޖެހޭނެ. ނޫންވެފައި ނޫނީ ޔަގީންނުވެފައި ހުރެގެން ނުވާނެ. ކޮންފިޑެންސް ހުންނަންވާނެ އެމީހާގެ ވަރކްގައި އެ މީހާއަށް އެނގޭ ޑިޒިޝަންތަކަށް. އިންޖިނޭރަކަށްވާންޖެހޭނީ ވަރަށް ކޮންފިޑެންސާއެކުގައި،" ޒަޔާން ބުންޏެވެ.
ރާއްޖޭގައި އިންޖިނިއަރިންގެ ދާއިރާ ކުރިއަރަމުން އަންނަކަން ފާހަގަކޮށް ޒަޔާން ބުނީ އަދިވެސް މި ދާއިރާއަކީ ތަފާތު ފުރުސަތުތައް ހުރި، އިތުރަށް ކުރިއެރުވޭނެ ދާއިރާއެއްކަމަށެވެ. އެގޮތުން، އައު ޓެކްނޮލޮޖީތަކާއި އޭއައިފަދަ އައު އީޖާދުތައް ބޭނުންކޮށްގެން ދާއިރާ އިތުރަށް ފުޅާ ކުރެވިދާނެ ކަމަށް ބުންޏެވެ.
ރާއްޖޭގައި މިއަހަރު ފުރަތަމަ ފަހަރަށް އިންޖިނޭރުންގެ ދުވަސް ފާހަގަކުރާއިރު މިއީ އެ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައި ތިބި ޒުވާނުންނަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށް ޒަޔާން ފާހަގަކުރެއެވެ.
ޒަޔާން ބޭނުންވަނީ މިހާރު އަދާކުރަމުންދާ ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހުވެސް އެ ދާއިރާއަށް ޚިދުމަތް ކުރުމަށެވެ. އެގޮތުން، ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ޒަޔާން ބުންޏެެވެ.