ޚަބަރު

އީރާނުގައި ނިރުބަވެރި ހަމަލާތަކެއް ދޭން ރޭވި ގުރޫޕެއް ހުއްޓުވައިފި


އީރާނުގެ އިރުދެކުނު ސިސްތާން-ބަލޫޗިސްތާން ޕުރޮވިންސުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާއާއި ޔަހޫދީންނާ ގުޅުން އޮތް ނިރުބަވެރި ގުރޫޕެއް ހުއްޓުވައި، އެ ގުރޫޕުގެ ރޭވުންތައް ހުއްޓުވާފައިވާ ކަން އީރާނުން ހާމަކޮށްފިއެވެ. މި ގުރޫޕު ހުއްޓުވާފައި ވަނީ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) އިސްވެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގެ ތެރެއިން އެ ގުރޫޕުގެ އެކަކު މަރުވެފައިވާއިރު، އިތުރު ހަ މެންބަރުން ހައްޔަރު ކޮށްފައިވާނެ ކަމުގައި އައިއާރްޖީސީން ބުނެއެވެ. އައިއާރްޖީސީގެ ޤުދްސް ލަޝްކަރުގެ މައި މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނީ، ނިރުބަވެރި ގުރޫޕުގެ މެންބަރުން ހުއްޓުވާފައި ވަނީ ޕާކިސްތާނާއި އީރާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ސަރާވާން ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމުގައެވެ.

މި އޮޕަރޭޝަނުގައި ސިސްތާން-ބަލޫޗިސްތާން ޕުރޮވިންސުގެ ޖާސޫސީ އިދާރާގެ އިތުރުން އައިއާރްޖީސީގެ ޖާސޫސީ އިދާރާއާއި ފުލުހުން ބައިވެރިވިއެވެ. މި އޮޕަރޭޝަންގެ ތެރެއިން އަތުލައިގަނެފައިވާ ތަކެތީގެ ތެރޭގައި ގޮވާތަކެތި ހުރި 20 ޕެކޭޖަކާއި ގިނަ ޢަދަދެއްގެ ހަތިޔާރު ހިމެނޭ ކަމުގައި އައިއާރްޖީސީން ބުނެއެވެ. މީގެ އިތުރުން، އެ ގުރޫޕުގެ މެންބަރުން މުއާޞަލާތު ކުރުމަށް ބޭނުންކުރަމުންދިޔަ ސްޓާލިންކް މަރުކާގެ ސާމާނު އަތުލައިގަނެފައިވާނެ ކަމުގައި ވެސް އައިއާރްޖީސީން ބުނެއެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި މި ގުރޫޕުގެ މެންބަރުންނާއި އެ މީހުންނަށް ވާގިވެރިވި މީހުން ހިމެނެއެވެ.

އައިއާރްޖީސީން ބުނީ، މި ގުރޫޕުން ރާވަމުން ދިޔައީ ސިސްތާން-ބަލޫޗިސްތާނުގެ ދެކުނުގެ ސަރަޙައްދުތަކުގެ އަމާޒުތަކަށް ނިރުބަވެރި ހަމަލާތަކެއް ދިނުމަށް ކަމުގައެވެ. އަދި، މިއީ އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން ގުޅިގެން ފެބުރުވަރީ 28 ގައި ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ދަށުން ހަރަކާތްތެރިވަމުން ދިޔަ ގުރޫޕެއް ކަމަށާއި، އެ ގުރޫޕުން ސިލްސިލާ ހަމަލާތަކެއް ދިނުމަށް ރާވަމުން ގޮސްފައިވާ ކަމުގައި އައިއާރްޖީސީން ބުނެއެވެ.

ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން އީރާނާ ދެކޮޅަށް ނިރުބަވެރި ހަނގުރާމައެއް ފަށާފައިވާއިރު، އީރާނުގެ އަސްކަރީ އަދި ނިއުކްލިޔަރ އަމާޒުތަކުގެ އިތުރުން ޢާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކާއި، އުމްރާނީ ވަސީލަތްތަކަށް އެމެރިކާއިން ވަނީ ހަމަލާ ދީފައެވެ. އަދި، ރައްދުގައި އީރާނުން ވަނީ، ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރިއްޔާއިން ބޭނުން ކުރާ މަރުކަޒުތަކުގެ އިތުރުން ޔަހޫދީ ދައުލަތަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި އީރާނާ ދެމެދު ޖޫން މަހު ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ އެއްބަސްވުން ރޫޅައިލައްވާފައެވެ.