ޚަބަރު

ބޮކި ދިއްލޭގޮތް ހޯދުމަށް އުފެދުނު ޝައުޤުވެރިކަމުން މެކޭނިކަލް އިންޖިނިއަރަކަށް


  • ގޭ ދޯނީގެ އިންޖީނު ހަދަން އައި މީހާކުރި މަސައްކަތްތަކަށް ޝައުޤުވެރިވި

  • އިންޖިނިއަރިންގެ ދާއިރާގައި މަސައްކަތްކުރާތާ 23 އަހަރުވަނީ ވެފައި

ބޮކި ދިއްލެނީ ކިހިނެތްތޯ މިއީ ކުޑަކުދިންގެ ހިތުގައި އުފެދޭ ޝައުޤުވެރި ސުވާލެކެވެ. އެސުވާލަށް ޖަވާބު ހޯދުމާއި ހަމައަށް ދަނީ ޢަމަލީގޮތުން މަދު ކުއްޖެކެވެ. އޭގެތެރެއިން އެކަކަކީ ޢަލީ ނިހާދެވެ.

ބޮކިދިއްލޭ ގޮތާއި، ކަރަންޓު މަސައްކަތްކުރާ ގޮތް ހޯދުމަށް ކުޑައިރު އުފެދުނު ޝައުޤުވެރިކަމަކީ، އިންޖިނިއަރިންގ ދާއިރާއަށް އޭނާގެ ޝައުޤުވެރިކަން އުފެއްދި ކަންކަމެވެ.

ޢާއިލާގައި އޮތް ދޯންޏެއްގެ އިންޖީނު މަސައްކަތް ކުރުމަށް ރަށުން ބޭރުން އައި މީހާގެ މަސައްކަތްތައްވެސް ވަރަށް ޝައުޤުވެރި ކަންކަމަށްވިއެވެ. އިންޖީނު ރޫޅާލައިގެން އޭގެ ބައިތައް ހެދުމަށްވެސް އެހާމެ ޝައުޤުވެރިއެވެ.

އޭރު ސްކޫލު ނިންމާ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޔޫތު ޗެލެންޖުގައި ބައިވެރިވުމުން އޭގެ ދަށުން 2 އަހަރުގެ ކޯހެއް ހެދުމަށް ޢަލީ ނިހާދަށް ފުރުސަތު ލިބުނެވެ. އެމުއްދަތުގެ ތެރޭގައި ސަރުކާރުގެ އެކިއެކި އިދާރާތަކާއި، މުއައްސަސާތަކުގައި އިންޖިނިއަރިންގ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ. އެގޮތުން އެމްއެންޑީއެފްއާއި އެމްޓީސީސީގައި މަސައްކަތްކުރަން ފުރުސަތު ލިބުނުކަން އޭނާ ފާހަގަކުރިއެވެ.

"އަޅުގަނޑު އެމްޓީސީސީއަށް ދާން ފުރުސަތު ލިބުނީ، 2 ވަނަ އަހަރު. އެތަނުގައި ހޭދަކުރި މުއްދަތު ހަމަވީއިރު މަސައްކަތް ރަނގަޅުވީމަ އެމީހުންވެސް ބުނި ވަޒީފާއަށް ވަންނަން ސިޓީ ލާށޭ. އެހެންވެ ސިޓީ ލީ. މާބޮޑު އިންޓަރވިއު އެއްވެސް ނުކުރެއޭ ދެންނެވިއަސް ދޮގަކަށް ނުވާނެ އެކޮޅުން އެންގީ މާދަން ވަޒީފާއަށް ނުކުންނާށޭ. އެގޮތަށް މިހާދުވަހު މިހުރެވުނީ." ޢަލީ ފާހަގަކުރިއެވެ.

ވަޒީފާއަށް ވަތްފަހުން ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި އެންމެ ފާހަގަކުރެވޭ ކަމަކަށް ދިމާވީ، ގިނަ ދުވަސްތަކެއްނުވެ މަސައްކަތަށް ހުންނަ ޝައުޤަށް ބެލުމަށްފަހު އޭރުގެ މެނޭޖްމަންޓުން ކުރި އިތުބާރުކަމަށް ޢަލީ ނިހާދު ފާހަގަކުރިއެވެ. އެގޮތުން ޒިންމާ ބޮޑެތި މަސައްކަތްތައް ހަވާލުކުރި ކުރުމަކީ، މިއަދާ ހަމައަށް ދެގޮތެއްނުވެ އެމްޓީސީސީގައާއި، ދާއިރާގައި ދެމިހުރެވޭ މައިގަނޑު ސަބަބުކަމަށް އޭނާ ދެކެއެވެ.

މެކޭނިކަލް ގްރޭޑް 1ގެ މަޤާމުގައި ހުރިނަމަވެސް އޭގެ 23 އަހަރުފަހުން މިއަދު އޭނާއަކީ، މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ލިބުނު އެތައް ފުރުސަތުތަކަކާއެކު އޭނާގެ ޑިޕާޓްމަންޓުގެ މެނޭޖަރެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ކުރި އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައިވެސް ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމަށް ކުރިއަށްގެންދާ އާރުޓީއެލް ފެރީގެ ޚިދުމަތް ޢަލީ ފާހަގަކުރިއެވެ.

ރާއްޖެއަށް ތަޢާރަފްކޮށްފައިވާ ބޮޑެތި އެކިއެކި އިންޖީނުތައް ގެނައުމާއި، އިންސްޓޯލް ކުރުމުގެ މުހިއްމު މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމަށް ލިބުނު ފުރުސަތުތައްވެސް ފާހަގަކުރިއެވެ.

ޢަލީގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޞިއްޙީ ދައިރާގައި ޑޮކްޓަރުންގެ އެކި ޑިސިޕްލިންތައް ހުންނަ ފަދައިން، އިންޖިނިއަރިންގއަކީވެސް އޭގެ ޒާތުގައި ގިނަ ދާއިރާތައް ހުރި ކަމަށްވީނަމަވެސް އެކަން ބަލައިގަންނަ މިންވަރު ކުޑަވުމެވެ. ކަންމިހެން އޮތްނަމަވެސް މިފަދަ ދުވަހެއް ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމަކީ، ދާއިރާއަށް އަންނާނެ ކުރިއެރުމެއްގެ ގޮތުގައި ޢަލީ ދެކެއެވެ.