ޚަބަރު

ސިޑްނީ މެނަަތަންގެ ރިކޯޑް ގޮބޭނާ އާކޮށްފި


  • މި މެރެތަންގެ އަންހެން ޗެމްޕިއަންކަން ހޯދީ ކެންޔާގެ ޕެރޭސް ޖެޕްޗިރުޗަރ

އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވި ސިޑްނީ މެރަތަންގެ ފިރިހެން ޗެމްޕިއަންކަން އިތިއޮޕިއާގެ އަޑީސޫ ގޮބޭނާ އައު ރިކޯޑަކާއެކު ކާމިޔާބު ކޮށްފިއެވެ.

މިދިޔަ އަހަރުގެ ރޭހުން ދެވަނައަށް ދިޔަ ގޮބޭނާ ސިޑްނީގެ އޮޕެރާ ހައުސް ކުރިމައްޗަށް ރޭސް ނިންމާފައިވަނީ 2 ގަޑިއިރާއި 4 މިނެޓް އަދި 42 ސިކުންތުންނެވެ. މިއީ މިދިޔަ އަހަރު އިތިއޮޕިއާގެ ހައިލެމަރްޔަމް ކިރޯސް ރޭސް ނިންމާ ހެދި ރިކޯޑަށްވުރެ އެއް މިނެޓާއި 24 ސިކުންތު އަވަސް ވަގުތެކެވެ.

މިދިޔަ އަހަރު ކިރޯސް ރޭސް މިންމާފައިވަނީ 2 ގަޑިއިރާއި 6 މިނެޓް 6 ސިކުންތުންނެވެ. މިފަހަރުގެ ރޭހުގައި ދެވަނަ އާއި ތިންވަނައަށް ދިޔަ ދެ ދުވުންތެރިންވެސް ވަނީ ކުރީގެ ރިކޯޑަށްވުރެ އަވަހަށް ރޭސް ނިންމާފައެވެ. މިގޮތުން އިތިއޮޕިއާގެ ޗިމްޑޭސާ ޑެބެލޭ 2 ގަޑި އިރާއި 4 މިނެޓް އަދި 46 ސިކުންތުން ރޭސް ނިންމިއިރު ތިންވަނައަށް ދިޔަ ލެސޯތޯގެ ޓެބެލޯ ތަމަކޮންގޯނާ އަށް ރޭސް ނިންމުނީ 2 ގަޑިއިރާއި 4 މިނެޓް އަދި 57 ސިކުންތުންނެވެ.

މިއީ 21 އަހަރުގެ ގޮބޭނާ އަށް ވޯލްޑް މެރަތަން މޭޖަރއަށް ނިސްބަތްވާ މެރެތަންއެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

ރޭސް ކާމިޔާބު ކުރުމަށްފަހު ވާހަކަ ދައްކަމުން ގޮބޭނާ ބުނީ އޭނާ ވަރަށް އުފާވެއްޖެ ކަމަށެވެ. އޭނާ ބުނީ މިދިޔަ އަހަރު ދެވަނައަށް ދިއުމުން އޭނާއަށް ހެދުނު ގޯސްތައް އެނބުރި ޤައުމަށްގޮސް ރަނގަޅު ކުރީ ކަމަށާއި މިއީ އެކަމުގެ ނަތީޖާ ކަމަށެވެ.

ދިގު ދުވުން ދުވަން ފެށުމުގެ ކުރިން ޖެވެލިން އުކުންތެރިއެއްގެގޮތުގައި ހަރަކާތްތެރިވި ގޮބޭނާއަށް ބައިނަލްއަޤްވާމީ ސަމާލުކަން ލިބިގެންދިޔައީ 2024 ވަނަ އަހަރުގެ ދުބާއީ މެތަރަން ކާމިޔާބު ކުރުމުންނެވެ.

ސިޑްނީ މެރަތަންގެ އަންހެނުންގެ ރޭސް ކާމިޔާބު ކޮށްފައިވަނީ ދުނިޔޭގެ ޗެމްޕިއަނުންގެ އިތުރުން ކުރީގެ އޮލިމްޕިކް ޗެމްޕިއަން ކަމަށްވާ ކެންޔާގެ ޕެރޭސް ޖެޕްޗިރުޗަރއެވެ. މިއީ މިއަހަރު އޭނާ ކާމިޔާބު ކުރި ހަތަރު ވަނަ ދިގު ދުވުމެވެ. މީގެކުރިން އޭނާވަނީ ބޮސްޓަން، ނިއުޔޯކް އަދި ލަންޑަން މެތަރަންވެސް ކާމިޔާބު ކޮށްފައެވެ. މިރޭސް ޖެޕްޗިރުޗަރ ކާމިޔާބު ކޮށްފައިވަނީ 2 ގަޑިއިރާއި 18 މިނެޓް އަދި 31 ސިކުންތުންނެވެ. މިއީ ދެވަނައަށް ނިންމި ކެންޔާގެ އައިރީން ޗެޕްޓައި އާއި އިތިއޮޕިއާގެ ޝޫރޭ ޑެމީސް ވާރޭއަށް ވުރެ ގާތް ގަޑަކަށް 4 މިނެޓް އަވަސް ވަގުތެކެވެ. ޗެޕްޓައިއަށް 2 ގަޑިއިރާއި 22 މިނެޓް އަދި 11 ސިކުންތުން ރޭސް ނިންމުނުއިރު ޝޫރޭ ޑެމީސްއަށް ރޭސް ނިންމުނީ 2 ގަޑިއިރާއި 22 މިނެޓް އަދި 33 ސިކުންތުންނެވެ. 2021 ވަނަ އަހަރު ޓޯކްޔޯގައި ބޭއްވި އޮލިމްޕިކް މުބާރާތުން ރަން މެޑަލް ހާސިލްކޮށްފައިވާ އުމުރުން 32 އަހަރުގެ ޖެޕްޗިރުޗަރއަށް މިރޭސް ނިންމުނީ ސިޑްނީ މެރަތަންގެ އަންހެން ރިކޯޑަށްވުރެ 9 ސިކުންތު ލަހުންނެވެ. މިހާރުގެ އޮލިމްޕިކް ޗެމްޕިއަން ސިފާން ހަސަން މިދިޔަ އަހަރު މިރޭސް ނިންމާފައިވަނީ 2 ގަޑި އިރާއި 18 މިނެޓް 22 ސިކުންތުންނެވެ.

40 ހާހެއްދާ ދުވުންތެރިން ބައިވެރިވި ސިޑްނީ މެރަތަންއަކީ 42.19 ކިލޯމީޓަރު ދިގު ސިޑްނީގެ އުތުރު ސަރަހައްދުން ފަށައިގެން ހާބަރ ބްރިޖް ހުރަސްކޮށް އޮޕެރާ ހައުސްގެ ފޯކޯޓަށް ނިންމާ ގޮތަށް ކަނޑައެޅިފައިވާ ރޭހެކެވެ. އަދި މިދިޔަ އަހަރު މިރޭސްވަނީ ވޯލްޑް މެރަތަން މޭޖަރގެ 7 ވަނަ ރޭހުގެ ގޮތުގައި ކަނޑައެޅިގެން ގޮސްފައެވެ. ވޯލްޑް މެރަތަން މޭޖަރގައި ދެން ހިމެނޭ 6 ރޭހުގެ ތެރޭގައި ހިމެނެނީ ލަންޑަން، ޓޯކްޔޯ، ބޮސްޓަން، ބަރލިން، ޝިކާގޯ އަދި ނިއުޔޯކް މެރަތަންއެވެ.