ޚަބަރު

"ތިލަމާލެ ބުރިޖު މަޝްރޫޢަށް ދިވެހި ސަރުކާރުގެ ބޮޑު އެއްބާރުލުމެއް ލިބޭ"


  • މިމަޝްރޫޢަކީ އިންޑިއާއިން ބޭރުގައި އެ ޤައުމުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢު

ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމިގެންދަނީ ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ބައްލަވާލައްވައި، މާލެއިން ވިލިމާލެއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިންގަވާފައި ވަޑައިގެންނެވި ތާރީޚީ ހިނގާލުމުގައި އިންޑިއާ ސަފީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މީޑިއާތަކާއި ވާހަކަ ދައްކަވަމުން އިންޑިއާ ސަފީރު ވިދާޅުވީ މާލެއާއި ވިލިމާލެ ބުރިޖުން ގުޅާލެވި، ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ބުރިޖު މަތިން ހިނގާލުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށެވެ. ސަފީރު ވިދާޅުވީ މިމަސައްކަތަކީ، އިންޑިއާގެ ބޯޑަރުން ބޭރުގައި އެ ޤައުމުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށެވެ. އަދި މިމަސައްކަތް ނިންމުމަށް ދެ ޤައުމުގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއްދޭކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.

"އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ވަރަށް ގާތުން ދަނީ މަސައްކަތް ކުރަމުން. މިއީ އިންޑިއާގެ ބޯޑަރުން ބޭރުގައި އިންޑީއާއިން ކުރިއަށް ގެންދާ ވަރަށް ބޮޑު ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢު. މިކަން ރާއްޖޭގައި ކުރާއިރު އަޅުގަނޑުމެން ވަރަށް އުފާވޭ، މިމަސައްކަތް ނިމެން ދާތީ. އެއީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކުރެވޭ މަސައްކަތެއް. ބިނާރާއި ބެހޭ ވުޒާރާއާއި ޚާރިޖީ ވުޒާރާ އަދި ޚާއްސަކޮށް ރައީސްއަށް ޝުކުރުދަންނަވަން" އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން ބްރިޖުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. މާލެއާއި ވިލިމާލޭ ދެމެދު ސެގްމެންޓް އެއްގަމު މަގުން ގުޅުވާލެވިފައިވާއިރު މިއީ ގާތްގަނޑަކަށް 2.05 ކިލޯމީޓަރުގެ ސަރަހައްދެކެވެ. މުޅި މިމަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލެވޭއިރު، 6.7 ކިލޯމީޓަރުގެ ސަރަހައްދެއް އެކުގައި ގުޅާލެވޭނެއެވެ.

މުޅި މި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު ހޭދަވާނެއެވެ. އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ، އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. އަދި މި މަޝްރޫޢަށް ދިވެހި ސަރުކާރުންވެސް ޚަރަދު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ވަނީ މިމަޝްރޫޢު އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައެވެ.