އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓްގެ ދެވަނަ ބުރުން ކުރިން މިމުބާރާތް ކާމިޔާބު ކޮށްފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް ޖާގަހޯދައިފިއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުން މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނު މެޑްވެޑޭވް މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދީ ފުރަތަމަ ބުރުގައި ފަރަންސޭސިވިލާތުގެ ކޮލިފަޔަރ ހޫގޯ ގަސްޓޮން އާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް، ހައެއް ދެއެއް އަދި ހައެއް ހަތަރަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިމުބާރާތުގެ ދެވަނަ ބުރުގައި މެޑްވެޑޭވް ބައްދަލުކުރާނީ އެމެރިކާގެ ވައިލްޑް ކާޑު ސެބަސްޓިއަން ގޯޒްނީ އާއި ބެލްޖިއަމްގެ ރަފައެލް ކޮލިގްނޮން ބައްދަލު ކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ.
މިފަހަރުގެ ޔޫއެސް އޯޕަންގެ ކުޅުން ނިއުޔޯކްގައި ފެށިއިރު ކުޅުން ފެށުމުގެ އެތަށް ގަޑިއިރެއް ކުރިން ކުޅިބެލުންތެރިންވަނީ ކޯޓުތައް ބޭރުގައި ކިއު ހަދާފައެވެ. މިގޮތުން ފުރަތަމަ ދުވަހުގެ ކުޅުމުގައި އަންހެން ސިންގަލްސްގައި ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި ރުމޭނިއާގެ އެލޭނާ ގެބްރިއަލް ރޫސް ބައްދަލުކުރި މެޗު ޕެގޫލާ ވަނީ ފަސޭހަ ކަމާއެކު ހައެއް ތިނެއް އަދި ހައެއް ދެއަކުން ކާމިޔާބު ކޮށްފައެވެ. 2024 ވަނަ އަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާ ޕެގޫލާ ދެވަނަ ބުރުގައި ބައްދަލުކުރާނީ ވައިލްޑް ކާޑެއްގެގޮތުގައި މިމުބާރާތުގައި ވާދަކުރާ އެމެރިކާގެ ވީނަސް މިލިއަމްސް އާއި ސޯފިއާ ކެނިން ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ.
މިފަހަރުގެ މުބާރާތަށް ސީޑު ކުރެވިފައިވާ ކުޅުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނު ކުޅުންތެރިޔަކަށް ވީ، ގްރޭން ސްލޭމް މުބާރާތް ދެފަހަރަށް ކާމިޔާބު ކޮށްފައިވާ ބާބޮރާ ކްރެއިޗިކޯވާއެވެ. އޭނާ ބަލިވީ ފުރަތަމަ ބުރުގައި އުޒްބަކިސްތާންގެ ކަމީލާ ރަހިމޯވާ އާއި ބައްދަލުކޮށް ސީދާ ދެސެޓުންނެވެ. ގްރޭން ސްލޭމް މުބާރާތެއްގެ ތިންވަނަ ބުރު ފަހަނަ އަޅާ މީގެކުރިން ދެވިފައިނުވާ ރަހިމޯވާ ދެވަނަ ބުރުގައި ބައްދަލުކުރާނީ ޖަޕާންގެ އޮއި އީޓޯ އާއި ސްޕެއިންގެ އޮކްސާނާ ސަލެހްމެޓޭވާ ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ. އަންހެނުންގެ އިވެންޓްގައި އިޓަލީވިލާތުގެ ޖާސްމީން ޕައޮލީނީ އާއި ސްލޮވީނިއާގެ ވެރޯނިކާ އެރްޔަވެޗް ބައްދަލުކުރި މެޗު ހައެއް ތިނެއް، ތިނެއް ހައެއް އަދި ހައެއް ހަތަރަކުން ކާމިޔާބު ކޮށްފައިވަނީ ޕައޮލީނީއެވެ. އަދި ދެވަނަ ބުރުގައި އޭނާ ވާދަކުރާނީ އަމިއްލަ ޤައުމަށް ނިސްބަތްވާ ލުކްރޭޒިއާ ސްޓެފަނީނީ އާއެވެ.
އެހެން މެޗުތަކުގެ ނަތީޖާ ތަކަށް ބަލާލާއިރު ޗެކް ރިޕަބްލިކްގެ ޔީރީ ލެހެޗްކާ އާއި ސްޕެއިންގެ ޕަބްލޯ ކޮރޭނޯ ބުސްޓާ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ލެހެޗްކާ ކާމިޔާބު ކޮށްފައިވާއިރު ޔޫކްރެއިންގެ މާޓާ ކޮސްޓުޔުމް ވަނީ އޮސްޓްރޭލިއާގެ ސްޓޯމް ހަންޓަރ ސީދާ ދެސެޓުން ބަލިކޮށްފައެވެ.