މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ %44.2 އިތުރުވެފައެވެ.
މީރާއިން އާންމުކޮށްފައިވާ ޖުލައި މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2025ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 12,040,524.09 ރުފިޔާ ޒަކާތު ފަންޑަށް ލިބިފައިވެއެވެ. 2026ވަނަ އަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 17,366,787.29 ރުފިޔާއަށް އަރާފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 5.33 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.
މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެފައިވާއިރު، މި މަހުގެ ތެރޭގައި ޒަކާތު ފަންޑުން 2.80 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް، 1.75 މިލިއަން ރުފިޔާ، ދޫކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ.
މި ބައިގެ ތެރެއިން 1.48 މިލިޔަން ރުފިޔާ ބޭސްފަރުވާގެ އެހީގެ ގޮތުގައި ދޫކޮށްފައިވާއިރު، ޒަރޫރީ ބޭނުންތަކަށް 115,250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155,950 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.
ރާއްޖޭގެ ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ، ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރަށްވެސް ބަދަލު އާދެއެވެ.
ދިވެހި ރާއްޖޭގެ ޒަކާތު ހައުސިންގއިން ވަނީ އޮގަސްޓް މަހުގެ 20ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، 19،266.10 ރުފިޔާ ކަމަށް ކަނޑައަޅާފައެވެ.