ޚަބަރު

އިމާރާތުން ވެއްޓުނު ކުއްޖާގެ ވީޑިއޯ ދައުރު ނުކުރުމަށް އިލްތިމާސްކޮށްފި


  • 16 އަހަރުގެ އަންހެންކުއްޖަކު ވެއްޓިފައިވަނީ 3 ވަނަ ފަންގިފިލާއިން

  • ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން

އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު 16 އަހަރުގެ ކުއްޖާގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވަފައިފިއެވެ.

މި ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި، ޕޭޖުތަކާއި ގްރޫޕުތަކުން މި ވީޑިއޯ ނެގުމަށް އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ، މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވި، އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމެއްކަމަށެވެ. އަދި މި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ނާޒުކު އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި، މި ހާދިސާއާ ގުޅޭގޮތުން ކޮމެންޓްކުރުމާއި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި ވީޑިއޯ ނެގުމަށް ރިޕޯޓްކުރުމަށާއި، އެހެން ފަރާތްތަކުންވެސް މި ވީޑިއޯ ފޮހެލުމަށް ބާރުއެޅުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އަޅަމުންނެވެ.