ޚަބަރު

މޮޅުވިޔަސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި: އިލާން


  • ރާއްޖެއިން ބުރޫނާއީގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުން

  • ގޯލު ޖެހުމުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާނެ

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖޭގެ ޤައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބުރޫނާއީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް އަދިވެސް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް ޒުވާން ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ބުނެފިއެވެ.

ހޯމަ ދުވަހުގެ ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. ރާއްޖޭގެ ގޯލުތައް ޖަހައިދިނީ އީތަން އަހުމަދު ޒަކީ އަދި ކެޕްޓަން އިލާންއެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން އިލާން ބުނީ ފުރަތަމަ މެޗުގައި ތިން ޕޮއިންޓް ހޯދުން އެއީ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން ހާސިލްވެއްޖެ ކަމަށާއި، އެކަމަކު ޓީމުގައި އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށެވެ.

އިލާން ބުނީ މި މެޗުގައި ރާއްޖެއަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށެވެ. އަދި މި މެޗުގައި ވެސް ފެނިގެންދިޔައީ ބައިވަރުކަންކަން ރަނގަޅުކުރަން ހުރިކަން ކަމަށް އިލާން ފާހަގަކުރިއެވެ.

"އަހަރެމެންއަށް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު. ޓީމުގައި އަދިވެސް ބައިވަރުކަންކަން ރަނގަޅުކުރަން އެބަހުރި. އެކަންކަމަށް ފޯކަސްކޮށް ރަނގަޅުކޮށްގެން ދެވަނަ މެޗަށް ނުކުންނާނީ" އިލާން ފާހަގަކުރިއެވެ.

އިލާން ބުނީ ރާއްޖެއިން ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުންނާނީ ބްރޫނާއީ މެޗަށްވުރެ ވަރުގަދަކޮށް ކަމަށެވެ.

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ފުރަތަމަ މެޗުން ރާއްޖެ މޮޅުވިއިރު، ރާއްޖެއިން ދެވަނަ މެޗުގައި ސެޕްޓެމްބަރު މަހުގެ 3ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.

މި ބުރުގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި، ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ނުކުންނާނީ މިޔަންމާ އާއި ދެކޮޅަށެވެ.

‎މިޔަންމާގައި ކުރިއަށްދާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެއަށް ފުރުސަތު ލިބުނީ ޑިވެލޮޕްމަންޓް ފޭސް އިންނެވެ.

‎އޭއެފްސީއިން ވަނީ ކޮލިފައިންގެ އޮނިގަނޑަށް ބަދަލު ގެނަސްފައެވެ. އެގޮތުން މި ފަހަރުގެ ކޮލިފިކޭޝަން ކުރިއަށްދާނީ ދެ ފޭހަކަށް ބަހާލައިގެންނެވެ. ފޭސް އެކެއްގައި ކުޅޭނީ ޑިވެލޮޕްމަންޓް ފޭސްގެ މެޗުތަކެވެ. އެއީ ދަށު ރޭންކުގެ މެޗުތަކެވެ. އަދި ފޭސް ދޭއްގައި ކުޅޭނީ މަތީ ރޭންކުގެ ގައުމުތަކާއެވެ.

ރާއްޖެ ހިމެނެނީ ޑިވެލޮޕްމަންޓް ފޭސްގައެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕް އޮތްއިރު، ރާއްޖޭ ލައްވާލި ގްރޫޕްގައި ހިމެނެނީ ރާއްޖޭގެ އިތުރުން މިޔަންމާ، ސްރީލަންކާ އަދި ބްރޫނާއިއެވެ.