ޚަބަރު

ބައްޕަ ކިޔައިދިނީ ޒީވާގެ މޮޅު ވިސްނުމާއި ޚާއްޞަ ސިފަތައް


  • 9 އަހަރުގެ ޒީވާ ނިޔާވީ އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެނިކޮށް

  • ޒީވާއަކީ ޙާއްސަ ސިފަތަކެއް ލިބިގެންވާ، ތޫނުފިލި ކުއްޖެއް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް-7 ކައިރީގައި ހިނގި ހިތާމަވެރި އެކްސިޑެންޓެއްގައި، އުމުރުން އެންމެ 9 އަހަރުގެ ޒީވާ ސިނާން އަޙްމަދު، ޒީޒީ މި ދުނިޔެއާ ވަކިވެދިޔުމަކީ އޭނާގެ އާއިލާއަށާއި އެންމެހައި ދިވެހިންނަށް ފުން ހިތާމައެއް ގެނުވި ކަމެކެވެ. މި ހިތްދަތި ވަގުތުގައިވެސް، ޒީވާގެ ބައްޕަ ޙުސައިން ސިނާން ސޯޝަލް މީޑިއާގައި ހިއްސާކުރި އަސަރުގަދަ ވާހަކަތަކުން ހާމަވެގެން ދިޔައީ، ޒީވާގެ ކުރު ނަމަވެސް ކާމިޔާބު، އަދި ހިތްވަރުގަދަ ސިފަތަކުގެ ފުރިހަމަކަމެވެ.

ސިނާންގެ މި އަސަރުގަދަ މެސެޖު ފުރަތަމަވެސް ފަށާފައިވަނީ ޒީޒީ ކުޑައިރު އޭނާގާތު ބުނަމުން އައި ވާހަކައަކުންނެވެ. "ބައްޕާ، ކުރިން އަހަންނަށް ހީވީ ފިރިހެން ކުދިންނަކީ ގޯސް ބައެއް ކަމަށް—ވަކިން ހާއްސަކޮށް ބައްޕަ. މަޢާފުކުރޭ. މިހާރު ބޮޑުވަމުން އަންނައިރު އަހަރެން އެހެންނެއް ނުދެކެން. ބައްޕައަކީ ވަރަށް ރަނގަޅު މީހެއް." ޒީޒީ އަހަރެން ގާތު މިހެން ބުނެ އުޅުނެވެ. ކުޑައިރު އޭނާ "ބައްޕަ ދެކެ ރުޅިއާދޭ" އޭ ބުނާ ކޮންމެ ފަހަރަކު، ހިނިތުންވެލާފައި އެއީ މައްސަލައެއް ނޫންކަމަށް ސިނާން ބުނެއެވެ.

ޒީވާއަކީ އޭނާގެ އުމުރާ ނުބައްދަލު މޮޅު ވިސްނުމަކާއި ޚާއްޞަ ސިފަތަކެއް ލިބިފައިވާ ކުއްޖެއްކަން އޭނާގެ ބައްޕަ ފާހަގަކުރެއެވެ. ތަންދޮރު އެނގޭ، ކަންކަން ރާވައިގެން ކުރިއަށްދާ ޒީވާ، ކޮންމެ ދުވަހަކުވެސް އަމިއްލަ ޑައިރީ ލިޔެ، ވަގުތުތައް ތަރުތީބުކޮށް ބެލެހެއްޓިއެވެ. ބޮޑެތި މީހުން ކިޔާ ފޮތްތަކުގެ ތެރޭގައި ހިމެނޭ 'މައިންޑްސެޓް' ފަދަ ފޮތްތައް ކިޔައި، އެއިން ވިސްނުނު ކަންކަން ބައްޕައާ ހިއްސާކޮށް ބަހުސްކުރިއެވެ. އަދި އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމާއި، ގަޑިއަށް ނިދުމާއި ހޭލުން، އަދި ތަޢުލީމީ މައުލޫމާތު މުއްސަނދިކުރާ ޑޮކިއުމެންޓްރީތައް ބެލުމަކީ ޒީވާގެ ޢާދައެއް ކަމަށް ސިނާން ފާހަގަކުރިއެވެ.

ބުރަ މަސައްކަތަށްފަހު ޔުނީފޯމުގައި ގެއަށް އައިސް ދަރިފުޅަށް އާ ހުނަރެއް ދަސްކޮށްދޭން އިށީނުމަކީ ދުނިޔެމަތީގައި އަހަރެން އެންމެ ކުރާހިތުން ކުރި އެއް ކަންތައް ކަމަށް ސިނާން ބުނިއެވެ. އަދި ކޮންމެ ކަމެއްވެސް ދިރާސާއަކަށް ބަދަލުކޮށް ކަންތައްތައް ކުރުމަކީ ދެމީހުން އެއްވެތިބެ އެންމެ ގިނައިން ކޮށްއުޅުނު ކަންތައް ކަމަށް ސިނާން ފާހަގަކުރިއެވެ. އެގޮތުން ޓައިމްސް ޓޭބަލްތައް ރަނގަޅުކުރަން ޖެހުމުން ގެމިފިކޭޝަން ދަސްކޮށްދިނުމާއި، ސޫރަތުލް ފީލް އިން ފެށިގެން ސޫރަތުލް ބަޤަރާގެ ފުރަތަމަ 45 އާޔަތާ ހަމައަށް ޤުރުއާން ކިޔެވުމުގައި އޭނާއަށް ސަމާލުކަން ދޭން އުނދަގޫވި ވަގުތު، ޕޮމޮޑޯރޯ ޓެކްނިކް ޒީޒީއަށް ދަސްކޮށްދިންކަން ސިނާން ކިޔައިދިނީ އިއްޔެވީކަމެއްގެ ހަނދާންތައް އައުވެގެންދާފަދަ ގޮތަކަށެވެ.

ސްކޫލުގައި ބާއްވާ ސައިންސް ފެއާތަކަށް ތައްޔާރުވާއިރު، ކޮންމެހެން ވަނައެއް ހޯދުމަކީ އެންމެ މުހިންމުކަމެއް ނޫންކަމާއި، ފެއާގައި ބައިވެރިވެ ކަންތައްތައް ދަސްކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށް ސިނާން އަބަދުވެސް ޒީޒީ ގާތު ބުނެއެވެ.

"އަހަރެން އޭނާ ގާތު ބުނަން، ބައްޕައަށް ވަނަތަކެއް މުހިންމެއް ނޫން، މުހިންމީ އެކަން ކުރާތަން ފެނުން. ކޮންމެ ފަހަރަކުވެސް އޭނާ އެކަން އެންމެ ފުރިހަމައަށް އަދާކޮށް އިނާމުތައް ހޯދާ. އަދި ސްޕެލިން ބީ މުބާރާތްތަކަށް މުޅި އަދަބީ ފޮތްތައް އެއްކޮށް ހިތުދަސްކުރޭ. އަހަރެމެން ޕަބްލިކް ސްޕީކިން، ވީޑިއޯގްރަފީއަށާއި، އަދި އޭނާގެ ކުރެހުންތަކަށް ކަރުދާސް އޮރިގާމީ ސްޓެންސިލް ހަދަން ތައްޔާރުވަން. އަދި މާ ގިނަ ދުވަހެއް ނުވެ، އަހަރެން ޕްރެޒެންޓޭޝަން ހުށަހަޅާ އުކުޅުތައް ޒީޒީ ބޭނުންކުރަން ފެށި." ޒީޒީގެ ބައްޕަ ސިނާން ކިޔައިދިނެވެ.

ޒީވާއަކީ އާދައިގެ ކުދިންނާ ޚިލާފަށް ގޮންޖެހުންތަކަށް ޖެހިލުންނުވާ ހިތްވަރުގަދަ ކުއްޖެކެވެ. މާޝަލް އާޓްސް އަދި ރެސްލިންގ ހަރަކާތްތަކުގައި ފުރިހަމަ އުކުޅުތައް ދައްކުވައިދިންއިރު، އުސް ތަންތަނުން ފުން ކަނޑަށް ފުންމާލުމަކީ އޭނާއަށް ބިރަކަށް ނުވިއެވެ. ރޯލަރ ސްކޭޓް ކުރަން އުޅުމުގެ ތެރޭގައި ވެއްޓުނަސް، އަމިއްލައަށް ތެދުވެ "މުހިންމީ ވެއްޓޭ އަދަދެއް ނޫން، އަލުން ތެދުވާ އަދަދު" ކަމަށް ބުނެ ބައްޕައަށް ދެއްކީ ބަލިނުވާނެ ހިތްވަރެވެ. އެ ހިތްވަރާއި އަޒުމާއިމެދު ސިނާން އަބަދުވެސް ފަހުރުވެރިވެއެވެ.

ހިތްވަރުގަދަކަމުގެ އިތުރުން ޒީވާގެ ކިބައިގައިވީ ނުހަނު އޯގާތެރި ހިތެކެވެ. އެއްބަނޑުއެއްބަފާ ކުދިންނަށް ލޯބިދީ، ޗެސް ކުޅުމާއި މަޖާ ވާހަކަތަކުން އާއިލީ ބައްދަލުވުންތައް ފަޅުފިލުވައިދޭ އެންމެ މުހިންމު އެއް ބަހާއަކީ ޒީޒީކަމުގައި ސިނާންގެ މެސެޖުން ހާމަވެއެވެ. އަދި ބޮޑުވެގެން ޑޮކްޓަރަކަށް ވުމުގެ ފޮނި ހުވަފެން ދެކެމުން އައި ޒީވާއަކީ، މީހުންނަށް އެހީތެރިވުމުގެ ނިޔަތް އޮތް އެހާމެ ބަސްއަހާ ކުއްޖެކެވެ. އަަދި ސިނާން ކައްކައިދޭ ކުކުޅު ރިހައާއި އޮމްލެޓް ކެއުމުގައި ހޭދަކުރި އުފާވެރި ވަގުތުތަކަކީ އަބަދުވެސް އޭނާ ހަނދާނުގައި ދިރިހުންނާނެ ވަގުތުތަކެއް ކަމަށް ސިނާން ކިޔައިދިނެވެ.

"ޒީވާ ގެއަށް އަންނަ ކޮންމެ ފަހަރަކު ޒީވާއަށް އެންމެ މީރު ކުކުޅު ރިހަ ކައްކައިދިނުމާއި، ސަނީ-ސައިޑް-އަޕް އޮމްލެޓް ހަދައިދިނުން، ނުވަތަ ރެސްޓޯރަންޓުން ކާއެއްޗެއް ކައިލުމަކީ ވަރަށް ހަނދާންވާ ކަމެއް. ޒީވާ ނަގާނީ ޗިކަން އެންޑް ރައިސް، ދެން އަހަރެން އިންނާނީ އެތާ ބާގާއެއް ނަގައިގެން. ދިރިއުޅުމުގެ ކަންކަމާމެދު ޒީވާ ހުންނަ ފޯރިއެއްގެ ބޮޑުކަމުން، ކާން ހުއްޓައިލާނެ ވަގުތެއްވެސް ނުވާނެ. އަދި އަޅުގަނޑުމެން ދިޔައީ އެކުގައި ލާމު އަތޮޅަށް ތަޢުލީމީ ދަތުރެއް ދިއުމަށްވެސް ރާވަމުން." ސިނާން ކިޔައިދިނެވެ.

ސިނާންގެ މެސެޖު ނިންމާލަމުން ބުނެފައިވަނީ، ޒީވާ އޭނާއަށް ހަޔާތުގެ އެންމެ އުފާވެރި އަހަރުތައް ހަދިޔާކޮށްދިން ކަމަށެވެ. އެއީ އުންމީދާއި ހުނަރުން ފުރިގެންވާ، އޭނާގެ އަމިއްލަ ސިފަތައް ހުރި އޯގާތެރި ކުއްޖެއް ކަމަށް ސިނާން ސިފަކުރިއެވެ. ހިތްހަލާކުވާ ފަދަ މި ހިތާމައިގެ ވަގުތުގައިވެސް، ހޮސްޕިޓަލުގެ މޮނިޓަރުން ފެންނަމުންދިޔަ ރޮނގުތައް ސީދާވެ، ޒީވާ މި ދުނިޔެއާ ވަކިވެގެން ދިޔަ ވަގުތު ބައްޕަ ހުރީ ފަހުރުވެރިކަމާއެކުގައެވެ. "އެއީ އަހަރެންގެ ދަރިފުޅު، ޒީވާ ސިނާން އަހްމަދު،" އެންމެންނަށް ހިނިތުންވުމަކާއެކު ސިނާންގެ މޫނުމަތިން ދައްކައިދިނީ މި ޝުއޫރެވެ. އޭނާ ދަސްކޮށްދިން ކަންކަމަށްވުރެ ގިނަ ކަންކަން ޒީވާގެ ފަރާތުން ދަސްވި ކަމަށާއި، ޒީވާއާއެކު ހޭދަކުރެވުނު ކޮންމެ ވަގުތަކާ މެދު ފުރިހަމައަށް ހިތްހަމަޖެހޭ ކަމަށް ސިނާން ބުނެފައިވެއެވެ.

ޒީވާ ސިނާން އަޙްމަދުގެ ވަކިވެދިޔުމަކީ އާއިލާއަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ހިތާމައެކެވެ. ނަމަވެސް، އޭނާ ދުނިޔޭގައި ހޭދަކުރި ކުރު މުއްދަތުގައި ދޫކޮށްދިޔަ ހިތްވަރުގަދަކަމާއި، މުރާލިކަމާއި، އޯގާތެރިކަމުގެ ނަމޫނާއަކީ އަބަދުވެސް ދިރިހުންނާނެ ތާރީޚެކެވެ. ޒީވާގެ ބައްޕަގެ ހިތްވަރުގަދަ ބަސްތަކުން ދައްކުވައިދިނީ، ޒީވާއަކީ ކިތަންމެ ކުރު އުމުރެއްގައިވެސް އެތައް ބައެއްގެ ހިތްތަކުގައި ޚާއްޞަ ޤަދަރަކާއި ލޯތްބެއް ހޯދައި، ކާމިޔާބު ދިރިއުޅުމެއް ވޭތުކުރި ފަޚުރުވެރި ދަރިއެއް ކަމެވެ.