ޚަބަރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ 113 މަޝްރޫޢެއް


  • މާލޭ ސަރަޙައްދުގައި 21 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދޭ

  • އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނީ މި ސަރުކާރުންކަމަށް ރައީސް ވަނީ ވިދާޅުވެފައި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ 113 މަޝްރޫޢެއްގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އަމާޒެކެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްހެން ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ އެއް މައްސަލައެވެ. މިކަމަށް ހައްލު ހޯދުމަށް އެކި ސަރުކާރުތަކުގައި މަސައްކަތްކޮށްފައިވެއެވެ. މާލެއާއި އަތޮޅުތަކުގައި ބޯހިޔާވަހިކަމުގެ އެކި ސްކީމްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. ނަމަވެސް އިތުރުވަމުންދާ އާބާދީއާއި ބޯހިޔާވަހިކަމަށް އޮތް ޑިމާންޑަށް ބަލާއިރު، މި މައްސަލައަކީ އަދިވެސް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ ދާއިރާއިން އެންމެ އިސްކަންދެއްވާ އެއް ސިޔާސަތެވެ. ދިވެހި ކޮންމެ ރައްޔިތަކަށްވެސް ރައްކާތެރި ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް އަމާޒެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން މުޅި ރާއްޖޭގައި މިވަގުތުވެސް 113 ހައުސިންގ މަޝްރޫޢު ހިންގަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިިން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތަފްސީލު:

• މާލެ ސަރަހައްދު: 21 މަޝްރޫޢު
• އައްޑޫ ސިޓީ: 9 މަޝްރޫޢު
• ހދ. އަތޮޅު: 9 މަޝްރޫޢު
• ގއ. އަތޮޅު: 8 މަޝްރޫޢު
• ބ. އަތޮޅު: 7 މަޝްރޫޢު
• ރ. އަތޮޅު: 7 މަޝްރޫޢު
• ގދ. އަތޮޅު: 6 މަޝްރޫޢު
• ތ. އަތޮޅު: 6 މަޝްރޫޢު
• މ. އަތޮޅު: 6 މަޝްރޫޢު
• ޅ. އަތޮޅު: 6 މަޝްރޫޢު
• ލ. އަތޮޅު: 5 މަޝްރޫޢު
• ހއ. އަތޮޅު: 5 މަޝްރޫޢު
• ދ. އަތޮޅު: 4 މަޝްރޫޢު
• ފުވައްމުލައް ސިޓީ: 3 މަޝްރޫޢު
• އއ. އަތޮޅު: 3 މަޝްރޫޢު
• ނ. އަތޮޅު: 3 މަޝްރޫޢު
• ށ. އަތޮޅު: 3 މަޝްރޫޢު
• އދ. އަތޮޅު: 2 މަޝްރޫޢު

މި ސަރުކާރަކީ މިހާތަނަށް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫޢުތަކެއްކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ބޯހިޔާވަހިކަމަކީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އެންމެ ބޮޑު މައްސަލައެވެ. މުޅި މުޖުތަމަޢުގެ ހަމަޖެހުން ގުޅިފައިވަނީ ޢާއިލާގެ ހިތްހަމަޖެހުމަށް ކަމަށްވާއިރު، ކުޑަތަންކޮޅެއްގައި ގިނަ ކުދިންނާއެކު މިނިވަންކަމެއްނެތި އެތައް ޢާއިލާއަކުން އުޅެންޖެހުމުގެ ނަތީޖާއަކީ ޢާއިލާތަކުގެ މެދުގައި މައްސަލަތައް ޖެހުން ގިނަވުމެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުތަކުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.