ޚަބަރު

ޝަރީފު އަވަހާރަވުމުން ރައީސްގެ ތަޢުޒިޔާ


  • ޢަބްދުالله ޝަރީފު 41އަހަރު ސަރުކާރަށް ޚިދުމަތްކުރެއްވި

  • 34އަހަރަށްވުރެ ދިގުމުއްދަތެއްގައި ރައީސް އޮފީހުގައި ޚިދުމަތްކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި އިސް މަގާމުތަކެއް ފުރުއްވި މ.އެކޯ ޢަބްދުالله ޝަރީފު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑީއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި އިސް މަގާމުތަކެއް ފުރުއްވި ޢަބްދުالله ޝަރީފު އަވަހާރަވި ޚަބަރު އެއްސެވީ ވަރަށްފުން ހިތާމައާއެކުގައިކަމަށެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު 2023ވަނަ އަހަރު ޙާޞިލުކުރައްވައިފައިވާ، ޢަބްދުﷲޝަރީފު، 41އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، 34އަހަރަށްވުރެ ދިގުމުއްދަތެއްގައި ވަނީ ޚިދުމަތްކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ޢަބްދުﷲ ޝަރީފަކީ ނުހަނު ހިންގުންތެރި އަދި އެހާމެ އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކޮށްދެއްވި، މަސައްކަތުގެ އަޚުލާޤު ހިފެހެއްޓެވި ބޭފުޅެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުالله ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަނަވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާދަންނަވާފައެވެ.

ޢަބްދުﷲ ޝަރީފް، 1965 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، ވުޒާރަތުއްދާޚިލިއްޔާގެ ވިޔަފާރި މިއަދުގެ އިދާރާގެ ވަގުތީ 2 ނަންބަރު ކާތިބުގެ ވަޒީފާއިންނެވެ. އެތާނގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، ސްޓެންސިލް ލިޔުއްވުމުގެ މަސައްކަތެވެ. އެއަށްފަހު، 25 ޑިސެންބަރު 1968 ގައި، ޕްރިންޓިންގ ޑިވިޜަންގެ ސްޓެންސިލް ލިޔާ ކާތިބުގެ މަގާމަށް ބަދަލުކުރެއްވިއެވެ. އަދި 1 މާރިޗު 1970 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ވިޔަފާރި މިއަދުގެ އިދާރާ"ގެ 1 ނަންބަރު ކާތިބުގެ މަގާމަށް ބަދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ޢަބްދުﷲ ޝަރީފް ހޭދަކުރެއްވި 34 އަހަރަށްވުރެ ދިގު މުއްދަތުގައި، އެންމެ ފުރަތަމަ ކުރެއްވީ، ސަރުކާރުގެ އޮފީސްތަކުގެ ފައިސާއާބެހޭ މަސައްކަތްތަކާއި، އިދާރީ ކަންތައްތައް ހިންގެވުމުގެ މަސައްކަތެވެ. ދިގު މުއްދަތަކަށް މެނޭޖްމަންޓް ސަރވިސަސް، ފައިސާއާބެހޭ ސެކްޝަނާއި، ބަޖެޓް އެންޑް މެއިންޓަނަންސް ސެކްޝަނާއި، ބަޖެޓް އެންޑް ޕްރޮޕަރޓީ މެނޭޖްމަންޓް ސެކްޝަން ހިންގެވުމާ ހަވާލުވެވަޑައިގެން މަސައްކަތް ކުރެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އައު އިމާރާތް ހެދުމުގެ މަސައްކަތް ހަވާލުކުރައްވާނެ ފަރާތެއް ކަނޑައެޅުއްވުމާ ބެހޭ މަޝްވަރާތަކާ ހަމައިން ފެށިގެން އެ އިމާރާތް ހުޅުވުމާ ހަމައަށް ޢަބްދުﷲ ޝަރީފް ގިނަ ވަގުތު ހޭދަކުރައްވައިގެން، ހުރިހާ ކަމެއް ވަރަށް ގާތުން ބައްލަވައިފައި ވެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ޙަފުލާތަކާއި، އޮފީހުގެ އިޖުތިމާޢީ ކުލަބުގެ ފަރާތުން ބާއްވާ ޙަފުލާތައް އިންތިޒާމު ކުރުމުގައްޔާއި، އޮފީހުގެ ފަރާތުން ބާއްވާ ރަސްމިއްޔާތުތަކާއި ބައްދަލުވުންތަކުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސެވުމުގައި ޢަބްދުﷲ ޝަރީފް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.