ޚަބަރު

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަން ހިނގާލުމެއް


  • ހިނގާލުން އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު

  • ކުޑަކުދިންގެ ހަވީރާއި، ކުޅިވަރު ހަރަކާތްތައް ބާއްވުމަށްވެސް ހަމަޖެހިފައިވޭ

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވިގޮތުގައި އެ ހިނގާލުން ބއްވަން ހަމަޖެހިފައިވަނީ "ޕޮލިސް ޔުނިޓީ ވޯކް"ގެ ނަމުގައެވެ. މި ހިނގާލުން އޮންނާނީ 2026 ސެޕްޓެންބަރު 5 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ގައި މާލޭގައެވެ.

މިއީ ދިވެހި ފުލުހުންގެ ޚިދުމަތަކީ މަދަނީ މުއައްސަސާއެއްގެ ގޮތުގައި 2004 ވަނަ އަހަރު އަލުން ގާއިމުކުރި ކުރުމުގެ ހަނދާން އާކުރުމުގެ ގޮތުން ބާއްވާ ހިނގާލުމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މިއީ ފުލުހުންގެ ޚިދުމަތުގެ ދިގު ތާރީޚާއި، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ފުލުހުން ވެފައިވާ އަގުހުރި ގުރުބާނީ އާއި އިޚްލާސްތެރިކަން ރަމްޒުކޮށްދޭ އެއްބައިވަންތަކަމުގެ ހިނގާލުމެއްކަމަށެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަަސް ފާހަގަކުރުމަށް އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ފުލުހުންގެ އިތުރު ހަރަކާތްތައްވެސް ދަނީ ބާއްވަމުންނެވެ. ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ކުޑަކުދިންގެ ހަވީރާއި، އާއިލީ ހަރަކާތްތަކުގެ އިތުރުން ބައެއް ކުޅިވަރު ހަރަކާތްތައް ބާއްވަން ހަމަޖެހިފައިވެއެވެ. އެގޮތުން ސެޕްޓެންބަރު 5 ވަނަ ދުވަހުގެ ރޭ "ބްލޫސް ފެމިލީ ނައިޓް"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ބާއްވާނެކަމަށް ފުލުހުން ވިދާޅުވިއެވެ. ބާރަށު ޝިޔާމް، ހަބޭސް އަދި އެމްއެންއެސްޔޫގެ ހަރަކާތްތައް މި އިވެންޓުން ފެންނާނެއެވެ. އެ އިވެންޓް އޮންނާނީ 08:30ގައި ސޯޝަލް ސެންޓަރގައެވެ.

ފުލުހުންގެ ޚިދުމަތަށް ޚިދުމަތަށް ޚާއްސަކޮށްގެން ފުރަތަމަ ޤާނޫނެއް އެކުލަވާލެވި ޢަމަލުކުރަން ފެށުނީ 2008 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން 2020 ވަނަ އަހަރު އެކުލަވާލެވުނު އައު ޤާނޫނުގެ ދަށުން ޒަމާނީ ކޮމިއުނިޓީ ޕޮލިސިންގގެ ފަލްސަފާއަށް ޚިދުމަތް ވަނީ ބައްޓަންކުރެވިފައެވެ.

ރާއްޖޭގައި ފުލުހުންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިގެން އައީ 1933 ވަނަ އަހަރުއެވެ. އޭރުން ފެށިގެން ސިފައިންނާއި ފުލުހުންގެ ޚިދުމަތް އެއް ޚިދުމަތެއްގެ ގޮތުގައި ބައްޓަންވެގެން އައިސް، ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ޤާއިމްވެގެން ދިޔައީ 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެ ބަދަލާއެކު ފުލުހުންގެ ޚިދުމަތް ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރެވުނެވެ.