ޚަބަރު

ޣައްޒާއިން ފެން ކަނޑައިލުމުން މިލިޔަނެއްހާ މީހުން ފެނަށް ޖެހިއްޖެ


ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ އެއް މިލިޔަން ރައްޔިތުންނަށް ފެން ފޯރުކޮށްދޭ މިންވަރު މަދުކޮށް، ޔަހޫދީން ދަތިކުރާތާ ދެ ދުވަސް ވެއްޖެ ކަމުގައި އެކުވެރި ދައުލަތްތަކުން (އދ) ހާމަކޮށްފިއެވެ. އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ، ހުޅަނގު އައްސޭރިއާއި ޣައްޒާގެ ޢާންމުންގެ ރައްކާތެރިކަމާ މެދު އދގެ އޮފީސް ފޯ ދި ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒްއިން (އޯސީއެޗްއޭ) ކަންބޮޑުވާ ކަމުގައެވެ. އަދި، ސާފު ބޯފެން ފޯރުކޮށްދިނުމަށް ބިނާކޮށްފައިވާ ވިއުގައަށް ބަރޯސާވާ މީހުންނަށް ލޮރީތަކުގައި ފެން ބެހި ނަމަވެސް، ފެނަށް ޖެހިފައިވާ ގިނަ ޢަދަދެއްގެ ބަޔަކަށް ފެން ފޯރުކޮށްނުދެވޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ރައްޔިތުން ގެދޮރު ނެތިކޮށްލުމާ ގުޅޭގޮތުން ޔަހޫދީ ދައުލަތުގެ ހައްދުފަހަނައެޅި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒު ދާދިފަހުން ދައްކާފައިވާ ވާހަކަތަކާ މެދު ސުވާލުކުރުމުން، މި ކަންކަން ދާ މިސްރާބާ މެދު އދއިން ކަންބޮޑުވާ ކަމުގައި ދުޖަރީކް ވިދާޅުވިއެވެ. ފަލަސްޠީނު ރައްޔިތުން ތަހައްމަލު ކުރަމުންދާ ވޭނުގެ އިތުރުން، ޔަހޫދީ ޢާންމުންގެ ރައްކާތެރިކަމާ ގުޅޭ މައްސަލައިގައި ކޮންމެ ދުވަހަކު އދއިން ވާހަކަދައްކާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، ޙަޤީޤަތް އޮތް ގޮތުން ދަތިވި ނަމަވެސް، ދެ ދައުލަތުގެ ޙައްލެއް ހޯދުމަށް އދ އިން ބާރުއަޅަމުންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ދާދިފަހުން ޔަހޫދީ ސިފައިން ވަނީ އަލް-ޚަލީލްގައި ފަލަސްޠީނުގެ ރައްޔިތުން ބަކަރިހުއިހައްޕާ 13 ސަރަޙައްދަކަށް ހަމަލާދީ، ސުންނާފަތި ކޮށްލާފައެވެ. އެއަށްފަހު، އެއީ ޔަހޫދީ ސިފައިން އަސްކަރީ ތަމްރީނުތައް ބާއްވާ ސަރަޙައްދުތަކަކަށް ވަނީ ބަދަލު ކޮށްލާފައެވެ. މި ކަމަށް އިޝާރާތް ކުރައްވައި ދުޖަރީކް ވިދާޅުވީ، މިއީ އެހީދޭ ޖަމުޢިއްޔާތަކުން ކަންބޮޑުވާ މައްސަލައެއް ކަމުގައެވެ. މީގެ އިތުރުން، ފާއިތުވި ދެ އަހަރު ތެރޭގައި ޤަވާޢިދާ ޚިލާފު 12 އައުޓްޕޯސްޓް ހަދައި، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމާ ގުޅިގެން، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަން އިތުރުވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޮކްޓޫބަރު 2023 ގައި ޔަހޫދީން ޣައްޒާއާ ދެކޮޅަށް ނަސްލުހޭދު ހިންގަން ފެށި ފަހުން، ހުޅަނގު އައްސޭރީގައި އަސްކަރީ ރޭޑުތަކާއި، ނިރުބަވެރި ވަޒަންވެރިންގެ ހަމަލާތައް ވަނީ އިތުރުވެފައެވެ. އަދި، ޔަހޫދީންނަށް ޚާއްޞަ މަގުތައް ހަދައި، ދަތުރުފަތުރަށް ވަނީ ހުރަސްއަޅާފައެވެ. ޣައްޒާ ޤަތުލުޢާންމުގައި މިހާތަނަށް 73،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން، 174،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށް، މުޅި ސަރަޙައްދު ސުންނާފަތި ކޮށްލުމަށްފަހު، ހުރިހާ ރައްޔިތުން ވަނީ ގެދޮރުން ނެރެ މަގުމަތިކޮށްފައެވެ.