ޚަބަރު

މިދިޔަމަހު ސްކޭމްތަކުގައި 1.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ގެއްލުނު


  • އޮގަސްޓް މަހު ސްކޭމްގެ 184 މައްސަލަ ރިޕޯޓްކުރި

  • 1,129,106.87 ރުފިޔާ ވަނީ އަނބުރާ ހޯދާފައި

މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެކިކަހަލަ އޮޅުވާލުންތަކާއި ސްކޭމްތަކުގެ މައްސަލަތަކުގައި އާންމުންގެ އަތުން 1,962,260.38 މިލިޔަން ރުފިޔާ ގެއްލިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮގަސްޓް މަހު ސްކޭމްގެ ޖުމްލަ 184 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. އަދި މި މައްސަލަތަކުގެ ތެރެއިން ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން 1,129,106.87 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

ފުލުހުން ވިދާޅުވީ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުން ކޮށްފައިވަނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތައް ކަމަށެވެ. މިފަދަ 79 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. ދެން އެންމެ ގިނައީ ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށްބުނެ ހިންގާފައިވާ މަކަރާއި ހީލަތުގެ މައްސަލަތަކެވެ. މީގެ 43 މައްސަލަ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، ބުކިންގ ކެންސަލް ނުވަތަ ރިފަންޑާ ގުޅުވައިގެން ހިންގި 20 މައްސަލައެއްގެ އިތުރުން ދަންނަ މީހުންގެ ނަމުގައި ގުޅައިގެން ނުވަތަ މެސެޖު ކޮށްގެން ފައިސާ ހޯދި 18 މައްސަލައަކާއި، އަންއޮތޮރައިޒްޑް ޓްރާންސެކްޝަންގެ 12 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެހެނިހެން ގޮތްގޮތަށް ހިންގާފައިވާ 12 މައްސަލަވެސް ހިމެނެއެވެ.

ސްކޭމްތައް ހިންގާ ވަސީލަތްތަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ %99 އަކީ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސްކޭމްތަކުގެ %95 ހިއްސާކުރަނީ، ސީދާ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކަށެވެ.

މީގެއިތުރުން އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯން ކޯލު އަދި ފިޝިންގ ލިންކުތަކަކީވެސް ސްކޭމްކުރުމަށް އާއްމުކޮށް ބޭނުންކުރާ މަންސަތަކުގެ ގޮތުގައި ފުލުހުން ފާހަގަކޮށްފައިވާ މަންސަތަކެކެވެ.

ސްކޭމުގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން އަންނަނީ، މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ފުލުހުން ވަނީ އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ ނުވަތަ ލިބޭ ކޮންމެ މެސެޖަކާއި ކޯލަކީ ތެދު މައުލޫމާތު ކަމަށް ނުދެކުމަށާއި، ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން ނުވަތަ އަމިއްލަ މައުލޫމާތެއް ހިއްސާކުރުމުގެ ކުރިން ވިސްނާލުމަށް އެދިފައެވެ. އަދި މުއާމަލާތް ކުރެވެނީ ކާކާތޯ ޔަގީން ކުރުމަށާއި، އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑުތަކަށް ސަމާލުވުމަށްވެސް ވަނީ އެދިފައެވެ.