އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖޭގެ ޒުވާން ޤައުމީ ޓީމުން ކުޅުނު ދެވަނަ މެޗުގައި ސްރީ ލަންކާ އަތުން ފަސޭހަ މޮޅެއް ހޯދައި ކޮލިފިކޭޝަން ފޭސް އިން ޖާގަ ހޯދައިފިއެވެ.
މިޔަންމާގައި ކުރިއަށްދާ ޑިވެލޮޕްމަންޓް ފޭސްގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުތީ ބުރޫނާއީއާ ދެކޮޅަށެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މިއަދި ހަވީރު ރާއްޖެއިން ލަންކާގެ މައްޗަށް ކުރިހޯދީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި ރާއްޖެއިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މި ގޯލު ރާއްޖެއަށް ޖަހައިދިނީ ކެޕްޓަން މުޙައްމަދު އީލާން އިމްރާންއެވެ. ރާއްޖެއިން ލީޑު ފުޅާކުރީ މެޗުގެ 60 ވަނަ މިނެޓްގައެވެ. މި ގޯލު ރާއްޖެއަށް ޖަހައިދިނީ މުޙައްމަދު ސަމްހާންއެވެ.
މެޗުގައި ލަންކާއަށް މައްސަލަތަކާ ކުރިމަތިވީ މެޗުގެ 62 ވަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ފާރިގު އަށް ދެވަނަ ރީނދޫކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.
މެޗުގައި ރާއްޖެއިން ޖެހި ތިންވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނައްސާހުއެވެ. އަދި ރާއްޖޭގެ 4ވަނަ ގޯލުވެސް ޖަހައިދިނީ ނައްސާހުއެވެ. ހަތަރުވަނަ ގޯލު ނައްސާހު ޖެހީ ކެޕްޓަން އިލާންގެ އެހީތެރިކަމާއެކުގައެވެ.
މި ގްރޫޕްން ކޮލިފިކޭޝަން ފޭސް އިން ޖާގަ ހޯދީ މިޔަންމާއާ ރާއްޖެއެވެ. ރާއްޖެއާ މިޔަންމާއަށް ދެ މެޗުން ހަ ޕޮއިންޓް ވަނީ ލިބިފައެވެ. މިޔަންމާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.
މި މޮޅާއެކު ރާއްޖެއިން ވަނީ ޑިވެލޮޕްމަންޓް ފޭސްއަށް ކަނޑައެޅި އަމާޒަށް ވާސިލްވެފައެވެ.