ޚަބަރު

ބޭހާއި ވެކްސިން ރައްކާކުރާ ފެސިލިޓީގެ ބިންގާ އަޅައިފި


  • ވެކްސިން ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވާނެ

  • މިއާއެކު ސިއްހަތާ ގުޅުންހުރި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެ

ވެކްސިނާއި، ބޭހާއި، ޞިއްޙީ ވަސީލަތްތަކާއި، ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބެލެއްޓުމަށް ބޭނުންވާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރިއަށްގެންދާ "ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޮރ ރިކަވަރީ ޕްރޮޖެކްޓް" (އޭޕީވީއޭއެކްސް) ގެ ދަށުން ޢިމާރާތްކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ ޢަލީއެވެ.

ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ އަމަލީ މަސައްކަތް ފެށުމުގެ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ގީލާ ޢަލީ ވިދާޅުވީ، މިއަދު ބިންގާ އެޅިގެންދިޔަ މި ފެސިލިޓީއަކީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ރައްކާތެރިކަމާއި، ހިންގުންތެރިކަމާއި، ދެމެހެއްޓެނިވިކަމަށްޓަކައި ކުރެވޭ ދުރުރާސްތާގެ ނުހަނު މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.

މި ފެސިލިޓީ ޤާއިމުކުރެވުމާއެކު ރާއްޖޭގައި ވެކްސިން ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ވެކްސިނާއި، ބޭހާއި، ސިއްހީ ވަސީލަތްތަކާއި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު އެއްތަނެއްގައި ރައްކާކުރެވޭނެ ޒަމާނީ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން ޞިއްޙީ ތަކެތި ފޯރުކޮށްދިނުމުގެ ނިޒާމު ވަރުގަދަވެ، އާންމު ހާލަތްތަކުގައްޔާއި، ކުރިމަތިވެދާނެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފުރިހަމައަށް އަދި އަވަހަށް އިޖާބަދިނުމުގެ ޤާބިލުކަން ސިއްހީ ދާއިރާއަށް ލިބިގެންދާނެއެވެ.

މީގެއިތުރުން، މި ޢިމާރާތް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ވެކްސިން ރައްކާކުރާ ތަނެއްގެ ގޮތުގައެއް ނޫނެވެ. މި ޢިމާރާތަކީ އެޗްޕީއޭ ގެ އިދާރީ އޮފީހުގެ އިތުރުން، މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، ރެގިއުލޭޓަރީ ބޯޑުތަކާއި ކައުންސިލްތައް އަދި މިނިސްޓްރީގެ އެހެނިހެން މުހިންމު ޓެކްނިކަލް ޑިވިޝަންތައް ހިމެނޭހެން، އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ތަރައްޤީކުރެވޭ ޢިމާރާތެކެވެ.

މި ފެސިލިޓީގެ ސަބަބުން ބޭހާއި، ވެކްސިން، މެޑިކަލް ސާމާނާއި ސިއްހީ އެކި އާލާތްތައް ރައްކާކުރުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި މިކަމަށްޓަކައި ކުއްޔަށް ނަގާފައިވާ ތަންތަނަށް މިނިސްޓްރީން ބަރޯސާވާ މިންވަރު ކުޑަވެގެން ގޮސް، މަސައްކަތުގެ ހިންގުން ހަރުދަނާވެ، ދައުލަތުން ދިގު މުއްދަތުގައި ކުރަންޖެހޭ ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއްވިއެވެ.