އާސެނަލް އަށް ކުޅެމުންދިޔަ ބްރެޒިލްގެ ފޯވަޑް ގެބްރިއަލް މާޓިނޭލީ އެ ކްލަބް ދޫކޮށް ސައުދި އަރަބިއްޔާގެ އަލް ހިލާލަށް ސޮއިކޮށްފިއެވެ.
އުމުރުން 25 އަހަރުގެ މާޓިނޭލީ އަލް ހިލާލަށް ބަދަލުވެފައިވަނީ 60 މިލިއަން ޕައުންޑްގެ ފީއަކަށް ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މާޓިނޭލީ އާސެނަލް އާއި ގުޅިފައިވަނީ 2019 ވަނަ އަހަރު ބްރެޒިލްގެ އިޓުއާނޯ ކްލަބުންނެވެ. އަދި އޭނާ ވަނީ އާސެނަލްގައި ހޭދަކުރި ހަތް އަހަރުގެ ތެރޭގައި އެ ކްލަބަށް 278 މެޗު ކުޅެދީ 62 ލަނޑު ޖަހައިދީފައެވެ.
މާޓިނޭލީ ވަނީ އާސެނަލް އާއިއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ އިތުރުން ކޮމިއުނިޓީ ޝީލްޑް އާޢި އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި މާޓިނޭލީ އަލް ހިލާލް އާއި ގުޅިފައިވަނީ އާސެނަލް އިން އޭނާއަށް މުސާރައިގެ ގޮތުގައި ހަފްތާއަކު ދިން 180,000 ޕައުންޑަށްވުރެ ބޮޑު މުސާރައަކަށެވެ. މާޓިނޭލީ އަލް ހިލާލް އާއި ގުޅިފައިވާއިރު އެ ކްލަބުން ވަނީ ދާދި ފަހުން އެސްޓަން ވިލާއަށް ކުޅެމުންދިޔަ އިނގިރޭސި ފޯވަޑް އޮލީ ވޮޓްކިންސް ވެސް އެ ކްލަބަށް ގެންގޮސްފައެވެ.
ނިމިގެންދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި 53 މެޗު މާޓިނޭލޯ އާސެނަލް އަށް ކުޅެދިން ނަމަވެސް އައު ސީޒަނާއި އެ ކްލަބުން ކުރިމަތިލީއިރު އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ވަނީ މި ފަހަރު އޭނާގެ ޕްލޭނުގައި މާޓިނޭލީ ނުހިމެނޭކަމަށް ބުނެފައެވެ. އަދި ލީގުގައި އާސެނަލް އިން ކުޅުނު ފުރަތަމަ ދެ މެޗުގައިވެސް މާޓިނޭލީ ހިމަނާފައެއް ނުވެއެވެ.