ޚަބަރު

މެލޭޝިޔާގެ ސެރިއަން އަވަށުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފި


އިންޑޮނޭޝިޔާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ބޯ ދުމުގެ އަސަރު ފެތުރި، މެލޭޝިޔާގެ ސަރަވަކް ސްޓޭޓްގެ ސެރިއަން އަވަށުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ.

އަވައްޓެރި އިންޑޮނޭޝިޔާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން ފެތުރެމުންދާ ބޯ ދުމުގެ ސަބަބުން ވައި ނުހަނު ބޮޑަށް ތަޣައްޔަރުވެ، މެލޭޝިޔާގެ ސަރަވަކް ސްޓޭޓްގެ ސެރިއަން އަވަށުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ.

ބޯނިއޯ ޖަޒީރާގައި އޮންނަ ސަރަވަކްގެ އެކި ސަރަޙައްދުތަކަށް މި ދުމުގެ ނޭދެވޭ އަސަރު ފޯރައި، އާންމު ޞިއްޙަތަށް ނުރައްކާވާ މިންވަރަށް ވައި ތަޣައްޔަރުވުމާ ގުޅިގެން ބައެއް ސަރަޙައްދުތަކުގެ ސްކޫލްތައްވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.

މެލޭޝިޔާގެ ކަމާބެހޭ އިދާރާތަކުގެ މިންގަނޑުތަކަށް ބަލާއިރު، ވައި ތަޣައްޔަރުވެފައިވާ މިންވަރު ނުވަތަ އޭޕީއައި 300 އަށްވުރެ މަތިވުމަކީ އާންމު ޞިއްޙަތަށް ނުރައްކާތެރި ޙާލަތެކެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރާ މިންގަނޑަކީ 500 ކަމަށްވާއިރު، ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުކުރު ދުވަހު ސެރިއަންގެ މި މިންވަރު ވަނީ 519 އަށް އުފުލިފައެވެ. މިއީ އާންމުންގެ ރައްކާތެރިކަމާއި ޞިއްޙަތަށް އިންތިހާއަށް ނުރައްކާތެރި މިންވަރެކެވެ.

ސަރަވަކްގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ ޗެއަރމަން ޑަގްލަސް އުގާ އެމްބާސް ވިދާޅުވީ، އޭޕީއައި ރީޑިންގ 500 އަށްވުރެ މައްޗަށް ދިޔުމާ ގުޅިގެން ސްޓޭޓް ސަރުކާރުން އެދުނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްދިނުމަށެވެ. މި ޙާލަތު ތަންފީޛުކުރެވެމުން ދަނީ ސެރިއަން އަވަށުގެ 20 ކިލޯމީޓަރުގެ ސަރަޙައްދަކަށް އެކަންޏެވެ. ނަމަވެސް، އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސުޕަމާކެޓްތަކާއި، ޕެޓްރޯލް ޝެޑްތައް އަދި ބޭންކުތައް ފަދަ ތަންތަން ހުޅުވައިގެން ޚިދުމަތް ދެމުން ގެންދާނެއެވެ. މީގެ އިތުރުން، ވައިގެ ތަޣައްޔަރުކަން ކުޑަކުރުމަށްޓަކައި ވާރޭ ވެއްސުމުގެ މަޤްޞަދުގައި "ކްލައުޑް-ސީޑިންގ" (ވިލާތަކަށް ކެމިކަލް އަޅައިގެން ވާރޭ ވެއްސުވުމުގެ) ޚާއްޞަ އޮޕަރޭޝަންތައްވެސް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވީ މެލޭޝިޔާގެ ރަސްގެފާނު ސުލްޠާން އިބްރާހީމެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރަސްގެފާނު މި ފިޔަވަޅު އެޅުއްވީ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ސަރަވަކްގެ ޕްރެމިއަރ އަބަންގް ޖޯހަރީ އޯޕެންގްގެ މަޝްވަރާއާއި ލަފާފުޅުގެ މަތިންނެވެ. ޤާނޫނީ ގޮތުން މެލޭޝިޔާގެ ރަސްގެފާނަކީ ޢާންމު ގޮތެއްގައި ބޮޑުވަޒީރާއި ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން މަސައްކަތްޕުޅު ކުރައްވާ ރަމްޒީ އިސްވެރިޔަކަށް ވީނަމަވެސް، ޤައުމީ ސަލާމަތަށާއި އިޤްތިޞާދަށް ނުވަތަ ޢާންމު އިޖުތިމާޢީ ނިޒާމަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ޙާލަތްތަކުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވުމުގެ ދުސްތޫރީ ބާރު ރަސްގެފާނަށް ލިބިވަޑައިގަންނަވައެވެ.