އެމެރިކާގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގައި ސީޑު ކޮށްފައިވާ ކުޅުންތެރިންނަށް ބަދުނަސީބު ފަހަރެއްގެގޮތުގައި ބެލެވެން ފަށައިފިއެވެ.
މިފަހަރުގެ މުބާރާތުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މިހާތަނަށް ގަދަ 10 ގެ ތެރޭގައި ސީޑު ކުރެވިފައިވާ 6 ކުޅުންތެރިން ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ. މިލިސްޓަށް އެންމެ ފަހުން އިތުރު ވީ، 5 ވަނައަށް ސީޑު ކޮށްފައިވާ އިޓަލީވިލާތުގެ ފުލާވިއޯ ކޮބޯލީ އާއި 9 ވަނައަށް ސީޑު ކޮށްފައިވި އެމެރިކާގެ ޓޭލަރ ފްރިޓްޒެވެ.
މިމުބާރާތުގެ ތިންވަނަ ބުރުގައި ފްރިޓްޒް ބަލިވީ، އާޖެންޓީނާގެ ފްރަންސެސްކޯ ސެރުންޑޮލޯ އާއި ވާދަކޮށް 3 ސެޓް 2 ސެޓުންނެވެ. މިމެޗުގެ ފުރަތަމަ ދެ ސެޓު ފްރިޓްޒް ކާމިޔާބު ކުރީ 6-3، 6-4 އިންނެވެ. އަދި ތިންވަނަ ސެޓުގެ ކުރީކޮޅު ފްރިޓްޒަށް ބްރޭކެއްވެސް ލިބުނެވެ. ނަމަވެސް ބްރޭކާއެކުވެސް ޖެހިގެން އައި ތިން ސެޓު ސެރުންޑޮލޯ ކާމިޔާބު ކުރީ 6-3، 6-4 އަދި 6-4 އިންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ފްރިޓްޒް ބުނީ މެޗު ދިޔަ ގޮތާއި ބެހޭގޮތުން އޭނާ ބުނާނެ އެއްޗެއް ނޭނގޭ ކަމަށެވެ. އަދި މިވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި މިވަގުތު ބޭނުންވަނީ އެންމެންނާ ވީހާވެސް ދުރަށް ކުޑަދުވަސް ކޮޅަކަށް ދާން ކަމަށް ފްރިޓްޒް ބުންޏެވެ.
މިމުބާރާތުގެ ތިންވަނަ ބުރުން ކޮބޯލީ ބަލިވީ ބެލްޖިއަމްގެ އެލެގްޒެންޑަރ ބްލޮކްސް އާއި ބައްދަލުކޮށް 3-1 ސެޓުންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް 7-4 އިން ކާމިޔާބު ކުރީ ކޮބޯލީއެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓުގައި ފެނުނީ މުޅިން ތަފާތު ކޮބޯލީއެކެވެ. މިގޮތުން ދެވަނަ ސެޓު 6-3 ބްލޮކްސް ކާމިޔާބު ކުރިއިރު، ތިންވަނަ ސެޓު އޭނާ ކާމިޔާބު ކުރީ 6-0 އިންނެވެ. އަދި ފަހު ސެޓު ބްލޮކްސް ކާމިޔާބު ކުރީ 6-3 އިންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކޮބޯލީ ބުނީ މިމެޗުގައި އޭނާގެ ކިބައިގައި ކުރިން މެޗުތަކުގައި ހުރި ވަރަށް ހަކަތަ ނެތް ކަމަށެވެ. އަދި މިމެޗުގައި އޭނާއަށް ވަރަށް ބޮޑަށް ވަރުބަލިކަން އިހްސާސް ކުރެވުނު ކަމަށް އޭނާ ބުންޏެވެ. މިމުބާރާތުގެ ހަތަރު ވަނަ ބުރުގައި ބްލޮކްސް ބައްދަލުކުރާނީ ފްރިޓްޒް އަތުން މޮޅުވި ސެރުންޑޮލޯއާއެވެ.
މިފަހަރުގެ މުބާރާތުގައި ސީޑު ކޮށްފައިވާ ގިނަ ކުޅުންތެރިން އަންނަނީ މުބާރާތަށް އަލްވަދާއު ކިޔަމުންނެވެ. މިގޮތުން އެންމެ ބޮޑު ހައިރާން ކަމަކަށް ލިބުނީ މުބާރާތުގެ ފުރަތަމަ ދުވަހު 4 ވަނައަށް ސީޑު ކޮށްފައިވާ އަދި މުބާރާތުގައި ވާދަކުރަމުންދިޔަ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ފުރަތަމަ ބުރުން އާޖެންޓީނާގެ މަރިއާނޯ ނަވޯނޭ އަތުން ބަލިވުމުންނެވެ. އަދި އޭގެފަހުން ދެން ފެނުނީ 10 ވަނައަށް ސީޑު ކޮށްފައިވާ ފަރަންސޭސިވިލާތުގެ އަރތަރ ފިލްސް ފުރަތަމަ ބުރުގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އަތުން ބަލިވިތަނެވެ. މިހާތަނަށް މުބާރާތުން ކެޓި އެންމެ މަތިން ސީޑު ކުރެވިފައިވާ ކުޅުންތެރިޔަކީ 3 ވަނައަށް ސީޑު ކުރެވިފައިވާ ކެނެޑާގެ ފީލިކްސް އައުގަރ އެލިއަސީމެވެ. އޭނާ ބަލިވީ ދެވަނަ ބުރުގައި ރަޝިއާގެ ކަރެން ހަޗަނޯވް އަތުންނެވެ. އަދި ދެވަނަ ބުރުން ދެން ބަލިވީ 6 ވަނައަށް ސީޑު ކޮށްފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯއެވެ. މި ކުޅުންތެރިން ބަލިވުމުން ފްރިޓްޒާއި، ކޮބޯލީއަށް ފަސޭހަ މެޗުތަކެއް ލިބޭނެ ކަމަށް ބެލެވުނުނަމަވެސް މިދެ ކުޅުންތެރިންނަށްވެސް މިކަމުގެ ފައިދާ ނެގޭގޮތެއް ނުވިއެވެ.
ކޮބޯލީ އާއި ފިިރިޓްޒް ބަލިވުމުން އެއްވަނައަށް ސީޑު ކޮށްފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް ހިމެނޭ ގުރޫޕުގައި މިހާރު ގަދަ 20 ކުޅުންތެރިންގެ ތެރެއިން ބާކީ ތިބީ 14 ވަނައަށް ސީޑު ކޮށްފައިވާ ލަރނަރ ޓިއެންއާއި 17 ވަނައަށް ސީޑު ކުރެވިފައިވާ ޔާކޫބް މެންސިކެވެ. އަދި މިދެ ކުޅުންތެރިން މިރޭ ވާދަކުރާނެއެވެ. އެހެން ކަމުން ޒުވަރޭވަށް ގަދަ 10 ގައި ހިމެނޭ ކުޅުންތެރިޔަކާ ވާދަނުކޮށް މިފަހަރު ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި ގަދަ 20 ގައި ހިމެނޭ ކުޅުންތެރިޔަކާ ވާދަ ކުރަން ޖެހުނަސް ކުރާނީ ސެމީ ފައިނަލްގައެވެ.