ޚަބަރު

އެތްލެޓިކްސް ޓީމުން ތައްޔާރުވަނީ އަންނަ އަހަރުގެ ގޭމްސްތަކަށް: މުންތަޤިމް


  • އަންނަ އަހަރު ރާއްޖެއިން ބޮޑު ދެ ގޭމްސްގައި ވާދަކުރާނެ

  • ސާއިދު ވަނީ ސާފް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައި

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރުގެ ގޭމްސްތަކަށް ކަމަށް އެ އެސޯސިއޭޝަނުގެ ޖެނެރެލަސް ސެކެޓްރީ އަހުމަދު މުންތަގިމް (މުންތޭ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުންތަގިމް ވިދާޅުވީ، އެތުލެޓިކްސް އެސޯސިއޭޝަނުން މިއަހަރު ބައިވެރިވާ ބައިނަލްއަޤުވާމީ ކޮންމެ މުބާރާތަކީ އަންނަ އަހަރު އޮންނަ ގޭމްސްތަކަށް ތައްޔާރުވާން ބައިވެރިވާ މުބާރާތްތަކެއް ކަމަށެވެ.

އަންނަ އަހަރު ރާއްޖެއިން ބޮޑު ދެ މުބާރާތެއްގައި ވާދަކުރާނެއެވެ. އެއީ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ) ގެ އިތުރުން ސައުތު އޭޝިއަން ގޭމްސްއެވެ. އައިއޯއައިޖީ ގައި މި ފަހުން ރާއްޖޭގެ އެތުލެޓިކްސް ޓީމުން ވަނީ ބައިވެރިވެ ރަން ވަނަ ތަކެއް ވެސް ހޯދައިފައެވެ. މީގެ އިތުރުން އެންމެ ފަހުން ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. މީގެ އިތުރުން 200 މީޓަރު ދުވުމުން ސާއިދު ލޯ މެޑަލްވެސް ހޯދިއެވެ.

މުންތަގިމް ވިދާޅުވީ، އެތުލެޓިކްސް އެސޯސިއޭޝަނުގެ ވިސްނުމަކި އަންނަ އަހަރު ހުރި މުބާރާތްތަކުގައި ރާއްޖެއިން ކުރިން ހޯދި ކާމިޔާބީ ތަކުރާރުކުރުން ކަމަށެވެ. އަދި އެތުލީޓުން މަސައްކަތް ކުރާނީ އެ އެތުލީޓުންގެ ޓައިމިން ރަނގަޅު ކުރަން ކަމަށް މުންތަގިމް ވިދާޅުވިއެވެ.

މުންތަގިމް ވިދާޅުވީ، ރާއްޖޭގެ އެތުލެޓިކްސް ޓީމު އޮތީ މި މަހު ފަށާ އޭޝިއަން ގޭމްސްއަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. އަދި އޭޝިއަން ގޭމްސްގައި ރަނގަޅު ޓައިމިންގައި އެތުލީޓުން ވާދަކުރާ ކެޓަގަރީތައް ނިންމާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.