އެލްނީނޯއަކީ ޤުދުރަތީ ގޮތުން ހިނގާ ކަމެއް ނަމަވެސް، އިންސާނުން ބޭނުންކުރާ ފޮސިލް ފިއުލްގެ ސަބަބުން ދުނިޔެ ހޫނުވަމުންދާ މިންވަރު އިތުރުވެ، މިފަދަ ކާރިސާތަކުގެ ބާރު އިތުރަށް ގަދަވެއެވެ.
ވޯލްޑް މީޓިއޮރޮލިޖިކަލް އޯގަނައިޒޭޝަން، ޑަބްލިއުއެމްއޯއިން ފާހަގަކުރި ގޮތުގައި އެލްނީނޯގެ ނޭދެވޭ އަސަރު ފެބްރުއަރީއާ ހަމައަށް ކުރާނެއެވެ. އަދި މިއަހަރުގެ ފަހުކޮޅު، އެލްނީނޯ އޭގެ އެންމެ ނުރައްކާ މިންވަރަށް ގަދަވާނެކަމަށް ޑަބްލިއުއެމްއޯއިން ފާހަގަކުރައްވައެވެ.
މި ހާލަތު މިހާރު ފުރިހަމައަށް ޤާއިމުވެފައިވާއިރު ފިނިހޫނުމިނަށާއި، ފެންބޮޑުވުމާއި، އާދަޔާ ޚިލާފަށް ހޫނު ގަދަވުން ފަދަ މޫސުމީ ކާރިސާތައް ކުރިމަތިވާނެކަމަށް ޑަބްލިއުއެމްއޯއިން ވަނީ ލަފާކޮށްފައެވެ.
އެލްނީނޯގެ ސަބަބުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އެލްނީނޯގެ އަސަރު އެންމެ ގަދަވާނީ ނޮވެމްބަރުމަހު ކަމަށެވެ. އެހެންނަމަވެސް ފެބްރުއަރީއާ ހަމައަށް މި ހާލަތު ދިގުލައިގެންދާނެ ކަމަށާއި، މި ދުވަސްތަކުގައި ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވާނެކަމަށް ވިދާޅުވިއެވެ.
އަދި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްވެރިންނަށްވެސް ދަތިތަކާއި ކުރިމަތިވާނެ ކަމަށާއި، މި ދުވަސްތަކުގައި ރާއްޖޭގެ ހޫނުމިން އާންމުކޮށް ހުންނަވަރަށްވުރެ އިތުރުވުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
"އެލްނީނޯގެ އަސަރު މެކްސިމަމްއަށް ދާނީ ނޮވެމްބަރު މަސްތެރޭ. އެހެންނަމަވެސް އަންނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް މި ހާލަތު ދިގުލައިގެންދާނެކަމަށް ބެލެވޭ. މީގެސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ރާއްޖެއަށްވެސް މީގެ އަސަރު ކުރާނެ. އެގޮތުން ވާރޭވެހޭ މިންވަރު މަދުވުމާއި، އެވްރެޖު ހޫނަށްވުރެ ހޫނުގަދަވުމާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމަށް ނޭދެވޭ އަސަރުކުރުން އެކަށީގެންވޭ". މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަން ފަދަ ރާއްޖޭގެ އިޤުތިސާދަށް މުހިންމު ދާއިރާތަކުން އެލްނީނޯގެ ސަބަބުން ކުރިމަތިވެދާނެ ބަދަލުތަކަށް ދުރާލާ ތައްޔާރުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، އެންމެ ހޫނުގަދަވާނެކަމަށް ބެލެވެނީ މާލެ ސަރަހައްދަށެވެ. އެގޮތުން މިއަދު މާލެ ސަރަޙައްދުގެ ފިނިހޫނުމިން ހުރީ، 37.1 ޑިގްރީ ސެލްސިއަސްގައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހު ރާއްޖޭގެ އުތުރަށް ވާރޭވެހޭނީ އާންމު މިންވަރަށްވުރެ މަދުންނެވެ. އެހެންނަމަވެސް ދެކުނާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް އާންމު މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެކަމަށް އެ އިދާރާއިންވަނީ ލަފާކޮށްފައެވެ.
އަދި އޮކްޓޯބަރު މަހާއި، ނޮވެމްބަރުމަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުން ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އާންމުގޮތެއްގައި ކޮންމެ 2 އަހަރާއި، 7 އަހަރާ ދެމެދު އުފެދޭ މި ޙާލަތުގެ ސަބަބުން އިކުއޭޓަރު ސަރަހައްދުގެ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަޙައްދުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް އުފުލިގެންދެއެވެ. ޑަބްލިއުއެމްއޯގެ މިންގަނޑުތަކަށް ބަލާއިރު މިފަހަރުގެ އެލްނީނޯ ބެލެވެނީ، އެންމެ މަތީ ދަރަޖައިގެ ނުރައްކަލެއްގެ ގޮތުގައެވެ.