އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން، އައިޓީއެފްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދީބު ޔޫސުފް އަލް އާމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި އިޤްތިޞާދީ އެއްބާރުލުމާއި، ވިޔަފާރީގެ ތަރައްޤީއާއި، ބިނާރާއި، ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ކުރިއެރުވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ރާއްޖެއާ އައިޓީއެފްސީއާ ދެމެދު އޮންނަ ޒަމާންވީ އަދި ގާތް ގުޅުން އިތުރަށް ކުރިއަރުވައި ބަދަހިކުރުމުގެ ޔަގީންކަން ދެފަރާތުން ވަނީ ދެއްވާފައެވެ.
އައިޓީއެފްސީ އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައި.ސީގެ މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން އެ ޤައުމުތަކުގެ ރައްޔިތުންގެ އިޤްތިޞާދީ އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.
2005ވަނަ އަހަރުން ފެށިގެން އައިޓީއެފްސީގެ އެހީ ރާއްޖެއަށް ލިބެމުންދެއެވެ. އެގޮތުން ރާއްޖެއަށް ފުރަތަމަ އައިޓީއެފްސީގެ އެހީތެރިކަން ލިބިފައިވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖެއަށް އައި.އެސް.ޑީ.ބީ ގުރޫޕުން ލިބުނު އެހީގެ ގޮތުގައެވެ. އެކިފަހަރުމަތިން ޓްރޭޑް ފައިނޭންސިންގ އެހީ ރާއްޖެއަށް ވަނީ ލިބިފައިވެ.