މިދިޔަ އަހަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއަށް ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެއްޖެއެވެ.
އެމްޕީއެލްގެ މިދިޔަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިިދިޔަ އަހަރު ކުންފުނީގެ އާމްދަނީ އާއި ސާފު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. މިދިޔަ އަހަރު އެމްޕީއެލްއަށް ސާފު ފައިދާގެ ގޮތުގައި 59.9 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. 2024 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 27.8 މިލިޔަން ރުފިޔާއެވެ.
އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެފައިވަނީ، އެމްޕީއެލްގެ މާލީ ހިސާބުތައް ތައްޔާރުކޮށްފައިވަނީ ބައިނަލްއަޤުވާމީ މާލީ ސްޓޭންޑަޑާއި އެއްގޮތަށް ކަމަށެވެ. އަދި ކުންފުނީގެ މާލީ ހާލަތު ސާފުކޮށް ތެދުވެރިކަމާއެކު ރިޕޯޓުން ފެންނަކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.
އެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުން ކުންފުނީގެ ފައިދާ އިތުރުވި ސަބަބަކީ އެމްޕީއެލްގެ އާމްދަނީ އަށް ލިބުނު ކުރިއެރުމެވެ. އެގޮތުން 2025 ވަނަ އަހަރު އެމްޕީއެލް ގްރޫޕަށް އާމްދަނީގެ ގޮތުގައި 949.9 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި 2024 ވަނަ އަހަރު ލިބިފައިވަނީ 860.5 މިލިޔަން ރުފިޔާއެވެ.
ކުންފުންޏަށް އާމްދަނީ ލިބިފައިވާ ގޮތަށް ބަލާއިރު އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ މުދާ ބޯޓަށް ބަރުކޮށްގެންނެނެވެ. އެ ދާއިރާއިން 314 މިލިޔަން ރުފިޔާ އެމްޕީއެލްއަށް ލިބުނެވެ. ދެން އެންމެ ގިނައިން އާމްދަނީ ލިބުނީ ބޯޓުން މުދާ ހުސްކުރުމާއި، ބޯޓުފަހަރު އައުމާއި ޕައިލެޓް ކުރުމުގެ ހިދުމަތުންނެވެ. ބޯޓުން މުދާ ހުސްކޮށްދިނުމުގެ ޚިދުމަތުން 276 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ބޯޓު އުމާއި ބައިލެޓްކޮށްގެން 138 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
އާމްދަނީ ލިބުނު އިތުރު ޚިދުމަތްތަކަށް ބަލާއިރު، މުދާ ކްލިއާ ކުރުމުގެ ޚިދުމަތުން 86 މިލިޔަން ރުފިޔާ، ބޯޓުފަހަރާއި ސާމާނު ކުއްޔަށް ދޫކޮށްގެން 10 މިލިޔަން ރުފިޔާ،
ހުސް ކޮންޓޭނަރާއި ބޯޓު ފުރުމުގެ ޚިދުމަތުން 75 މިލިޔަން ރުފިޔާ، ކަރަންޓާއި ފެން ވިއްކައިގެން ލިބުނު އާމްދަނީން 37 މިލިއަން ރުފިޔާ، އަދި މުދާ އުފުލުމުގެ ހިދުމަތުން 2.4 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.
އެމްޕީއެލްއިން އެހެނިހެން ކުންފުނިތަކަށް ފޯރުކޮށްދިން ޚިދުމަތުން ލިބުނު އާމްދަނީއަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދިން ޚިދުމަތުންނެވެ. އެއީ 162 މިލިޔަން ރުފިޔާއެވެ. މީގެއިތުރުން، އެމްޓީސީސީއިން 11 މިލިޔަން ރުފިޔާ، ކުޅުދުއްފުށީ ޕޯޓް ލިމިޓެޑަށް 6.7 މިލިޔަން ރުފިޔާ، އެސްޓީއޯއިން 26 މިލިއަން ރުފިޔާ، ހިތަދޫ ޕޯޓް ލިމިޓެޑުން 21 މިލިއަން ރުފިޔާ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން، 13.4 މިލިޔަން ރުފިޔާ، މިފްކޯއިން 6.3 މިލިޔަން ރުފިޔާ، އެމްއޭސީއެލްއަށް 2.6 މިލިޔަން ރުފިޔާގެ ޚިދުމަތް ފޯރުކޮށްދީފައިވެއވެެ. އަދި ފިއުލް ސަޕްލައި މޯލްޑިވްސްއަށް 2.5 މިލިޔަން ރުފިޔާ، އައިލެންޑް އޭވިއޭޝަނަށް 328,021 ރުފިޔާ، ޕަބްލިކް ސަރވިސް މީޑިއާއަށް 1.9 މިލިޔަން ރުފިޔާ، ސްޓެލްކޯއަށް 1.6 މިލިޔަން ރުފިޔާ، ފެން ކުންފުންޏަށް 1.5 މިލިޔަން ރުފިޔާ، އެޗްޑީސީއަށް 26,518 ރުފިޔާ، މޯލްޑިވް ގޭހަށް 909،977 ރުފިޔާ، ވެމްކޯއަށް 115,808 ރުފިޔާގެ ޚިދުމަތް އެ ކުންފުނިން ފޯރުކޮށްދީފައިވެއެވެ.
އެމްޕީއެލްގެ މާލީ އޮޑިޓުން އެނގޭ ގޮތުން އެ ކުންފުނިން ވަނީ މުވައްޒަފުންނަށް ކުރާ ހޭދަ ދަށްކޮށްފައެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް ކުރާ ހަރަދުތައް 675.7 މިލިޔަން ރުފިޔާއިން 645.8 މިލިޔަން ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ.
ނިިމިދިޔަ އަހަރު ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުން 11.5 މިލިޔަން ރުފިޔާއަށް އަރައެވެ. މިއީ 2024 ވަނަ އަހަރު ގެއްލުމުގެ ގޮތުގައި ރިޕޯޓުކޮށްފައިވާ 10,465,414 ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.