ޚަބަރު

"ޤައުމަށް ފައިދާހުރި ކަންކަމުގައި އެންމެން އެކައްޗެއް ކިޔަންޖެހޭ"


  • "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"އަށް އިދިކޮޅު ދެކޮޅުހެދިކަން ފާހަގަކުރެއްވި

  • އެންމެންވެސް ޤައުމަށް އިޚްލާޞްތެރި ބަޔަކަށް ވާންޖެހޭކަމަށް ވިދާޅުވި

އަޅުގަނޑުމެން އެންމެންނަކީ ޤައުމާމެދު އިޚްލާޞްތެރިކަމާއެކު ދެކޭ ބަޔަކަށް ވާންޖެހޭކަމަށާ، ޢަމަލާއި ބަހުންވެސް އެކަން ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި
ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ނެތެމުންދާ އިޙްތިރާމް އާދަކުރުމުގެ ރިވެތި އާދަކާދަ އަލުން އިޔާދަކުރުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ފެށުމާ ގުޅުން ހުރި ކަންކަން، އާދީއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރައްވާފައިވާކަން ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަޝްރޫޢު ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކަންމިހެން އޮތްނަމަވެސް، މަޝްރޫޢު ފެށުމަށް ތައްޔާރީތައް ވަމުން ދިޔައިރު، ސަރުކާރުން ދިން ދަޢުވަތު ޤަބޫލުކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ދެކޮޅު ހެދިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ހިތާމަފުޅުކުރައްވާ ކަމެއްކަމަށާ، ޤައުމަށް ފައިދާ ކުރަނިވި ކަމެއްގައި ކޮންމެ ބަޔަކުވެސް އެކައްޗެއް ކިޔަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެންމެންގެ ބައިވެރިވުމާއެކު މިމަޝްރޫޢު ކާމިޔާބުކޮށްދެއްވުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

"މިއީ ވަރަށް އިޙްތިރާމްކުރާ މުޖުތަމަޢެއް އޮތް ތަނެއް. އަވައްޓެރިންނާއި، ކުޑަކުދިންނާއި، މުސްކުޅިންނާއި އެންމެންނަށް. އެހެން ނަމަވެސް މަޑުމަޑުން މަޑުމަޑުން އިރޯޑުވަމުން އިރޯޑުވަމުން ގޮސް މިހާރު ގާތްގަނޑަކަށް ނެތިއްޖެއެކަންތައް. ހިނގާށޭ އެކަން އަނެއްކާވެސް އިޔާދަކުރަން. ސިޔާސީ ޕާޓީތަކުން، ނޫސްވެރިން ޖެހޭނެ މީގައި ބައިވެރިވާން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތުގެ އަލިކަން ލިބުނުތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަސައްކަތްތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މައި މަގުތަކުގައި، ނަސޭޙަތާއި ޛިކުރު ބޯޑުތައް ހަރުކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްދާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.