ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޫކުރާކަމަށް ބުނެ، މީސްމީޑިޔާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން މީސްމީޑިޔާގައި ފޭކް އެކައުންޓްތައް ހަދައިގެން ހަރަކާތްތެރިވާކަން ތަހުގީގުތަކުން އެނގިފައިވާކަމަށެވެ. އެގޮތުން ޓިކްޓޮކް އެކައުންޓްތަކާއި ނަންބަރު ބޭނުންކޮށްގެން މިފަދަ އޮޅުވާލުންތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފަރ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގުމުގައި ނޯންނަކަން ތަހުގީގަށް ފާހަގަވެފައިވާ ކަަމަށެވެ.
- އޮޅުވާލައިގެން އިޝްތިހާރުކުރުން
- އަވަސްއަރުވާލައިގެން ފައިސާ ހޯދަން އުޅުން
- އެޑްވާންސް ފައިސާ އަތުލުން
- ވަގު ލިޔެކިޔުމާއި އައިޑީ ބޭނުންކުރުން
- ފައިސާ ލިބުމުން ރިޕްލައި ކުރުން ހުއްޓައިލުން
ފުލުހުން ވަނީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ.
- ތަން ބަލައި ޔަގީންކުރުން
- މިލްކުވެރިކަން ކަށަވަރުކުރުން
- އަވަސްއަރުވާލައިގެން ފައިސާ ދައްކަން ބުނާ ބުނުމަށް ފާރަވެރިވުން
- އޮންލައިން މުއާމަލާތްތަކަށް ސަމާލުވުން
މި އޮޅުވާލުމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި، ފޯނު ނަންބަރަށް ފައިސާ ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ ފަރާތްތަކުން، ނުވަތަ މިފަދަ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިންއަށް ގުޅުއްވައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރެއްވުމަށް ވަނީ އެދިފައެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެކިކަހަލަ އޮޅުވާލުންތަކާއި ސްކޭމްތަކުގެ މައްސަލަތަކުގައި އާންމުންގެ އަތުން 1,962,260.38 މިލިޔަން ރުފިޔާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެއެވެ.