ޚަބަރު

ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު


  • ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވެވި

  • އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައި

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ގުޅޭގޮތުން، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާރންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މަޝްވަރާގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައިކަމަށެވެ. އަދި ރައީސް ފޮނުއްވި ސިޓީފުޅުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަމުގައި ތާރީޚީގޮތުންވެސް ފެންނާން އޮތްކަމާއި، އަދި ޖިއޮގްރަފީ ގޮތުންވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ މާގާތުގައި އޮތް ރަށެއްކަމުގައި ފާހަގަކުރައްވައި، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ކުރިޔަށް ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

މިސިޓީފުޅުގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ކުރިޔަށް ގެންދަވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައިވެއެވެ. އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނޭ ގޮތަށް، ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެއިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

ދިވެހިރާއްޖޭގެ ދެކުނުން އައްޑޫ ގަމާއި ގާތްގަނޑަކަށް 500 ވަރަކަށް ކިލޯ މީޓަރު ދުރުގައި އޮންނަ ފޯޅަވައްސަކީ، 7 އަތޮޅުގެ މައްޗަށް އެކުލެވޭ، 60 ރަށް ހިމެނޭ ތަނެކެވެ. އެ ރަށްތަކަކީ މިހާރު އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއެކެވެ. ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރ ހުރި ފޯޅަވަހީގެ މިލްކުވެރިކަމަށް ރާއްޖޭގެ އިތުރުން މޮރިޝަސްއިން ދައުވާކުރެއެވެ.

މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއީ އޮންނަނީ ފޯޅަވައްސާ ގާތްގަނޑަކަށް 1،300 މޭލު ދުރުގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލުގެ ދުރުމިނެކެވެ. ތާރީޚީ ގޮތުންބަލާއިރު ރާއްޖެ އާއި ފޯޅަވައްސާއި ގުޅުވާދޭ ތާރީހީ އެތައް ގިނަ ހެކިތަކެއް އެބަހުރިކަމަށް ސަރުޖާރޔބް ފާހަގަކުރައްވައެވެ.