މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުން އަންނާ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް މުވައްޒަފުން ތަމްރީން ކުރުމަށް ލ. ގަމުގައި ބޭއްވި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީއާއެކު އިންގިލާބީ ބަދަލުތަކެއް އައި ނަމަވެސް އެ ޤާނޫނުއަސާސީއާއެކު މިނިސްޓްރީ އޮފް ޖަސްޓިސް އުވި، މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު ބީވެގެން ދިޔަ ކަމަށެވެ. އެ ޤަވާއިދުގައި ބަޔާންކުރާ ބައެއް ޒިންމާތައް ޑީޖޭއޭއިން އަދި އަނެއްބައި ޒިންމާތައް ކޯޓުތަކުން އަދާކުރަމުންއަންނަތާ 18 އަހަރު ވެފައިވާ ކަމަށާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދެއްގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވެއްޖެ ކަމަށް މެޖިސްޓްރޭޓުންނަށް އިހުސާސްކުރެވި އެ ޤަވާއިދު އެކުލަވާލައި ޑްރާފްޓެއް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދަށް އަންނަ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށާއި އެއާއެކު 18 އަހަރުވީ ދިގު ހުސްކަމަކަށް ނިމުން އަންނާނެ ކަމަށެވެ.
"ސީދާ މެޖިސްޓްރޭޓުންނަށް އިޙުސާސް ކުރެވިގެން، މިފަދަ ޤަވާޢިދެއްގެ ފުރަތަމަ ޑްރާފްޓް ފަރުމާ ކުރައްވައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ. އެ ހުށަހެޅުއްވުމާ ގުޅިގެން ކުރެވުނު ގިނަ މަސައްކަތްތަކަށްފަހު އެޤަވާއިދަށް ޢަމަލުކުރަން މިދަނީ ތައްޔާރުވަމުން. މާތް الله ގެ ވާގިފުޅާއެކު 1 އޮކްޓޫބަރު 2026 ގައި އެ ޤަވާޢިދަށް ޢަމަލު ކުރަންފެށޭނެ. އެހެންކަމުން 18 އަހަރުވީ ދިގު ހުސްކަމަށް އެހާތަނުން ފެށިގެން ނިމުން އަންނާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދު ފުރިހަމައަށް ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭންވާނީ އެ ޤަވާއިދު ތަންފީޒުކުރަންތިބި މުވައްޒަފުން ޤަވާއިދަށް އަހުލުވެރިކުރުވުން ކަމަށެވެ. އަދި މި ޤަވާއިދު ހިންގޭފަދަ ވެއްޓެއް ކޯޓުތަކުގައި ޤާއިމްވެފައިވާކަން ކަށަވަރުކުރަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހަމަޖެހިފައި ހުރުމުގެ އިތުރުން އެކަށީގެންވާ ޖާގަ ތަނަވެސްގެން ކަމަށް ވިދާޅުވިއެވެ. އެހެންވެ އެ މަސައްކަތަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދެއްވުމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ އަރިހުން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މި ޤަވާޢިދުގެ ދަށުން މެޖިސްޓްރޭޓް ކޯޓުތަކަށް ރަޖިސްޓްރާރއިންގެ މަޤާމުތައް އަލަށް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ އެ މަޤާމުތައް ތަޢާރަފުވި ނަމަވެސް ޖޭއެސްސީން މެޖިސްޓްރޭޓް ކޯޓުތަކަށްކަނޑައަޅާފައިވާ އޮނިގަނޑު ބިނާކުރާ އުޞޫލުގައި ރަޖިސްޓްރާރއިންގެ މަޤާމު ނެތް ކަމަށެވެ. އެހެންވެ އެކަމުގައި ޖޭއެސްސީއާ މަޝްވަރާކުރައްވައި، އެކަށީގެންވާ ހައްލެއް ލިބޭތޯ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދު އެކަށީގެންވާ ގޮތުގައި ތަންފީޒު ކުރެވެން ފެށުމުން ކޯޓުތަކުގެ މެދުގައި އެއްކަމެއްގައި އެއްގޮތަކަށް ޢަމަލު ކުރެވޭކަން ކަށަވަރު ކުރެވޭނެ ކަމަށާއި އަހަރީ ބައްދަލުވުމުގެ ތެރެއިން މުވައްޒަފުންގެ އަގު ވަޒަންކުރެވި، މުވައްޒަފުންގެ ފަންނީ ތަރައްޤީއަށް ފަހި މާހައުލެއް ޤާއިމު ކުރެވި، ދާއިރާގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހި ވާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަަމަށްވެސް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.