މި އަހަރުގެ ބަލޮންޑޯ އެވޯޑް އޭނާ އަށް ދެތޯ އާދޭސް ނުކުރާނެ ކަމަށް ބާސެލޯނާ އާއި ސްޕޭނުގެ ފޯވާޑް ލަމީން ޔަމާލް ބުނެފިއެވެ.
އޭނާ މިހެން ބުނީ ބަލޮންޑޯ އެވޯޑަށް ވާދަކުރާ ގަދަ 30 ކުޅުންތެރިންގެ ނަން ފްރާންސްގެ މެގަޒިނުން ރޭ އިއުލާނު ކޮށްފައިވަނިކޮށެވެ. ހުސްވި ސީޒަނުގައި ބަލޮންޑޯ ހޯދީ ފްރާންސާއި ޕީއެސްޖީގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭއެވެ. ކުރިން ބާސެލޯނާއަށް ވެސް ކުޅުނު ޑެމްބެލޭ ބުނީ އޭނާގެ ނަޒަރުގައި ބަލޮންޑޯ އެވޯޑް ލިބޭނެ ތިން ކުޅުންތެރިންނަކީ ޕީއެސްޖީގެ ކްވީޗާ ކަވަރަސްކޭލިޔާ އާއި ބަޔާން މިއުނިކްގެ ހެރީކޭން އާއި ރެއާލް މެޑްރިޑްގެ ކީލިއަން އެމްބާޕޭ ކުރެ ކުޅުންތެރިއަކަށް ކަމަށެވެ.
"އޭނާ އަކީ ކީލިއަން (އެމްބާޕޭ)ގެ ރަހުމަތްތެރިއެއް ދޯ. އަހަރެންނަށް ވަރިހަމަ. އަހަރެން އެކަމާ އަޅާނުލަން. ބެލުންތެރިން އަހަރެންނަށް އެވޯޑް ލިބޭތޯ ނުލިބޭތޯ ޖަޖްކުރީމާ އަހަރެންނަށް ފުދޭ. އަހަރެން މިދިޔަ ސީޒަނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" ބަލޮންޑޯ އެވޯޑަށް ޑެމްބެލޭއާ އެންމެ ބޮޑަށް ވާދަކުރި ޔަމާލް ބުންޏެވެ.
އޭނާ ބުނީ އުމުރުން 19 އަހަރުގައި އޭނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި އޭނާއާ ވާދަކުރާ ކުޅުންތެރިންގެ ގައުމުތަކާ ކުޅެ އޭނާ ކާމިޔާބު ހޯދި ކަމަށެވެ.
"އަހަރެން ވޯލްޑް ކަޕް ހޯދާފައި ބެލީ ރަނގަޅަށް އަރާމު ކުރެވޭތޯ. އަހަރެން މިހުރީ އަނެއްކާ ވެސް މި ސީޒަން ކާމިޔާބު ކުރަން ތައްޔާރުވެފައި. ބަލޮންޑޯ އެވޯޑަކީ ހުރިހާ އެއްޗެއް ނޫން. އެއީ ބައެއް ފަހަރު އެންމެ މޮޅު ކުޅުންތެރިޔާ އަށް ލިބެ އެވޯޑެއް ވެސް ނޫން،" ހުސްވި ދެ އަހަރު ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހާސިލް ކުރި ޔަމާލް ބުންޏެވެ.
ބަލޮންޑޯ އެވޯޑް ހަފުލާ އޮންނާނީ މި އަހަރުގެ ފަހުކޮޅުއެވެ.