ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ ގެ ފުލެޓުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަ ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމާއި އެ ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް މިދިޔަ ބުދަ ދުވަހު ވިދާޅުވެފައެވެ.
އެ ކުންފުނިން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢު މިހާރު ފަށައިފައިވާ ކަމަށް ވިދާޅުވެފައެވެ. އެފްޑީސީއިން ވިދާޅުވީ، އެ މަޝްރޫޢުގެ ދަށުން އެ ޓަވަރުތަކުގެ ކުޑަދޮރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން އެ ކުންފުނިން މިހާރު ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫޢު މިހާރު ވަނީ ފެށިފައި. މި މަޝްރޫޢުގެ ދަށުން، އެ ޓަވަރުތަކުގެ ކުޑަދޮރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން މި ކޯޕަރޭޝަނުން މިހާރު ދަނީ… pic.twitter.com/adeX4FhCym
— Fahi Dhiriulhun Corporation Limited (@Fdc_mv) September 9, 2026
އެފްޑީސީއިން ވިދާޅުވީ، ފުލެޓުތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ބަލައި، ކުޑަދޮރުތައް ހުޅުވޭ މިންވަރު ހަތަރު އިންޗިއަށް ކުޑަ ކުރުމަށް ސްޓޮޕާލުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.
"މިގޮތުން އަމާން ޓަވަރުތަކުގައި ހުޅުވޭ ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކޮށް، އެޕާޓްމެންޓްތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ސަލާމަތީ ކަންތައްތައް ރަނގަޅު ކުރުމުގެ މަޝްރޫއެއް،" އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި އެފްޑީސީއިން ވިދާޅުވިއެވެ.
ފަސް އިންޗިއަށް ހުޅުވޭ ދޮރުތައް، ހަތަރު އިންޗިއަށް ހުޅުވޭ ގޮތަށް ސްޓޮޕާލުމުގެ މަސައްކަތް ފެށިފައިވާ ކަަމަށާއި، މީގެ ސަބަބުން ވެންޓިލޭޝަންގެ ދަތިކަމެއް ލިބިގެން ނުދާނެ ކަމަށްވެސް އެފްޑީސީން ވަނީ ވިދާޅުވެފައެވެ.
އެގޮތުން، އެޗްޑީސީންވެސް ދަނީ އެ ކުންފުނީގެ ދަށުން ހިންގަމުންދާ ފްލެޓްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.
މި ފިޔަވަޅުތައް އަޅަން ނިންމައިފައިވަނީ، ދެވަނަ ފިޔަވަހީގެ ފުލެޓުތަކުން ކުޑަ ދެ ކުދިން ވެއްޓުނު ދެ ހާދިސާއެއް ހިނގި ފަހުންނެވެ. އެގޮތުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ސްޓެލްކޯ ފުލެޓަކުން ދެ އަހަރުގެ އަންހެން ކުއްޖަކު ވެއްޓި މަރުވެފައިވާއިރު، އޭގެ ކުރީ ދުވަހު އަމާން އުދަރެސް ޓަވަރަކުން ވަނީ 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެފައެވެ.