ސްރީލަންކާގެ ކޮލަމްބޯގައި މިމަހު 1 އިން 2 އަށް ކުރިއަށްދިޔަ "ރީޖަނަލް ކޮންފަރެންސް އޮން އޯވަސީސް ވޯޓިންގ 2026" ގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ފޯރަމުގައި އެކޮމިޝަން ތަމްސީލު ކުރެއްވީ، ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އުނައިސްއެވެ.
އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް، އައިއީއެފްއެސްއާއި ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަން ގުޅިގެން ކުރިއަށްގެންދިޔަ މި ފޯރަމަކީ، ޤައުމުން ބޭރުގައި ދިރިއުޅޭ އެ ޤައުމެއްގެ ރައްޔިތުން ވޯޓުލުމާ ގުޅޭގޮތުން ހުރި އުޞޫލުތަކާއި ދިމާވާ ގޮންޖެހުންތަކާއި ތަޖުރިބާތައް ޙިއްޞާކުރުމަށް އިންތިޚާބީ އިދާރާތަކުގެ އިސްވެރިންނާއި ކަމާގުޅުންހުރި މާހިރުން އެއްތަނަކުން ބައްދަލުވެ، މަޝްވަރާކޮށް ބައްދަލު ކުރުމުގެ މަޤުޞަދުގައި އިންތިޒާމު ކޮށްފައިވާ ފޯރަމެކެވެ.
މި ފޯރަމުގައި ޤައުމުން ބޭރުގައި ވޯޓުލުމުގެ އިންތިޒާމުތައް އެކުލަވާލުމާއި ތަންފީޒު ކުރުމުގައި ދިމާވާ ދަތިތަކާއި، މުއައްސަސާތަކުގެ އިދާރީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މީގެއިތުރުން މިކަމުގައި އެކި ޤައުމުތަކުން ގެންގުޅޭ އެންމެ ރަނގަޅު އުޞޫލުތަކާއި ބެސްޓް ޕްރެކްޓިސަސް، ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، ތަފާތު އިންތިޚާބީ މާޙައުލުތަކަށް އެކަށޭނަގޮތަށް މި ނިޒާމު ބައްޓަން ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކޮށްފައިވެއެވެ.
މި ފޯރަމުގެ ތެރެއިން ކުރިއަށްދިޔަ "ރީޖަނަލް ރިފްލެކްޝަންސް: ލެސަންސް، އިންސައިޓްސް އެންޑް ޝެއަރޑް ކުއެސްޝަންސް ފްރޮމް، އީ.އެމް.ބީސް" ޕެނަލް ޑިސްކަޝަންގައި، ޕެނަލިސްޓެއްގެ ގޮތުގައި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އުނައިސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ސެޝަނަކީ ޤައުމުން ބޭރުގައި ވޯޓުލުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އެކި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، މި ގޮންޖެހުންތައް ފާހަގަކުރަން ބޭނުންކުރެވިދާނެ އެންމެ އެކަށޭނަ އުޞޫލުތަކާ ގުޅޭގޮތުން އިންތިޚާބީ އިދާރާތަކުގެ މެދުގައި އަގުހުރި ތަޖުރިބާތަކެއް ޙިއްޞާ ކުރި ސެޝަނެކެވެ. މި މަޝްވަރާތަކުގެ ސަބަބުން މި ނިޒާމު ހަރުދަނާކަމާއެކު ހިންގުމުގައި ދިމާވާ ޢާންމު މައްސަލަތަކާއި އެކަންކަމަށް ގެނެވިދާނެ އީޖާދީ ޙައްލުތަކާމެދު ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކޮށްފައިވެއެވެ.
ޕެނަލް ޑިސްކަޝަންސްތަކުގެ އިތުރުން މި ފޯރަމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައްޔާއި، ކަމާގުޅޭ އެކި މުއައްސަސާތަކާއެކު ވަކިވަކިން ބޭއްވި މުހިއްމު ބައްދަލުވުންތަކުގައިވެސް ސެކްރެޓަރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ސަރަޙައްދީ އިންތިޚާބީ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިވެގެން ދިއުމުގެ އިތުރުން، ޤައުމުން ބޭރުގައި ވޯޓުލުމުގެ ނިޒާމު އިތުރަށް ތަރައްޤީކޮށް ތަންފީޒުކުރުމަށް ބޭނުންވާ ޢަމަލީ އަދި އިދާރީ މުހިއްމު މަޢުލޫމާތާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިވި ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.
އަދި މި ކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވުމުގެ ސަބަބުން، ޤައުމުން ބޭރުގައި ވޯޓުލުމުގެ ކަންކަން އެކި ޤައުމުތަކުގައި ކުރިއަށްގެންދާ ގޮތްތައް އަޅާކިޔައި، އެފަދަ ނިޒާމުތައް ތަންފީޒު ކުރުމުގައި ބަލަންޖެހޭ މުއައްސަސާއާއި، އިދާރީ އަދި ހިންގުމުގެ މުހިއްމު މަޢުލޫމާތުތަކެއް ލިބުނު ކަމަށްވެސް އެކޮމިޝަނުން ވިދާޅުވިއެވެ. މީގެއިތުރުން، ސަރަޙައްދީ އިންތިޚާބީ އިދާރާތަކާއި ކަމާގުޅޭ ފަރާތްތަކުގެ މެދުގައި ފަންނީ ގުޅުން ބަދަހިވެ، މަޢުލޫމާތާއި، ތަޖުރިބާއާއި، އެންމެ ރަނގަޅު އުޞޫލުތައް އެއްބަޔަކު އަނެއްބަޔަކާ ޙިއްޞާ ކުރުމަށް އިތުރު ފުރުޞަތުތަކެއް ފަހިވި ކަމަށްވެސް ވިދާޅުވިއެވެ.
ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، ބައިނަލްއަޤްވާމީ މުއައްސަސާތަކާއެކު އޮންނަ ގުޅުން ހަރުދަނާކޮށް، އެހެން ޤައުމުތަކުގެ ތަޖުރިބާއިން އުނގެނުމަށްޓަކައި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މިފަދަ އިންތިޚާބީ ފޯރަމްތަކުގައި ބައިވެރިވުމަށް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއްވައެވެ. މިފަދަ ޙަރަކާތްތަކަކީ ކޮމިޝަނުގެ މުއައްސަސާގެ ޤާބިލުކަން އިތުރު ކުރުމަށާއި، ރާއްޖޭގެ އިންތިޚާބީ އެންމެހައި މަރުޙަލާތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ލިބިގެންދާ ވަރަށް މުހިއްމު ބާރެކެވެ.