ޚަބަރު

އަލްކަރާޒް ބަލިކޮށް ޝެލްޓަން ސެމީފައިނަލަށް


  • މިއީ ޝެލްޓަންއަށް އަލްކަރާޒްގެ މައްޗަށް ކުރި ހޯދުނު ފުރަަތަމަ ފަހަރު

އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓްގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ބަލިކޮށް އެމެރިކާގެ ބެން ޝެލްޓަން މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދައިފިއެވެ.

މިމުބާރާތުަގައި އަށް ވަނައަށް ސީޑު ކުރެވިފައިވާ ޝެލްޓަން މިމެޗު ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ތިން ސެޓް ދެ ސެޓުންނެވެ. އަަރތަރ އޭޝް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ހަތަރު ގަޑި އިރާއި އަށާވީސް މިނެޓަށް ދިގުދެމިގެންދިޔަ އިރު މިމެޗު ނިމުނީ ނިއުޔޯކް ގަޑިން ފަތިހު ތިން ގަޑި ތިރީސް ހަތަރެއްގައެވެ. މިއީ ޔޫއެސް އޯޕަންގެ ތާރީހްގައިވެސް މިހާ ލަހުން މެޗެއް ނިމުން ފުރަަތަމަ ފަހަރެވެ.

މިމެޗުގައި އަލްކަރާޒް އާއި ޝެލްޓަންގެ ފަރާތުންވަނީ ވަރަށް ވާދަވެރި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. ވަރަށް ފޯރީގައި ދެކުޅުންތެރިންވެސް ފެށި ކުއާޓަރ ފައިނަލްގެ މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ފަހެއް ހަތަކުން ކާމިޔާބު ކޮށްފައިވަނީ އަލްކަރާޒްއެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓު ވަރަށް ފަސޭހަ ކަމާއެކު ހައެއް އެކަކުން ޝެލްޓަން ކާމިޔާބު ކުރިއިރު ތިންވަނަ ސެޓު އޭނާ ގެންދިޔައީ ހައެއް ތިނަކުންނެވެ.

މިމެޗުގެ ހަތަރު ވަނަ ސެޓުގައި އަލްކަރާޒްވަނީ އޭނާގެ މޮޅު ކުޅުން ދައްކާ މިސެޓު އެކެއް ހަޔަކުން ކާމިޔާބުކޮށް ފަސް ވަނަ ސެޓަކަށް މިމެޗު ގެންގޮސްފައެވެ. އަދި ފަހު ސެޓު ވަރަށް ހަމަހަމަކޮށް ހައެއް ހަޔަކުން އެއްވަރުވެެ ބެސްޓް އޮފް ޓެންގެ ޓައި ބްރޭކްގައި ދިހައެއް ހަތަކުން ކުރި ހޯދީ އެމެރިކާގެ ސަޕޯޓަރުންގެ އުންމީދު ތަކާއި ގުޅިފައިވާ ޝެލްޓަންއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޝެލްޓަން ބުނީ އެނިމުނީ ހަނގުރާމައެއް ކަމަށެވެ. ޝެލްޓަން ބުނިގޮތުގައި އަލްކަރާޒް އަކީ ޓެނިހުގެ ދުނިޔެ ދުށް އެންމެ މޮޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާ ކަމަށާއި އަލްކަރާޒް ބައެއް ފަހަރު ކުޅެލާ ކުޅުމުގެ ސަބަބުން އޭނާއަށްވެސް ހަދާނެ ގޮތް ހުސްވެގެންދާ ކަމަށެވެ.

ޝެލްޓަންގެ މިކާމިޔާބީއާއެކު 23 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެމެރިކާގެ ކުޅުންތެރިޔަކު ފިރިހެން ސިންގަލްސް އިވެންޓްގެ ތަށި ނަގާތަން ފެނިގެންދިއުމަށް އެޤައުމުގެ ރައްޔިތުން ކުރާ އުންމީދު މިވަނީ އާވެގެން ގޮސްފައެވެ. އެއީ މިމުބާރާތުގެ ފައިނަލްގައި އެއް ކޮޅުން އެމެރިކާގެ ކުޅުންތެރިއެއް ކުޅޭނެކަން ކަށަވަރު ވެގެންދިއުމާއެކުއެވެ.

މިމުބާރާތާއި އަލްކަރާޒް ކުރިމަތިލާފައިވަނީ އަތަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ހަތަރު މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހުއެވެ. އެހެން ކަމުން މިމުބާރާތުގައި އަލްކަރާޒްގެ ފަރާތުން ފެނިގެންދާނީ ކޮން ކަހަލަ ކުޅުމަކާމެދުކަމެއް ގިނަ ބަޔަކު ދިޔައީ މުބާރާތުގެ ކުރިން ސުވާލު އުފައްދަމުންނެވެ. ނަމަވެސް މުބާރާތް ފެށި އަދި މެޗަކަށް ފަހު މެޗެއްގެ ކުޅުން ކުރިއަށް ދިޔައިރު އޭނާގެ އެންމެ މޮޅު ކުޅުން ފެނިގެން ނުދިޔަ ނަމަވެސް މިމުބާރާތުގެ ރަނގަޅު ހިސާބަކަށް ދާނެކަމަށް ބެލެވިގެންދިޔައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ބުނީ މިމެޗު އެދިޔައީ ވަރަށް ތަފާތު ކުޑަކޮށް ކަމަށާއި އެހެން ކަމުން މިމެޗުން މޮޅުނުވުމުން އެހާ ބޮޑަށް މާޔޫސް ނުވާ ކަމަށެވެ. އަދި މިމުބާރާތުގައި އޭނާއަށް ދެއްކުނު ކުޅުމާއި މެޗު ވަރަށް ހިތްހަމަ ޖެހޭ ކަމަށް އަލްކަރާޒް ބުންޏެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގައި ޝެލްޓަން ބައްދަލުކުރާނީ އެގާރަ ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ފްރެންސެސް ޓިއަފޯ އާއެވެ. މިމުބާރާތުގެ ސެމީ ފައިނަލް އިން ޓިއަފޯ ޖާގަހޯދީ އަމިއްލަ ޤައުމުގެ އެލެކްސް މިޝެލްސަން އާއި ބައްދަލުކުރި މެޗު ތިން ސެޓު ދެސެޓުން ނެވެ.

މިމެޗުގެ ފުރަތަމަ ދެސެޓު ފަހެއް ހަތެއް އަދި ތިނެއް ހަޔަކުން ކާމިޔާބު ކޮށް މިޝެލްސަން ރަނގަޅު ލީޑެއް ނެގި ނަމަވެސް ޓިއަފޯވަނީ ހިތްވަރު އެލުވާނުލާ ކުޅެ ޖެހިގެން އައި ތިން ސެޓު ކާމިޔާބު ކޮށްފައެވެ. އެއީ ހަތެއް ފަހެއް، ހައެއް ތިނެއް އަދި ބެސްޓް އޮފް ޓެންގެ ޓައި ބްރޭކަށް ފަސް ވަނަ ސެޓު ގޮސް ދިހައެއް ހަޔަކުން އެޓައި ބްރޭކް ކާމިޔާބު ކޮށްގެންނެވެ.

މިމެޗު ނިމުނު އިރު މިޝެލްސެން ހުރީ އޭނާއަތުން މިމެޗު ގެއްލިގެންދިޔަ ގޮތް ފެނުމުން ފެން ކަޅިވެފައެވެ.