ސޫރިޔާގެ އިދްލިބް ޕްރޮވިންސުގެ ސިޓީއެއް ކަމަށްވާ ސަރްމަދާގައި ހުރި ހަތިޔާރު ރައްކާކުރާ ވަގުތީ ގުދަނެއް ގޮވައި 14 މީހުން މަރުވެ 11އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެއްޖެއެވެ.
ސޫރިޔާގެ ދިފާޢީ ވުޒާރާއިން ބުނީ އެ ގުދަނުގައި ހަތިޔާރުގެ އިތުރުން ހަނގުރާމައިގައި ބޭނުން ނުކޮށް ބާކީވެފައި ހުރި ބައެއް ސާމާނު ރައްކާކޮށްފައި ހުރި ކަމަށެވެ. އެ ތަކެތި އެ ތަނުގައި ރައްކާކޮށްފައި ހުރީ އެހެން ތަނަކަށް ގެންދިޔުމުގެ ކުރިން ވަގުތީ ގޮތުންނެވެ. ދިފާޢީ ވުޒާރާއިން ބުނީ އެ ވުޒާރާއަށް ނިސްބަތްވާ ބައެއް މުވައްޒަފުންނަށް އެ ހާދިސާގައި ޒަޚަމްވެފައިވާ ކަމަށެވެ.
ގޮވުން ހިނގި ސަރަޙައްދުގައި މަދަނީ ދިފާޢުއާއި އަލިފާން ނިވާ ޓީމުތަކުން ދަނީ ޙަރަކާތްތެރިވަމުންނެވެ. ނަމަވެސް ގޮވުމުގެ ސަބަބުން ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގައި ދަތިތައް ދަނީ ކުރިމަތިވަމުންނެވެ. އެއީ މައި ގޮވުމުގެ އިތުރުން އިތުރު ގޮވުންތައް ވެސް އެ ތަނުގައި ގޮވަމުންދާތީއެވެ.
ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހު ވެސް އިދްލިބްގައި ހުންނަ ބިއްނިޝްގައި ވެސް ހަތިޔާރު ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އުޅަނދެއް ވެސް ގޮވައިފައެވެ. އެ ހާދިސާގައި ފަސް މީހުން މަރުވެ ގިނަ ބަޔަކަށް ޒަޚަމްވެފައިވެއެވެ.