ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ނުކުންނައިރު، ޕްރެޝަރު އޮތީ މާޒިޔާއަށް ކަމަށް އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗު ޕޯޗުގަލްގެ ރުއި ގްރެގޯރިއޯ ބުނެފިއެވެ.
މިދިޔަ ފަސް އަހަރުގެ ލީގު ޗެމްޕިއަނުންނަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ. އެޓީމުން ވަނީ މި ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މުބާރާތާއި ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ، ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފައެވެ.
މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގްރެގޯރިއޯ ބުނީ މި މެޗަށް ނުކުންނައިރު އޮޑިއަށްވުރެ ޕްރެޝަރު އޮތީ މާޒިޔާއަށް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުތަކުގައި މާޒިޔާއިން ލީގު ކާމިޔާބުކުރިއިރު، އެ ޓީމުން ފުރަތަމަ މެޗަށް ނުކުންނާނީ އެ ކާމިޔާބީއަކީ އެ ޓީމަށް ހައްގު ކާމިޔާބީއެއްކަން ދައްކައިދޭން ކަމަށް ގްރެގޯރިއޯ ބުންޏެވެ.
ގްރެގޯރިއޯ ބުނީ މި މެޗަށް އޮޑިންވެސް އޮތީ ތައްޔާރުވެފައި ކަމަށެވެ. އަދި މިހާރު އޮޑިއަށް ބިދޭސީ ކުޅުންތެރިން ވެސް ގުޅިފައިވާކަން އޭނާ ފާހަގަކުރިއެވެ.
ގްރެގޯރިއޯ ބުނީ އޮޑިން މިދިޔަ އަހަރު ހޯދި ކާމިޔާބީ ތަކުރާރުކުރަން ނުކުންނައިރު، އެއީ ޕްރެޝަރެއްކަމަށް ނުދެކޭ ކަމަށެވެ. އަދި އޮޑީގެ ސްކޮޑުގައި މިހާރު ތިބި ކުޅުންތެރިންނަށް ބަލާއިރު، ތަޖުރިބާކާރު ކުޅުންތެރިންނާ ޒުވާން ކުޅުންތެރިން އެބަތިބި ކަމަށާއި، އެ ކުޅުންތެރިންގެ ތެރެއިން ތަޖުރިބާކާރު ކުޅުންތެރިން އޭނާއާއެކު ގާތުން މަސައްކަތް ކުރާ ކަމަށް ގްރެގޯރިއޯ ބުންޏެވެ.
ގްރެގޯރިއޯ ބުނީ މި ސީޒަނުގައި މިދިޔަ ސީޒަނުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި މިއީ މުޅިން އައު ސީޒަނެއް ކަމަށާއި، ކޮންމެ ކުލަބަކުން ވެސް މި ފަހަރުގެ ލީގަށް ނުކުންނަނީ ބޮޑެތި ބަދަލުތަކާއެކުގައިކަން އޭނާ ފާހަގަކުރިއެވެ.
މިއީ އޮޑި ސްޕޯޓްސް ކުލަބުން ދިވެހި ލީގުގައި ވާދަކުރާ ދެވަނަ އަހަރެވެ. އެ ޓީމުން ވަނީ މިދިޔަ ސީޒަނުގެ ލީގު ނިންމާލީ ދެވަނައިގައި އޮވެގެންނެވެ.