ޚަބަރު

ޑަބްލިޔުއެޗްއޯއިން ޙަސީނާގެ ދަރިކަނބަލުން އިސްތިއުފާދެއްވައިފި


ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ (ޑަބްލިޔުއެޗްއޯ) ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރު ކަމުގެ މަޤާމުން ސައިމާ ވާޖިދު އިސްތިޢުފާ ދެއްވައިފިއެވެ. ވާޖިދަކީ، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ދަރިކަނބަލުންނެވެ. އޭނާ އިސްތިޢުފާ ދެއްވީ އެ ޖަމުޢިއްޔާއިންނާއި ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ހިންގަމުންދާ މަކަރާއި ޙީލަތުގެ ތަޙުޤީޤުތަކަކާ ގުޅިގެންނެވެ. މިއީ، 2024 ވަނަ އަހަރުގެ މެދުތެރޭގައި ބަންގްލަދޭޝްގައި ހިނގި ހަމަނުޖެހުންތަކަށްފަހު ޙަސީނާގެ ވެރިކަން ވެއްޓުމުގެ ނޭދެވޭ އަސަރު، އޭނާގެ ސިޔާސީ އެކުވެރިންގެ އިތުރުން ޢާއިލާއާ ހަމައަށް ވެސް ފޯރާފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމުގައި މަސްރަޙުގެ ދާރިސުން ވިދާޅުވެއެވެ.

ޑަބްލިޔުއެޗްއޯއިން ވާޖިދުގެ މައްޗަށް ތުހުމަތުކުރަނީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ފައިސާއަށް ޚިޔާނާތްތެރިވުމާއި، ތަޢުލީމީ ފެންވަރު އޮޅުވައިލެއްވުމުގެ އިތުރުން ޤާނޫނާ ޚިލާފަށް ބަންގްލަދޭޝުން ބިމެއް ހޯއްދެވި މައްސަލަތަކުގައެވެ. އޭނާގެ ވަކީލުން ވިދާޅުވީ، ޗައިނާ ދަތުރުގެ މައްސަލައަކީ އޭނާ އެހީތެރިއަކަށް ހެދުނު އިދާރީ ގޯހެއް ކަމަށާއި އޭގައި ހިމެނެނީ އެންމެ 901 އެމެރިކާ ޑޮލަރު ކަމުގައެވެ. އަދި، ބަންގްލަދޭޝުން ބިމެއް ހޯއްދެވީ އެ ޖަމުޢިއްޔާއާ ގުޅުމުގެ ކުރިން ކަމަށާއި، އޯޓިޒަމްގެ މަސައްކަތަށް ލިބިވަޑައިގެންނެވި ޝަރަފުވެރި ޑޮކްޓަރޭޓްގެ މަޢުލޫމާތު ވެސް ޑަބްލިޔުއެޗްއޯގެ އެންމެ މަތީ ވެރިންނަށް ސާފުކޮށްދެއްވާފައިވާނެ ކަމުގައެވެ. ވާޖިދު ވަނީ އޭނާއަށް ކުރެވޭ ހުރިހާ ތުހުމަތަކަށް އިންކާރު ކުރައްވާފައެވެ.

މަކަރާއި ޚިޔާނާތުގެ ދަޢުވާތަކާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި ޑަބްލިޔުއެޗްއޯއިން ވަނީ މުސާރަ ނުލިބޭ ގޮތަށް ވާޖިދު އިދާރީ ޗުއްޓީއެއް ނެންގެވުމަށް މަޖުބޫރު ކުރުވާފައެވެ. ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސްއަށް ފޮނުއްވި އިސްތިޢުފާގެ ސިޓީގައި ވާޖިދު ވިދާޅުވީ، މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމުގެ ސަބަބުން އެ ޖަމުޢިއްޔާގެ އިސްވާރުންނަށް އޮތް އިތުބާރު ގެއްލިފައިވާ ކަމުގައެވެ. އަދި، މުސާރަ ނުލިބި އަހަރެއްހާ ދުވަސް ވުމުން މާލީ ޙާލަތު ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ވިދާޅުވެ، މަޤާމުން އިސްތިޢުފާ ދެއްވުމަށް ނިންމަވާފައިވާ ކަމުގައެވެ.

ވާޖިދު ރަސްމީކޮށް މަޤާމުން ވަކިކުރުމަށް ޑަބްލިޔުއެޗްއޯއިން ރާވަމުންދިޔަކަން ހާމަކޮށް މަޢުލޫމާތު އެނގޭ މަޞްދަރުތަކުން ބުނީ، އައު ޑިރެކްޓަރަކު ހޮވުމުގެ އިންތިޚާބު ޖެނުއަރީ 24 ގައި ބޭއްވުމަށް ތައްޔާރު ކުރަމުންދާ ކަމުގައެވެ. އަދި، އޮކްޓޫބަރު 12 ގައި އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައި، ޑިސެންބަރު މަހު އެ ހުށަހެޅުންތައް ދިރާސާކޮށް ނިންމުމަށް ޑަބްލިޔުއެޗްއޯއިން ރާވާފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. ޑަބްލިޔުއެޗްއީގެ ރީޖަނަލް ޑިރެކްޓަރުންގެ މަޤާމު ފުރުއްވާ ބޭފުޅުންނަކީ ކުއްލި ޙާލަތްތަކަށް އިޖާބަދިނުމާއި ދުނިޔޭގެ ޞިއްޙީ ސިޔާސަތުތައް ކަނޑައެޅުމުގައި ނުފޫޒުގަދަ ބޭފުޅުންތަކެކެވެ. މި މަޤާމަށް ބޭފުޅުން އިންތިޚާބުކުރަނީ އިންޑިއާއާއި ބަންގްލަދޭޝް ހިމެނޭހެން މެންބަރު ޤައުމުތަކުން ކޮންމެ ފަސް އަހަރަކުން އެއްފަހަރުއެވެ.