ޚަބަރު

ބޭރު ފައިސާއާބެހޭ 2 ޤަވާއިދެއް އިސްލާހުކޮށް ގެޒެޓްކޮށްފި


  • ބޭރުފައިސާގެ ޤާނޫނުގެ ދަށުން ރިސޯޓުތަކުން %40 އާމްދަނީ މާރުކުރަން ޖެހޭ

  • މި މިންވަރު މުރާޖާ ކުރުމަށް ހުށަހެޅުމުން ލުއި ދިނުމުގެ އިޚްތިޔާރު މަރުކަޒީ ބޭންކަށް ލިބިދޭ

ބޭރުފައިސާގެ މުޢާމަލާތް ކުރަންޖެހޭ މާލީ އިލްތިޒާމުތައް އެމްއެމްއޭއަށް އަންގަންޖެހޭ ގޮތަށް ބޭރުފައިސާއާއި ބެހޭ އާންމު ޤަވާއިދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން، އިސްލާހުކޮށްފިއެވެ.

ބޭރު ފައިސާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމާއެކު، ދެ ގަވާއިދެއް އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެޒެޓުގައި ވަނީ ޝާޢީއުކޮށްފައެވެ.

ބޭރުފައިސާގެއާއި ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ބޭރުފައިސާއާއި ބެހޭ އާންމު ޤާވާއިދަށް ގެނެވުނު އިސްލާހުގައި، ބޭރުފައިސާގެ ޤާނޫނުގެ ދަށުން ވިޔަފާރިތަކަށް ލުއިތައް ދިނުމުގެ އިޖްރާޢަތުތައް ވަނީ ތަފްސީލް ކޮށްދެއްވާފައެވެ. ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން މިހާރު ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހެއެވެ.

މިގޮތަށް މާރުކުރުމުގައި ބޭރުފައިސާ އިލްތިޒާމުތައް ހަމަޖައްސަން ޖެހޭ ހާލަތުގައި އެކަމުގެ ލުއިތަކެއް ދިނުމުގެ އިޚްތިޔާރު މަރުކަޒީ ބޭންކަށް ވަނީ ދީފައެވެ. ބޭރު ފައިސާއާބެހޭ އާންމު ގަވާއިދަށް ގެނެވުނު އިސްލާހުގައި ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ހާލަތްތަކާއި، އެކަންކަމަށް އޮތޯރިޓީގެ ހުއްދަ ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތްތައް މިހާރު ވަނީ ބަޔާންކޮށްފައިވެއެވެ. އެ ގޮތުން، ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން، ބޭރު ފައިސާއިން އަދާކުރުމަށް ބަޖެޓްކޮށްފައިވާ ޚަރަދު އޮތޯރިޓީއަށް ހުށަހަޅަން ޤާވާއިދުގައި ވަނީ އަންގާފައެވެ.

މި ޤަވާއިދުގެ ދަށުން ޤާނޫނުގައި ބަޔާންކުރާ ލުއިދެވޭނެ ހާލަތްތަކުގެ އިތުރަށް، އެމްއެމްއޭއިން ކަނޑައަޅާ އިތުރު އިލްތިޒާމުތައް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި އިންޝުއަރެންސަށް ފައިސާ ދެއްކުމާއި، ހިއްސާދާރުންގެ މެދުގައި ކުރެވޭ މުޢާމަލާތްތަކާއި، ޤާނޫނުގެ ތެރެއިން ހުއްދަދެވޭ ވިޔަފާރި މުޢަމަލާތްތަކުގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކުގެ މުޢަމަލާތްތަކާއި، މަތީ ތަޢުލީމާއި ގުޅޭ މުޢާމަލާތްތައް ހިމެނެއެވެ.

ބޭރުފައިސާގެ މާރުކުރަންޖެހޭ މިންވަރު މުރާޖާ ކޮށްދިނުމަށް ހުށަހަޅާއިރު، މީރާގެ ޓެކްސް ކްލިއަރެންސް ރިޕޯޓާއި، އަދާކުރަންޖެހޭ އިލްތިޒާމަކާއި ގުޅުންހުރި ލިއުންތައް ހުށަހަަޅަން ޖެހެއެވެ. އެމްއެމްއޭއިން ވަނީ މިމަރުހަލާ އަވަސް ކުރުމަށް ފިޔަވަޅުތައް އަޅާނެކަމަށް ވިދާޅުވެފައެވެ.

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށްވެސް އެމްއެމްއޭއިން ވަނީ އިސްލާހެއް ގެނެސްފައެވެ. މީގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތް ނުވާ ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރަންޖެހެނީ އެ ފަރާތަކަށް ކޮންމެ އަހަރަކު ލިބޭ އާމްދަނީ 15 މިލިޔަން ޑޮލަރަށް އަރާނަމައެވެ. ނަމަވެސް މިހާރު ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މިއަދަދު 25 މިލިޔަން ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އެމްއެމްއޭއިން ވަނީ މި ބަދަލު ރަޖިސްޓްރީ ކުރުމުގެ ޤަވާއިދާއި ބޭރުފައިސާ އާއި ބެހޭ އާންމު ޤަވާއިދުގައިވެސް ހިމަނާފައެވެ. މީގެ އިތުރުން ޤާނޫނުގެ ދަށުން ބަޔާންކޮށްފައިވާ މާރުކުރުމުގެ އިލްތިޒާމުގެ ބޭނުމަށް ހާއްސަ އެކައުންޓެއް ހަމަޖެއްސުމަށް ޤާނޫނުގައި ހިމަނާފައި ވުމާއެކު ރަޖިސްޓްރީ ކުރާއިރު މާރުކުރުމަށް ބޭނުންކުރާ ހާއްސަ އެކައުންޓު ހިމެނުމަށްވެސް ޤަވާއިދުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ބޭރުފައިސާއާއި ބެހޭ ޤާނޫނަށް ފުރަތަމަ އިސްލާހު މިހާރު ތަންފީޒު ކުރަން ފަށާފައިވާއިރު އެމްއެމްއޭއިން ވަނީ ޤާނޫނުގައި ހިމެނޭ ކަންކަން ފުރިހަމައަށް ތަންފީޒުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.