46 ވަނަ ޗެސް އޮލިމްޕިއާޑުގައި ޤައުމު ތަމްސީލުކުރަން ޤައުމީ ރާޒުވާ ޓީމު މިހާރުވަނީ ތައްޔާރުވެފައެވެ. އަންހެން އަދި ފިރިހެން 10 ކުޅުންތެރިން ޤައުމީ ސްކޮޑުން ޖާގަކަށަވަރުކޮށްފަވާއިރު، އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ އުމުރުން ވަރަށް ހަގު ދެ ކުޅުންތެރިން މި ސްކޮޑާއެކު އުޒަބަކިސްތާނުގައި ޤައުމީ ދިދަ ވިހުރާލަން ތައްޔާރުވެފައިތިބުމެވެ.
މިމަހުގެ 15 އިން 28 އަށް ކުރިއަށްދާ ޗެސް އޮލިމްޕިއާޑުގައި ވާދަކުރާ ޤައުމީ ޓީމުގައި ހިމެނޭ އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ އުމުރުން އެންމެ 11 އަހަރުގެ ޢާއިޝަތު ނޯޔާ ޝަހުރުއްދީން ޝަރީފްއެވެ. ޤައުމީ ސްކޮޑުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އުންމީދީ އެތުލީޓުވަނީ މުބާރާތުގެ ތައްޔާރީތައް ދާގޮތް ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.
މުޅިން އަލަށް އޮލިމްޕިއާޑުގައި ވާދަކުރާ އެތުލީޓުގެ އަމާޒަކީ އެންމެ މަދުވެގެން ފަސް ޕޮއިންޓް ހޯދުންކަމަށް ބުނެފައިވާއިރު، މިއީ ނޯޔާގެ ކުރިމަގަށް މުހިންމު ތަޖުރިބާއަކަށްވާނެކަމަށް ނޯޔާ ގަބޫލުކުރެއެވެ. ޤައުމީ ތަމްސީލުކުރުމަށް ބައިނަލްއަޤްވާމީ ބޮޑު މުބާރާތަކަށް ދާން ތައްޔާރުވަމުން އަންނައިރު، މި ދަތުރުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަމަށާ އެހެންކަމުން އެފަރާތްތަކަށް ލޯތްބާއެކު ނޯޔާވަނީ ޝުކުރުއަދާކޮށްފައެވެ.
"އަޅުގަނޑުގެ ޓާގެޓަކީ އެޓްލީސްޓް ފައިވް ޕޮއިންޓްސް ލިބުން. އަޅުގަނޑު ޝުކުރުއަދާކުރާނީ މަންމައަށާ ބައްޕައަށާ ޗެސް ކޯޗުންނަށާ ޗެސްގެ ފްރެންޑުންނަށް" ކުޑަކުޑަ އެތުލީޓު ބުނެފަވެއެވެ.
ނޯޔާ ފަދައިން ޤައުމީ ސްކޮޑުން ޖާގަ ހޯދާފައިވާ ހަގު އަނެއް އެތުލީޓަކީ އުމުރުން 14 އަހަރުގެ އީނާ ޢަބްދުﷲ ހަސަންއެވެ. އީނާވެސް މުބާރާތަށް ތައްޔާރަށްވުމަށް ދުވާލަކު މަދުވެގެން ދެ ގަޑި ހޭދަކުރާއިރު، އެންމެ ދުވަހެއްވެސް ވައްޓާނުލާ ޤަވާއިދުން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަކީ އޭނާގެ އަމާޒެއްކަމަށް އީނާ ފާހަގަކުރިއެވެ.
"ޗެސްއަކީ އަބަދު ފަރިތަކުރަންޖެހޭ އެއްޗެއް. އެއްދުވަހުވެސް މިސްވެއްޖިއްޔާ ފޯކަސްގެއްލޭނެ. ސޯ ހުއްޓުމެއް ނައިސް މިކަން ކުރެވޭތީ މިއުޅެނީ" އީނާ ބުންޏެވެ.
މުޅިން އަލަށް އޮލިމްޕިއާޑަށް ދާ އެތުލީޓު މީގެ ކުރިންވެސްވަނީ ބައިނަލްއަޤްވާމީ މުބާރާތެއްގައި ވާދަކޮށްފައެވެ. އެހެންކަމުން އީނާގެ އުންމީދަކީ އެމުބާރާތުގެ ތަޖުރިބާއިން އިތުރު ހިތްވަރެއްލާ، ކުރިއަށް އޮތް ޗެސްއޮލިމްޕިއާޑުގެ ނަތީޖާ އިތުރަށް ރަނގަޅުކުރުންކަމަށް ޒުވާން އެތުލީޓު ފާހަގަކުރިއެވެ.
"މުބާރާތުގެ ތެރެއިން ކޮންމެވެސް މެޗުތަކެއް ކާމިޔާބުކުރުން ޓާގެޓަކީ. އެކަން ކުރުމަށް ވަރަށް މަސައްކަތްކުރާނަން. ރަނގަޅު ފައިޓެއްދެވުން އުންމީދަކީ" އީނާ ބުންޏެވެ.
ޗެސް އޮލިމްޕިއާޑްގައި ވާދަކުރުމަށް ޤައުމީ ޓީމު ތައްޔާރުވަމުން އަންނަނީ ކްރޮއޭޝިއާގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. މުބާރާތަށް ޤައުމީ ޓީމު އުޒްބަކިސްތާނަށް ފުރާނީ 13 ވަނަ ދުވަހުއެވެ.
އުޒްބަކިސްތާނުގެ ސިލްކް ރޯޑް ސަމަރކަންޑް ކޮމްޕްލެކްސްގައި މުބާރާތުގެ ކުޅުން އޮންނައިރު، މިމުބާރާތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 1800އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ.